ހަބަރު

މަޖިލިސް ސަރަހައްދު ބަންދު، ފުލުހުން ފޯރިއަށް

ރައްޔިތުންގެ މަޖިލީސް ހިމެނޭ ސަރަހައްދު ބަންދުކޮށް، ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.

މަޖިލީސް ހިމެނޭ ގޯޅިތައް ބެރިކެޑް ޖަހާ ބަންދުކޮށް އެ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަކޮށްފަައި ވަނީ ރައްޔިތުން މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އީސީ އިން ކަނޑައަޅާފައިވާ 12 މެންބަރުން މިއަދު ޖަލްސާއަށް ވަޑައިގަންނަވާނެ ކަމަށް ބުނެފައި އޮތުމާ ގުޅިގެނެވެ. މީގެ ކުރިން ވެސް 12 މެންބަރުން މަޖިލީހަށް ވަނުމަށް އެތަށް ފަހަރަކު މަސައްކަތް ކުރި ނަމަވެސް ފުލުހުންނާއި ސިފައިން ވަނީ އެކަމަށް ހުރަސް އަޅައިފަ އެވެ.

މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ފަށާނީ ހެނދުނު 9:00 ހާއިރު އެވެ. ނަމަވެސް މިއަަދުގެ ޖަލްސާ ފަށަން ތާވަަލުކޮށްފައި ވަނީ މެނދުރު ފަހު 1:00 ހާއިރު އެވެ.

މިއަދަުގެ ޖަލްސާއަށް 12 މެންބަރުން ދާން ނިންމީ ސުޕްރީމް ކޯޓުން އެންމެފަހުން އިއްވެވި ހުކުމުން އެ މެންބަރުންގެ ގޮނޑި އަދި ގެއްލިފައިނުވާކަން ކަށަވަރުވެފައިވާތީ އެވެ. މެންބަރުން އެގޮތަށް ވިދާޅުވަނީ ހުކުމުގައި މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކަކީ ވަކިވަކިން ސުޕްރީމް ކޯޓްގެ ބެންޗުން ބަލައި މަޖިލިސް މެންބަރުންގެ ގޮނޑިތަކާ މެދު ގޮތެއް ނިންމަން ޖެހޭ ފަދަ މައްސަލަތަކެއް ކަމަށް ބުނެފައިވާތީ އެވެ.

މިހާތަނަށް އެ 12 މެންބަރުންގެ މައްސަލާގައި ވެސް ސުޕްރީމް ކޯޓުން ނިހާއީ ހުކުމެއް ނުއިއްވަ އެވެ. ހުކުމުގައި ވެސް އެކަން ފާހަގަކޮށްފައިވާއިރު އަށް މެންބަރެއްގެ މައްސަލަ ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި އަނެއް ހަތަރު މެންބަރުންގެ މައްސަލާގައި އަޑުއެހުންތަކެއް ބާއްވައި އެ މައްސަލާގައި ހުކުމެއް ނުއިއްވާ މައްސަލަ ބޭރުކޮށްލާފައިވަނީ އެފަދަ މައްސަލަތަކުގައި ސުޕްރީމް ކޯޓުން އަމަލުކުރަންޖެހޭ ގޮތާ ހިލާފަށް ކަމަށް ވެސް ހުކުމުގައިވެ އެވެ.