ހަބަރު

ރިޝްވަތު ކުށް އުވާލާ ކަމަށް ބުނެ ފަތުރަނީ ދޮގެއް: ނިހާން

ގާނޫނުލް އުގޫބާތައް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކުގައި ރިޝްވަތުގެ ކުށް އުނިކުރަން ހިމަނާފައިވާ ކަމަށް ބުނެ މީޑިއާތަކުގައި ފަތުރަނީ ދޮގު މައުލޫމާތެއް ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

ގާނޫނުލްއުގޫބާތުގައި މިހާރު އޮންނަ ގޮތުން 510 ވަނަ މާއްދާއަކީ ދައުލަތުގެ މުވައްޒަފުންނަށް ރިޝްވަތު ދިނުމާއި ހިފުމާ ގުޅޭ މާއްދާ އެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެންބަރު، އިބްރާމް ދީދީ އައިބީ ގާނޫނުލްއަގުބާތައް ހުށަހަޅުއްވާފައިވާ އިސްލާހުތަކުގައި 510 ގައި ރިޝްވަތުގެ ވާހަކައެއް ނުހިމެނެ އެވެ. އޭގެ ބަދަލުގައި ވަނީ ކޯޓުތަކުގެ ހުރުމަތް ކެނޑުމާ ބެހޭ މާއްދާ އެވެ. ނަމަވެސް އެ ގާނޫނާއެކު އުވިގެންދާނެ މާއްދާތައް ކަމަށް ބުނެފައިވާ ބައިގައި ވެސް ރިޝްވަތުގެ މާއްދާ ނުހިމެނެ އެވެ.

އެކަމާ ބެހޭ ގޮތުން ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ މަޖިލީހަށް ހުށަހެޅިފައިވާ ގާނޫނުލްއުގޫބާތަށް ގެނައި އިސްލާހުތަކާ ގުޅިގެން މީޑިއާގައި ފަތުރާ މައުލޫމާތުތައް ސައްހައެއް ނޫން ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނިހާން ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވީ އެކަމާ ބެހޭ ގޮތުން މިއަދު 4:00 ހާއިރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ މައުލޫމާތު ދެއްވާނެ ކަމަށެވެ.

ނިހާން ކުރެއްވި ޓްވީޓް

ރިޝްވަތުގެ ކުށް އުވާލާ ވާހަކައާ ގުޅިގެން އިދިކޮޅު ސިޔާސީ ބޭފުޅުންނާއި ގާނޫނީ ވަކީލުންނާއި އިލްމުވެރިންގެ ފާޑު ކިޔުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ.