ވާހަކަ

ބުނެދޭށޭރުހެމޭ

(29 ޖުލައި 2018 އާ ގުޅޭ)

"ތީ ބީސްޓެއްތަ؟" ނިމްރާ އަހާލިއެވެ.

"މީ ފުރޭތައެއް... ތިހެން އުޅެންޏާ ކާލަފާނަން އިނގޭ" އަރްސަލްގެ އަތުގެތެރޭގައި ނިމްރާ ހިފަހައްޓާލައިގެން ހުރެ ބުނެލިއެވެ. އެއާއެކު ކުޑަކުއްޖަކު ފަދައިން ނިމްރާ ރޯންފަށައިފިއެވެ. ރާދިން ފެށީ ހޭށެވެ. އަރްސަލް ހުރީ ބޯގޮވާވަރުވެފައެވެ. އޭނާގެ ހަޔާތުގައި ވެސް މިފަދަ ކަމެއް ދުށީ އަލަށެވެ. ނިމްރާއަށް ދިން ބޭހުގެ އަސަރު ކެނޑެންދެން އޭނާގެ ހަށިފާރަވެރިއަކަށް ވާން ޖެހެއެވެ.

"ރާދު ދާންވީނު ގެއަށް" އަރްސަލްއަށް ގަޑިން ވީއިރު އެނގުމުން ބުނެލިއެވެ.

"ތިބުނީ ނިމްއާއެކު އެކަނިވާނޭ ވަގުތު ދޭށޭތަ؟" ހިނިއައިސްފައި އިނދެ ރާދިން ބުނެލިއެވެ.

"ކަމޯން ބްރޯ..." އަރްސަލް ދެފަރާތަށް ބޯހޫރާލިއެވެ. ސަމާސާގެ ހިނިގަނޑެއް ރާދިން ޖަހާލިއެވެ.

"ކަމެއްވާނީ ބުނެފައެއްނޫނެއްނު... ހަމަހޭގައި ނެތި ވެސް ކިތަންމެ ކަމެއް ހިނގައޭ، ނިމް އުޅެފިއްޔާ އަރްސަލްއަށް ތިހެން ދުރުގައި ހުރެވިދާނޭހެން އަހަންނަށް ހަމަ ހީނުވަނީ، ނޯ އޮފެންސް ބްރަދާ، އަހަރެން މިރޭ މިކޮޅުގައި މަޑުކޮށްލާނީ، ނިމް ހަމައަކަށް އެޅެންދެން... ވީ ހޭވް ޓު ބީ ކެއަރފުލް، މައްސަލައަކީ ކޮންކަހަލަ ޑްރަގެއްކަން ނޭނގޭތީ، އާނާ ބުނީ އާންމުކޮށް ޕާޓީ ޑްރަގުގެ އަސަރު ހަތަރުގަޑިއިރާއި ހަގަޑިއިރަށް ވެސް ދެމިގެން ހިނގައިދާނޭކަމަށް، ނިމްއަށް ބަދަލެއް އާދޭތޯ ވެސް ބަލަން ބުނި، ނޭވާލާން އުނދަގޫވެގެން އުޅޭނަމަ ވަގުތުން ހޮސްޕިޓަލަށް ގެންނަން ބުނި، އޭނާ ވެސް ހުރީ ރުޅި ގަދަވެފައި... އެ މީހާ ފުލުހުންނާ ހަވާލުނުކުރީ ކީއްވެހޯ އެހީ" ރާދިން ވާހަކަދެއްކިއެވެ.

"ނިމްއާ ވެސް ސުވާލުކުރާނެ ދޯ އޭރުން، އެގޮތް އަދި ބޭނުމެއްނޫން" ނިމްރާ ހިފަހައްޓަން މަސައްކަތް ކުރަމުން އަރްސަލް ބުނެލިއެވެ.

"ކިސް މީ" ނިމްރާގެ ދެއަތުގައި އަރްސަލް ހިފަހައްޓައިގެން އުޅެނިކޮށް އޭނާގެ މޫނާއި މޫނު ޖެހޭހާ ގާތްކޮށްލަމުން ނިމްރާ ބުނެލިއެވެ. ދެ ލޯ ބޮޑުކޮށްލައިގެން ނިމްރާއަށް ބަލަން އަރްސަލްއަށް ހުރެވުނީއެވެ. ދެން ބަލާލެވުނީ ސޯފާގައި އިން ރާދިންއަށެވެ. އޭނާ އަދިވެސް އިނީ ފާޑަކަށް ހިނިއައިސްފައެވެ.

"ލެޓްސް މޭކް ލަ..." ނިމްރާގެ އަނގަމަތީ އަރްސަލް ކުއްލިއަކަށް އަތްއެޅިއެވެ. އަދި ނިމްރާގެ ނިތްކުރީގައި ބޮސްދިނެވެ. އޭރު ވެސް އަނގަމަތީގައި އަރްސަލްގެ އަތް އޮތްއިރު ނިމްރާ އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. އެހެންވިޔަސް އޭނާ ކިޔާނުކިޔާއެއް ސާފެއްނުވެއެވެ.

"ޕްލީޒް... ނޮޓް ނައު ސްކާލެޓް" ނިމްރާގެ ބޮލުގައި ބޯ ޖައްސާލައިގެން ހުރެ އަރްސަލް މަޑުމަޑުން ބުނެލިއެވެ. ނިމްރާއަށް އަންނަމުންދިޔަ ބަދަލުތަކުން އަރްސަލް ކަންބޮޑުވިއެވެ. އެފަދަ ހަރަކާތްތަކެއް ނިމްރާގެ ފުށުން އެވަގުތު ފެންނަން އަރްސަލް ބޭނުންނުވީއެވެ. އެއްވެސް ޚިޔާލެއް ފިކުރެއްނެތި ކުރެވޭކަންތަކާމެދު ނިމްރާގެ ފަރުވާލެއްނެތެވެ. އެއީ ނިމްރާ ހަމަހޭގައި އުޅޭނޭ ގޮތެއްނޫންކަން އަރްސަލްއަށް އެނގެއެވެ. އެ ހުރިހާ ކަމަކާ ހެދި އަރްސަލްއަށް ރުޅި އާދެވުނީ މިޢުވާނުދެކެއެވެ. ނިމްރާއަށް އެފަދަ ޑްރަގެއް މިޢުވާނޭ ދޭނީ ނިމްރާގެ ފަރާތުން ނުބައި ފައިދާގަނޑެއް ނެގުމުގެ ގަސްދުގައިކަން އަރްސަލްއަށް ވިސްނުނެވެ. އޭނާގެ ރޭވުން ކާމިޔާބުނުވީ ހަމަކިރިޔާއެވެ. ޒިވަންއާއެކު ކޮންޓްރޯލުރޫމު ތެރޭގައި އިނދެވުނުކަން ނަސީބެކޭ އަރްސަލްގެ ހިތަށް އެރިއެވެ.

"އޭނާއަކަށް ދެން ނުކުރޭނެ ސްކާލެޓްއަށް ކަމެއްކުރާކަށް، އައި ވިލް ކީޕް ޔޫ ސޭފް އިނގޭ... އަބަދަށް އަހަރެންގެ މިލްކަކަށް ހަދާނަން، ވަރަށް އަވަހަށް" ނިމްރާގެ ހަރަކާތްތައް ހުއްޓުމަކަށް ގެންނަން މަސައްކަތްކުރަމުން އަރްސަލް ވާހަކަދެއްކީ ހަމައެކަނި ނިމްރާއަށް އިވޭނޭހާ މަޑުމަޑުންނެވެ. އަދި ނިމްރާގެ އަނގަމަތިން އަތް ނަގައި އޭނާގެ ގަމީހުގެ ގޮށްތަށް ނައްޓަން މަސައްކަތް ކުރަމުންދިޔަ ނިމްރާގެ އަތުގައި އަރްސަލް އަލުން ހިފެހެއްޓިއެވެ.

"މިހާރު ބޭނުންނޫނީތަ؟ ދެން ކީއްވެ ކުރިން ބޭނުމޭ ބުނީ" ނިމްރާ ތުންދަމާލަމުން ސުވާލުކުރިއެވެ.

"ބޭނުން... އެކަމަކު... މިހާރު ތި ހުރީ ހަމަހޭގައެއްނޫނެއްނު" އަރްސަލް ބުނެލިއެވެ. އެއާއެކު އަރްސަލްގެ ދެއަތް ފޮޅުވާލާފައި ނިމްރާ ދުރަށް ޖެހުނެވެ.

"ދެން އަތްނުލާތި... ނުބުނާތި ބޭނުމޭ، ލީވް މީ އެލޯން.... ހާދަ ހޫނެކޭ މިވަނީ، ގުދަނެއްތަ މީ" އަރްސަލްއާ ނުރުހުމާއެކު ވާހަކަދެއްކުމަށްފަހު ނިމްރާ ހޫނުވާތީ ވަށައިގެން އެނބުރިލިއެވެ. އެޕާޓްމެންޓަށް އޭނާ ނަޒަރު ހިންގާލީއެވެ. ލައިގެން ހުރީ ޙަފުލާއަށް ޚާއްޞަކޮށް ޚިޔާރުކުރި ކުރު ހެދުމެކެވެ. ދާހިތްލާ ފޯވަމުންދާތީ ލައިގެން ހުރި ހެނދުމުގެ ފަހަތު ޒިބު ނައްޓާލަން އުޅުމުން އަނެއްކާ ވެސް އަރްސަލް އައިސް ނިމްރާ ހިފަހައްޓައިފިއެވެ.

"އާދެބަލަ" އަރްސަލް މިހެން ބުނުމާއެކު ނިމްރާ ގޮވައިގެން ބަދިގެއަށް އައެވެ. އައިލެންޑް ދޮށުގައި ސްޓޫލްގައި ބައިންދާފައި އަރްސަލް އައިސްއަލަމާރި ހުޅުވާލައި ގަނޑުފެން ޓްރޭ ނެގިއެވެ. އޭގައި ހުރި ކުދި ގަނޑުފެންކޮޅުތައް ނަގައި ނިމްރާގެ ކޮންމެ އަތަކަށް ގަނޑުފެންކޮޅެއް ލައިދިނެވެ. ކަރުހިއްކާ ވާހަކަ ބުނެ ނިމްރާ ގަނޑުފެންކޮޅެއް އަނގަޔަށް ލިއެވެ.

"ވަރަށް މީރު ޑްރިންކެއް ހަދައިދެންތަ؟" ރާދިން އައިސް ބަދިގެ ފަރާތަށް ވަންނަމުން ބުނެލިއެވެ. ރާދިން ފެނުމުން ރަކި ހީނލުމަކާއެކު ނިމްރާ ނިކަން އަވަހަށް ބޯޖަހާލިއެވެ.

"ހީ އިޒް ދި ބެސްޓް" އަރްސަލްއަށް ބަލާލާފައި ލޯއަޅާލަމުން ނިމްރާ ރާދިންއަށް ހިނިތުންވެލިއެވެ.

"އެނގޭ އެކަން" ކުޑަކޮށް ހީނލާފައި އަރްސަލް އެއްބަސްވެލިއެވެ.

ރާދިން ލުނބޯއާއި ކުދީނާފަތާއި މާމުއިގެ އިތުރުން އައިސްކިއުބްއާ އެއްކޮށް މޮޖީޓޯއެއް ތައްޔާރުކުރިއެވެ. އަދި ރީތިގޮތަކަށް ތަށީގެ ކައިރިފަށުގައި ލުނބޯ ފޮއްޗެއް ހަރުކޮށްލާފައި ނިމްރާގެ ކުރިމަތީ ތަށި ބެހެއްޓިއެވެ. ނިކަން ގަޔާވެފައި ތަށި ނަގައި ނިމްރާ ތުނބުގައި ޖައްސާލިއެވެ. އާނާ އޮތީ ނިމްރާ ޑީހައިޑްރޭޓް ވިޔަ ނުދިނުމަށް ބުނެފައެވެ. ކަރުހިއްކާ ވާހަކަ ނިމްރާ ބުނުމުން އެކަމާ ރާދިން ކަންބޮޑުވީއެވެ.

ދަންވަރު ތިނެއް ޖަހާ ދިޔަފަހުން ނިމްރާއަށް އަރާފައި ހުރި ފޯރި ކުޑަވިއެވެ. ކޮޓަރިއަށް ވަދެ އޮށޯންނަން ބޭނުންވުމުން އަރްސަލް މަނައެއްނުކުރިއެވެ. ނިމްރާ ގާތު އެނދުގެ އަރިމަތީ އަރްސަލް އިށީނދެލައިގެން އިނެވެ. ދެ ލޯ މަރާލައިގެން އެނދުގައި އޮތް ނިމްރާ ނުނިދާކަން އަރްސަލް ދެނަހުއްޓެވެ. އިރުކޮޅަކު ހިމޭނުން އޮވެފައި ނިމްރާ ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ.

"ބޮލުގަ ރިއްސަނީތަ؟" އަރްސަލް އަހާލިއެވެ. އެއާއެކު ނިމްރާ އާނއެކޭ ބުނުމަށް ބޯޖަހާލިއެވެ.

"މިރޭ ނޭނގެ ވަރަށް ބޮލުގަ ރިއްސާތީ މިއުޅެނީ" ބޮލުގައި ހިފަހައްޓާލައިގެން އޮވެ ލޯ ހުޅުވާލައި ނިމްރާ ބަލާލިއެވެ.

"ނިދާލަނިކޮށް ރަނގަޅުވެދާނެ" އަރްސަލް ލަފާ ދިނެވެ.

"ފެންވަރާލަން ބޭނުމީ" ނިމްރާ ތެދުވަމުން ބުނެލިއެވެ. ބޮލުގައި ރިހުމެއް ހުއްޓެއްކަމަކު ނިމްރާއަށް ހުރީ ވަރަށް ހޫނު ވެސް ވެފައެވެ. އަރްސަލް ބޯޖަހާލުން ފިޔަވައި އިތުރު ހަރަކާތެއް ނުގެނައެވެ. އެނދުން ފައިބައިގެން ވޯކިން ވޯޑްރޮބް ތެރެއަށް ނިމްރާ ވަނެވެ. ގޭތެރޭ އުޅޭއިރު ލާފަދަ ދޫ ޓީޝަޓާކާއި ހަރުވާޅުބުރިއެއް ނަގައި އެ ހިފައިގެން ފާޚާނާއަށް ނިމްރާ ވަނެވެ. ބިލިގާއަށް ފެންއަޅަން އިސްކޫރު ދޫކޮށްލާފައި ނިމްރާ އައިސް ހުއްޓުނީ އަތްދޮނަ ތަށި ހަރުކޮށްފައިވާ ކައުންޓަރު ކައިރިއަށެވެ. މުޅި ފާރު ފޮރުވޭވަރުގެ ލޯގަނޑުން ފެންނަން ހުރި ނިމްރާގެ ސޫރައަށް އޭނާ ބަލާލިއެވެ. މަޑުމަޑުން ހޭވިފައިވާ އިސްތަށިގަނޑު ރީތިކުރަންފެށިއެވެ. އިސްތަށިގަނޑު ތެރެ ވެސް ވަނީ ދާހިތްލާފައެވެ. މޫނުގައި ވެސް ބައެއް އިސްތަށިތައް ހުރީ ތަތްލާފައެވެ.

"ވަރުބަލިވާންވީ ކީއްވެ؟ އަރްސަލްއާއި ރާދުއާ ދިމާވީ މިޢުވާނު އަހަރެން ގާތުގައި ހުއްޓަ... ފަހުންވީ ކިހިނެއްކަމެއް މާ ބޮޑަކަށް ނޭނގުނު، އަހަރެން އަރްސަލްއާއެކު... ނޫން! އެވަރުކަމެއްވީނަމަ އަހަންނަށް އެނގުނީސް، ރާދު ގެއަށް ދިޔައީބާ؟ އަރްސަލް ހިތްހަމަނުޖެހުނުވަރުން މިޢުވާނުގެ ވާހަކައެއް ނުދައްކަން ކަންނޭނގެ އެ އިނީ... ނޫނީ އަހަރެމެން ދެމެދުގައި ކަމެއް ހިނގީތީ އެކަމާ ހެދި އަނގައިން ނުބުނަން އިނީތަ... ނޭނގެ! ހަމައެއްގޮތަކަށް ވެސް ނޭނގެ!... މިޢުވާނު ދިން ޖޫސްތަށްޓަށް އެއްޗެއް އަޅާފައި ހުރީތަ؟ އެ ބޯލި ފަހުން އަހަރެންގެ ބޮލަށް ގޮތެއްވާންފެށީ" ނިމްރާގެ ސިކުނޑި ރަނގަޅަށް މަސައްކަތް ކުރަންފެށީ ދެނެވެ. ކަންކަމާމެދު ފިކުރު ހިންގުނީ އެހެންވެއެވެ.

ފާޚާނާއަށް ވަންގޮތަށް ނިމްރާ ގިނައިރުވާން ފެށުމުން އަރްސަލް ކަންބޮޑުވިއެވެ. ނިމްރާ އަދިވެސް ހަމައަކަށް ނޭޅެނީއޭ އަރްސަލްއަށް ހީވިއެވެ. އެނދުން ތެދުވެގެން އައިސް ފާޚާނާ ދޮރުގައި އަރްސަލް ޓަކި ދެމުން ނިމްރާއަށް ގޮވާލިއެވެ. ވަގުތުން ނިމްރާ ޖަވާބުދިނެވެ.

"އާ ޔޫ އޯކޭ" ދޮރުކައިރީ ހުރެ އަރްސަލް އަހާލިއެވެ.

"މި ނިކުންނަނީ" ނިމްރާ ބުނެލިއެވެ. އެއާއެކު އަރްސަލް އެނބުރި އައިސް އެނދުގައި އިށީނދެއްޖެއެވެ.

ހެއާރޑްރަޔާއިން ނިމްރާ އިސްތަށިގަނޑު ހިއްކާ އަޑު އަރްސަލްއަށް އިވުނެވެ. ގިނައިރެއްނުވެ ނިމްރާ ފާޚާނާއިން ނުކުމެގެން އައެވެ. މަޑުމަޑު މީރުވަހެއް ކޮޓަރީގައި ހަރުލިއެވެ. ނިމްރާ ފެންނަނީ ވަރަށް ތާޒާކޮށެވެ. އަރްސަލް އަތްދިއްކޮށްލުމުން އެ އަތުގައި ހިފުމަށް ނިމްރާ އަވަސްވެލިއެވެ. އަރްސަލްގެ އަތުގެ ތެރެއަށް ނިމްރާގެ އަތްތިލަ ލުމާއެކު ނިމްރާ ގެނެސް އަރްސަލްގެ ގާތުގައި އެނދުގައި ބައިންދައިފިއެވެ.

"އިޓްސް ނޮޓް ޔޯ ފޯލްޓް، އޭނާގެ ފަރާތުން ދެން އުނދަގުލެއް ނުޖެހޭނެ" ނިމްރާގެ މޫނުގައިވި އަސަރުތައް ދެނެގަންނަމުން އަރްސަލް ބުނެލިއެވެ.

"އަހަންނަކަށް ނޭނގެ މިޢުވާނު ޑިނާނައިޓަށް އައިކަމެއް، އެހެން ބާއްވާ އިވެންޓުތަކަށް ވަނުން މަނައެއް ވެސް ނުކުރެވޭނެ، އަރްސަލް!... އަހަރެން... އަހަރެން އޭނާއާ ގުޅޭކަށް އެއްވެސް ވަރަކަށް ނުވިސްނަން، އޭނާދެކެ ލޯތްބެއް ވެސް ނުވޭ... މިހާރު އެނގިއްޖެ އޭނާ ދުވަހަކުވެސް ބަދަލެއްނުވާނޭކަން... މިހާރު އަލުން އަހަރެން ބޭނުންވެގެން އޭނާ އެ އުޅެނީ ކީއްވެކަމެއް އަހަންނަކަށް ވެސް ނޭނގެ، އަހަރެން ވެސް ބޭނުމެއްނޫން އޭނާ ދުށުމަކަށް" ނިމްރާގެ ހިތުގައި އޮތް ގޮތަށް ހާމަކުރިއެވެ. ނިމްރާގެ އަތްތިލައަށް އަރްސަލް ބޮސްދިނެވެ. އަދި ލޯތްބާއެކު ނިމްރާގެ ކޯތާފަތުގައި ފިރުމާލިއެވެ.

"ވާހަކައެއް އަހަންތަ؟" ނިމްރާ އިސްޖަހާލަމުން އަހާލިއެވެ.

"ބުނެބަލަ" ނިމްރާގެ ދަތްދޮޅީގައި ހިފައި އަރްސަލް އެ މޫނު އުފުލާލިއެވެ. އެހެންވިޔަސް ނިމްރާ ނަޒަރު ސީދާއެއް ނުކުރިއެވެ.

"މިރޭ... އަހަރެމެން... މީ... ކަމެއް ހިނގިތަ... އަހަރެމެން ދެ މީހުންގެ ދެމެދުގަ" ނިމްރާ ޔަގީންނުވެފައި އިނދެ އެހިއެވެ. އަރްސަލްގެ އަތުގެ ތެރޭގައި އޭނާ ހިފަހައްޓާލައިގެން އުޅުނު މަންޒަރުތަކެއް ނިމްރާއަށް ސިފަކުރެވުނަސް ވީގޮތެއް މާބޮޑަކަށް ނޭނގެއެވެ.

"އޯ!... ސަމްތިންގް...ޑިޑް...ހެޕެން..." އަރްސަލް ބޯކަހާލަމުން ބުނެލިއެވެ. ނިމްރާގެ މޫނުމަތި ހުދުވެގެން ދިޔައެވެ. އޭނާއަށް ނޭނގި އެ ދެމެދުގައި ގުޅުމެއް ހިނގައިދިޔައީއޭ ޔަގީންކުރެވުނީ އަރްސަލް ބުނި ގޮތުންނެވެ. ސިކުނޑިއަށް ބާރުލެވުނީ ހަނދާނުގައި އެކަމެއް ހިނގައިދިޔަކަމުގެ އެއްވެސް ވަރެއް ނެތީމައެވެ. ހަމައެއާއެކު ނިމްރާގެ ހަށިގަނޑަށް ވެސް ބަދަލުތަކެއް އަތުވެއްޖެކަމުގެ އިޙްސާސް ނުކުރެވޭތީއެވެ. އިރުކޮޅަކު ނިމްރާއަށް ބަލަން އިނދެފައި އަރްސަލް ހީނލިއެވެ.

"ސްކާލެޓް! ނަތިން ހެޕެން... ބޭނުންނުވީކީނޫން އިނގޭ، އަހަރެން ބޭނުމެއްނޫން އަހަރެންގެ މަތިން ސަކްލާޓް ހަނދާންނެތޭކަށް، އެހެންނޫނަސް ރާދު ވެސް އެބައުޅޭ، ދެން ކަންކަމާ ނުވިސްނާ ނިދާލެވޭތޯ ބަލާ، އަހަންނާއި ރާދު ތިރީގައި އެބަތިބިން، ސްކާލެޓް ބޭނުމިއްޔާ މިތާ ވެސް އޮވެދާނަން" އަރްސަލް ހިނިއައިސްފައި އިނދެ ވާހަކަދެއްކިއެވެ.

"ވަޓް! ރާދު ގެއަށް ނުދޭތަ؟ އަރްސަލް ދެން ދޭ" އަރްސަލްގެ މޭގައި އަތްއަޅައި މަޑުމަޑުން ކޮއްޕާލަމުން ނިމްރާ ބުނެލިއެވެ.

"މާދަމާ އޮފީހަށް ނުކުންނާކަށް ނުޖެހޭނެ، އަހަރެން ބޭނުމެއްނޫން ގެއަށް ދާކަށް، މިރޭ ސްކާލެޓް ފެންނަ ހިސާބުގައި ހުންނަން ބޭނުންވަނީ" ނިމްރާއާ ގާތްވެލައި އޭނާގެ ނިތްކުރީގައި އަރްސަލް ބޮސްދިނެވެ. އަދި އެނދުން ތެދުވެ ކޮޓަރިން ނުކުތެވެ.

* * * * *

ނިމްރާ ނިދަން ބާއްވާފައި އަރްސަލް ނުކުތްތާ ގަޑިއެއްހާއިރު ފަހުން އެނބުރި އައެވެ. ނިމްރާއަށް ނިދިފައި އޮތްތަން ފެނުމުން ރަޖާ ރަނގަޅުކޮށްލުމާއެކު އެނބުރި ތިރިއަށް އައީ ހިތްހަމަޖެހިފައި ހުރެއެވެ. އޭރު ސޯފާގައި ޒިވަންއާއި ރާދިން ތިއްބެވެ.

"ނިދީތަ" ޒިވަން އަހާލިއެވެ.

"ނިދިފަ އޮތީ، ޒިވަން! ހުރިހާ ސްޓާފުންނަށް އަންގާ، މި ހޮޓެލްގެ ގޭޓުން އެ ފިރިހެނާ އެތެރެވެގެންނުވާނޭކަން، ފުޓެޖުތަކުގައި އޭނާގެ މޫނު އެނގެން އެބަހުއްޓެއްނު" ސޯފާގައި އައިސް އިށީން އަރްސަލް ބުނެލިއެވެ.

"ހާސްނުވޭ، އެކަން ކޮށްފިން، ކޮންޓްރޯލް ރޫމުގެ ނޯޓިސް ބޯޑަށް ވެސް އަރުވައިފިން" ޒިވަން ޔަގީންކޮށްދިނެވެ.

"ހީ އިޒް އަ ތްރެޓް، ނިމްއަށް އޭނާ ފެނުނީމަ ހުންނަނީ ފާޑަކަށް ބިރުގެންފައި ހުންނަ ގޮތަކަށް، އަހަރެން ވެސް ބޭނުމެއްނޫން އޭނާ ނިމްއާ ކައިރިވާކަށް" ރާދިންގެ ޚިޔާލު ފާޅުކުރިއެވެ. އެއާއެކު ނިމްރާގެ ފަރާތުން އެނގުނު ކަންކަން އަރްސަލް ދެ އެކުވެރިންނަށް ކިޔައިދިނެވެ. ނިމްރާއާ މެދު މިޢުވާނު ކަންތައް ކުރިގޮތެވެ. ޒިވަންއަށް ނިމްރާ ފެނުނީ އޭނާގެ އުމުރުން ވަރަށް ޅައިރުއެވެ. މިހާރު އޭނާއަށް އިޙްސާސްކުރެވެނީ ނިމްރާއަކީ ވަރަށް ގާތް ކުއްޖެއްގެ ގޮތުގައެވެ. ނިމްރާގެ ދިރިއުޅުން ހަލާކުވެގެންދިޔަ ގޮތް އެނގުމުން ޒިވަންގެ ހިތަށް ވެސް އަސަރުތަކެއް ކުރިއެވެ. މިޢުވާނުގެ މައްޗަށް ރުޅިވެރިކަން އުފެދުނެވެ. ނިމްރާއާއި އަރްސަލްމެންނާ ދިމާވީ ގޮތް އެނގެން ޒިވަން ބޭނުންވިއެވެ. އެކަމާ ސުވާލުކުރުމުން ކަންތައްވީގޮތް ކިޔައިދިނީ ރާދިންއެވެ.

"މިހާރު ނިމް އެކަންޏެއްނުވާނެ، އަހަރެންނާއި އަރްސަލްގެ އިތުރުން އޭނާއާ މެދު ވިސްނާ އިތުރު ބަޔަކު ވެސް އެބަތިބި، އޭނާއަށް ދެރައެއްލިބޭކަށް އަހަރެމެން ބޭނުމެއްނޫން" ރާދިން ބުންޏެވެ.

"އަހަރެން ވަކި ބަލަން ހުންނާނެހެން ހީވޭތަ؟ އަހަންނަށް ވެސް ނިމް ޚާއްޞަ" ޒިވަން ބުންޏެވެ.

ތިން ޒުވާނުންގެ މެދުގައި ވެސް ދެކެވުނީ މިޢުވާނުގެ ކިބައިން ނިމްރާ ސަލާމަތްކުރާނޭ ގޮތުގެ ވާހަކައެވެ. ޒިވަންއަކީ ތަފާތު ރައްޓެހިން ގިނަ ޒުވާނެކެވެ. އެކި ދިމާގައި އޭނާގެ ރައްޓެހިން ތިބެއެވެ. އެންއާރް ކުންފުންޏަށް ވެފައި އޮތް ގޮތެއް އޭނާ އޮޅުން ފިލުވާނަން ކަމުގައި ޒިވަން ބުންޏެވެ. އަދި މިޢުވާނަށް ގޮތެއް ހަދަންވީތޯ އަރްސަލްގެ ގާތުގައި އެހިއެވެ. އޭނާ ހުއްދަދީފިއްޔާ އަބަދަށް ނިމްރާއާ ދުރަށް މިޢުވާނު ފޮނުވާލަދީފާނަން ކަމުގައި ވެސް ޒިވަން ބުންޏެވެ. ނަމަވެސް އެހިސާބަށް ކަންތައްތައް ގެންދާކަށް ރާދިން އެއްބަހެއްނުވިއެވެ. މިޢުވާނުގެ ފަރާތުން އިތުރު އުނދަގުލެއް ފޯރައިފިއްޔާ އެފަދަ ފިޔަވަޅެއް އަޅަން ވިސްނާނީ ކަމުގައި ރާދިން ބުންޏެވެ. އެހެންވިޔަސް ޒިވަން ބޭނުންވީ މިޢުވާނަށް ފާރަލާށެވެ. އޭނާ އުޅޭ ނޫޅޭ ގޮތް ބެލުމަށް މީހަކު ބަހައްޓާށެވެ. އޭނާއަށް އެފަދަ ކަމެއް ކުރުމަކީ ނުހަނު ފަސޭހަކަމެކެވެ.

* * * * *

ނިދިފައި ހޭލެވުނު ނިމްރާގެ ބަނޑުގައި ރިއްސަން ފެށިއެވެ. މޭފުރިފައި ހުރި ފަދަ އުނދަގުލެއް ވަމުންދިޔައެވެ. އެހެން އިންދާ މޭނުބައި ކުރަން ފެށުމުން އަވަހަށް އެނދުން ފައިބައިގެން ފާޚާނާއަށް އޭނާ ގޮސްވަނެވެ. ފާޚާނާ ތަށްޓާ ހަމައަށް ފޯރީ ކިރިޔާއެވެ. އޭނާއަށް ހޮޑުލެވުނީއެވެ. އެތައް އިރަކު ފާޚާނާގައި ނިމްރާ އިނެވެ. މީހާ ވާތާވަންދެން ހޮޑުލެވުނެވެ.

"ކޯޗެއް އަޅާފައި ހުރި އެއްޗެއްބާ ބޯންދިނީ" އަނގަ ދޮންނަން ހުރި ނިމްރާގެ ހިތަށް އެރިއެވެ.

"ކިހިނެއްވީ؟" ހުޅުވާފައި ހުރި ފާޚާނާގެ ދޮރުމަތީ އަރްސަލް ހުރިތަން ނިމްރާއަށް ފެނުނީ ދެނެވެ.

"ހޮޑުލެވުނީ... އަދިވެސް ހީވަނީ ހޮޑުލަވާހެން" ނިމްރާ ބުނެލިއެވެ. އަރްސަލް ހާސްވިއެވެ. އޭނާ ނިކަން ބާރަށް ރާދިންއަށް ގޮވާލިއެވެ. ފަޅިސިކުންތެއްގެ ތެރޭ ފެނުނީ ރާދިން އައިސް މަޑުކޮށްލިތަނެވެ. ނިމްރާއަށް ހޮޑުލެވެނީކަން އަރްސަލް ބުނުމާއެކު ރާދިން ވަގުތުން ގުޅީ ޝިހާނާއަށެވެ.

* * * * *

ފޯނުކޯލު ނިންމާލާފައި ކީފާ ވިސްނާލިއެވެ. ކުރަން ބޭނުންކަމެއް ކޮންމެ ގޮތަކުން ވެސް ކާމިޔާބުކުރަން އޭނާ ބޭނުމެވެ. މިހާތަނަށް ކުރިމަތިލި ކޮންމެކަމެއް އޭނާ ކާމިޔާބު ކުރިއެވެ. ނަމަވެސް ހަޔާތުގައި އޭނާއަށް ނުލިބުނީ ލޯތްބެވެ. އޭނާއަކީ ކުޅަދާނަ ދޫހެލޭ ވަކީލެވެ. ވިޔަފާރީގެ ދާއިރާއިން ވެސް ކިޔަވައިގެން ހުރި ޒުވާނެކެވެ. މީހުން ޤަދަރުކުރާ މީހެކެވެ. އެހެންނަމަވެސް އޭނާ އެންމެ ބޭނުންވި ކަންތައް އޮތީ އަދިވެސް ނުވެއެވެ.

"ވާނެ، ކުރާނަން... މިހާތަނަށް ނުކުރާވަރުގެ ކަމެއް ކޮށްގެން އެކަން ކާމިޔާބުވާނީ، މިހާތަނަށް ކުރިމަތިލަމުން އައިގޮތް ބަދަލުކޮށްލަންވީ... އެއީ ރަނގަޅު ވާހަކައެއް، އެހެން ކަންތައް ކުރަނިކޮށް މިކަން ވެސް ވެދާނެ" ފޯނުގެ ކައިރިފަށުގައި އިނގިލި ހާކާލަމުން އަމިއްލަ ނަފްސަށް ކީފާ ހިތްވަރުދިން ކަހަލައެވެ. (ނުނިމޭ)