ރައީސް އަބްދުﷲ ޔާމީން

ފިނިފެންމާ ގޮވުން ތަހުގީގު ނުކުރަން އޮތީ އެއްބަސްވެފައި: ޔާމީން

ރިޔާސީ ލޯންޗްކޮޅު، ފިނިފެންމާ ގޮވުމުގެ ހާދިސާ ތަހުގީގު ނުކުރުމަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު، އެދިވަޑައިގަތުމުން ސަރުކާރުން އެކަމަށް އެއްބަސްވެފައިވާ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން އަވަހާރަކޮށްލަން ހަމަލާ ދިނީ އެމަނިކުފާނު 2015 ވަނަ އަހަރު ހައްޖަށް ވަޑައިގަތުމަށް ފަހު މާލެ ވަޑައިގަތް "ފިނިފެންމާ" ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލައިގެން ނެވެ. އެ ހަމަލާގައި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އާއި ހަށި ފާރަވެރިންނަށް އެކި ޒަހަމުތައް ލިބިވަޑައިގެންނެވިއެވެ. އެ މައްސަލައިގައި އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް 15 އަހަރުގެ ހުކުމެއް އިއްވި ނަމަވެސް އެ ހުކުމް މިހާރު ވަނީ ބާތިލްކޮށްފަ އެވެ.

އެ ހާދިސާއާ ގުޅޭގޮތުން ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވަނީ ވާހަކަ ދައްކަވާފައެވެ. މި ފަހުން އޭނާ ވަނީ އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ) އަށް ސޮއިކޮށްފައެވެ. ރައީސް ޔާމީން މިރޭ ވިދާޅުވި ގޮތުގައި އަދީބުގެ އިރުޝާދަށް ސަރުކާރުން މަސައްކަތް ކުރަނީ އެ މައްސަލާގައި މުއާޒު ހަތިޔާރަކަށް ބޭނުން ކުރުމަށެވެ.

"ކީއްވެގެންތޯ މިވަރުގެ ބޮޑު ލުޔެއް އަހުމަދު އަދީބަށް ދޭން ދައުލަތަށް މި ޖެހުނީ،" ރައީސް ޔާމީންގެ ވާހަކަފުޅު ފައްޓަވަމުން ސުވާލު ކުރެއްވިއެވެ.

ޕީޕީއެމްގެ ހެޑް އޮފީހުގައި މިރޭ އޮތް ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ބޭނުންވާ ކޮންމެ ކަމެއްގައި ހެއްކަކަށް ބޭނުން ކުރަނީ އަދީބު ކަމަށާ އެކަން އެ ގޮތަށް ކުރަން ޖެހޭ ސަބަބެއް އޮންނާނެ ކަމަށެވެ. އެ ސަބަބު ހާމަކޮށްދެއްވާ ޔާމީން ވިދާޅުވީ ދައުލަތާއި އަދީބާ ދެމެދު އެއްބަސްވުމެއް އެބައޮތް ކަމަށާ އެ އެއްބަސްވުމުގައި އަދީބުގެ އެންމެ ބޮޑު ޝަރުތަކީ ފިނިފެންމާ ލޯންޗު ގޮއްވާލި މައްސަލަ ތަހުގީގު ނުކުރުން ކަމަށެވެ. އަދި އެކަމަށް ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އަދީބުގެ އެދިވަޑައިގަތުމަށް ދައުލަތަށް އެކަން ތަހުގީގު ނުކޮށް ބޭއްވުމުގެ އެއްވެސް އިހުތިޔާރެއް ނޯންނާނެ ކަމަށެވެ. އެއީ ދައުލަތުގެ އިސްވެރިއަކަށް ހުންނަ ބޭފުޅެއްގެ ހައްގާ ގުޅިފައި އޮތް ކަމެއް ނޫން ކަމަށާ އެއީ އަނިޔާ ލިބުނު އެތައް ބައެއްގެ ހައްގާ ގުޅުން އޮތް ކަމެއް ކަމެއް ކަމަށެވެ.

އެވަރުގެ ބޮޑު ޓެރަރިޒަމްގެ އަމަލެއް ތަހުގީގުނުކޮށް ބޭއްވޭނެ އެއްވެސް ހަމައެއް ނޯންނާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ތަހުގީގު ކުރުމާއި ނުކުރުމާއި، ތުހުމަތު ކުރެވޭ މީހުންނަށް ލުއި ދިނުމާއި ނުދިނުމާއި ދައުވާ ކުރުމާއި ނުކުރުމުގެ އުސޫލަށް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އަޅުގަނޑާ ދެކޮޅަށް ހުރިހާ ހެކިބަހެއް ދޭން އަހުމަދު އަދީބު ބޭނުން ކުރަން ޖެހޭ ސަބަބެއް އޮންނަންވާނެ ދެއްތޯ. ދައުލަތުން އަހުމަދު އަދީބާއެކު ހަދާފައި މި އޮއް އެގްރީމަންޓްގައި އެންމެ ބޮޑު ކަމަކަށް މި އޮންނަނީ ފިނިފެންމާ ލޯންޗު ގޮއްވާލި މައްސަލަ މި ސަރުކާރު ދެމި އޮތްހާ ހިނދަކު ތަހުގީގު ނުކުރަން ޝަރުތުކޮށްފައި
އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް | ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު

މި މައްސަލާގައި ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން މުއާޒު އަލީ ބޭނުން ކުރައްވަނީ ހަތިޔާރަކަށް ކަމަށް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މި މައްސަލާގައި މުއާޒު މިހާރު ދައްކަވަނީ ދެކޮޅު ޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ.

"މުއާޒަކަށް އެ ލޯންޗުން އަލިފާން ފެނުނު ކަމަކަށް ނުވޭ،"

ފިނިފެންމާ ލޯންޗުގެ ހާދިސާގެ ވީޑިއޯ ފްޓޭޖް --

މުއާޒު ވަނީ ރިޔާސީ ލޯންޗްކޮޅު، ފިނިފެންމާ ގޮވުމުގެ ހާދިސާއާމެދު ސުވާލު އުފައްދަވައި، ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަށް ތައުރީފު ކުރައްވާފައެވެ.

"އެދުވަހު އަޅުގަނޑު ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއެކު، ނަމަވެސް އާލާސް ކަންފުޅާ އުޅުއްވާތީ އަދީބަށް ވަޑައެއްނުގަނެވުނު، ރައީސް ޔާމީން ރާއްޖެ ވަޑައިގެންނެވުމަށްފަހު ވީއީއޭ ލޯންގްގައި މަޑު ކުރުމެއްވެސްނެތި ވަޑައިގެންނެވީ ލޯންޗް ކޮޅަށް،" މުއާޒް ކުރީން ވިދާޅުވި އެވެ. "ދެން އަޅުގަނޑަށް ފާހަގަވި ކަމަކީ އެމަނިކުފާނު އާންމުގޮތެއްގައި އިންނަވާ ގޮނޑިކޮޅަކު ނޫން އިށީންދެވަޑައިގެންނެވީ، އެމަނިކުފާނު އިށީންދެވަޑައިގަންނަވާ ސީޓްކޮޅު، އެއީ ލޯންޗްގެ އެންމެ އެތެރޭގެ ކަނާތް ފަޅިއަށް ވާގޮތަށް އިންނަވާ ސީޓްކޮޅު އެއީ އެމަނިކުފާނު އާންމު ގޮތެއްގައި އިންނަވާ ސީޓް ކޮޅު، އެތަނުގައި އިށީންދެ ވަޑައިގެންނެވީ ފަސްޓްލޭޑީ، މެޑަމް ފާތުމަތު އިބްރާހިމް، އެއާ ޖެހިގެން މި އިށީންދެ ވަޑައިގެންނެވީ ރައީސް ޔާމީން،"

އޭނާ ވިދާޅުވީ، އެކަމަކީ އޭގެ ކުރިން ދުވަހަކުވެސް ރައީސް ޔާމީން ކުރެއްވި ކަމެއް ނޫން ކަމަށާއި އެއީ އެ ދުވަހު ފާހަގަ ކުރެވުނު އެންމެ ބޮޑު އެއްކަންތައް ކަމަށެވެ. އަދި މިވާހަކަތަކަކީ ދިވެހި ރައްޔިތުންނަށް ހިއްސާ ކުރަންޖެހޭ މައުލޫމާތު ކަމަށްދެކޭ ކަމަށާއި މި މައުލޫމާތު ތަކުގެ ސަބަބުން މިހާރު ކުރިއަށްދާ މި މައްސަލައިގެ ތަހްގީގްތަކާއި ޝަރީއަތްތަކަށްވެސް މުހިންމު މައުލޫމާތުތަކެއް ކަމަށްދެކޭ ކަމަށެވެ.

"ލޯންޗް ގޮވީ މާލޭ ފަޅު ތެރޭގައި އޮއްވައި، އެއާއެކު ފަސްޓް ލޭޑީ އޮތީ ވިއްސާގެން އައިސް އަޅުގަނޑުގެ ފައި ބުޑުގައި، އިތުރު އެއްވެސް ބޭފުޅަކު ފެނިވަޑައެއް ނުގަންނަވާ، އަޅުގަނޑަށް ވެވުނު އެހީއެއް އެވަގުތުވިން، ރައީސް ޔާމީންގެ އޭގެ ކުޑަ ވަގުތު ކޮޅެއް ފަހުން ފެނިވަޑައިގެންނެވީ، ބޮލުގައި ހުރި ކުނޑިތައް ފޮޅަމުން ނިކުންނަވަނިކޮށް، ނަމަވެސް އަޅުގަނޑުމެންގެ މޫނުމަތިން ފެނުނު ވަރުގެ ހާސްކަމެއް ރައީސް ޔާމީންގެ މޫނު ފުޅުއް ފެނިވަޑައެއް ނުގަންނަވާ،" މުއާޒް ކުރީން ވިދާޅުވި އެވެ.