ވޮޝިންގްޓަން (ޖުލައި 31) - އޭޝިއާގައި ޗައިނާގެ ނުފޫޒު ވަރުގަދަވާތީ، އެ ސަރަހައްދުގައި އެމެރިކާއިން 113 މިލިއަން ޑޮލަރު އިންވެސްޓު ކުރަން ނިންމާފައިވާ ކަމަށް އެ ގައުމުން އިއުލާނުކޮށްފި އެވެ.
"އިންޑޯ ޕެސިފިކް" އަށް އެމެރިކާއިން ކަނޑައަޅާފައިވާ އާ އިގްތިސޯދީ ސިޔާސަތު އިއުލާނު ކުރައްވަމުން، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ ވިދާޅުވީ އެމެރިކާ އިން ގެންގުޅޭނީ އިގްތިސޯދީ ގޮތުން ބަރޯސާވުމުގެ ބަދަލުގައި، އެކުގައި މަސައްކަތް ކުރެވޭނެ ސިޔާސަތެއް ކަމަށެވެ.
މިގޮތުން އޭޝިއާގެ ގައުމުތަކުގައި އިގްތިސޯދު ޑިޖިޓަލައިޒް ކުރުމާއި، ހަކަތަ އާއި އުމްރާނީ ތަރައްގީއަށް އިންވެސްޓު ކުރާނެ ކަމަށް ޕޮމްޕޭއޯ ވަނީ އެމެރިކާގެ ވިޔަފާރިވެރިންނާއެކު ބޭއްވުނު ބައްދަލުވުމެއްގައި އިއުލާނު ކުރައްވާފަ އެވެ.
އެމެރިކާއިން އޭޝިއާގައި ބިޔަ އިންވެސްޓުމަންޓުތަކެއް އިއުލާނުކޮށްފައިމިވަނީ، ޗައިނާ އިން ދުނިޔޭގެ ބާޒާރު ކޮންޓްރޯލް ކުރުމާއި ދެކޮޅަށް އެމެރިކާ އިން އަމާޒުހިފައިވާ ދަނޑިވަޅެއްގަ އެވެ.
ޗައިނާގެ ބެލްޓް އެންޑް ރޯޑް މަޝްރޫއު އާދެކޮޅަށް އެމެރިކާއިން އިއުލާނުކުރި މި ސިޔާސަތުގެ ދަށުން، އިންވެސްޓު ކުރުމަށް ނިންމާފައިވާ ސަރަހައްދުތަކުގެ ތެރޭގައި، އެމެރިކާގެ ހުޅަނގު ކޯސްޓު، ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކާއި އިންޑިއާ ހިމެނެ އެވެ.
އޭޝިއާ ސަރަހައްދުގައި ޗައިނާގެ ނުފޫޒު ވަރުގަދަކުރުމަށް ބެލްޓް އެންޑް ރޯޑް މަޝްރޫއުގެ ދަށުން އޭޝިއާގެ އެކި ގައުމުތަކުގައި އެތަކެއް ބިލިއަން ޑޮލަރެއް އެ ގައުމުން ވަނީ އިންވެސްޓުކޮށްފަ އެވެ.
"އެމެރިކާ އިން ސިޔާސީ ނުފޫޒަށް އިންވެސްޓެއް ނުކުރާނެ. އިންވެސްޓު ކުރާނީ ގުޅިގެން އިގްތިސޯދު ކުރިއަރުވަން،" ޗައިނާގެ ސިޔާސަތަށް އިޝާރާތް ކުރައްވަމުން ޕޮމްޕޭއޯ ވިދާޅުވި އެވެ.
ޗައިނާ އިން އެމެރިކާގެ ޓެކްނޮލޮޖީ އާއި ވިޔަފާރީގެ އާހިޔާލުތައް ވަގަށްނަގާ ކަމަށް ތުހުމަތުކޮށް، އެމެރިކާ ސަރުކާރުން ވަނީ އެމެރިކާ އަށް ޗައިނާ އިން އެތެރެކުރާ މުދަލުން 200 ބިލިއަން ޑޮލަރު ޓެކްސްގެ ގޮތުގައި ނަގަން އަމާޒުހިފާފަ އެވެ.