ހަބަރު

މަޖިލީހުގެ ދެވަނަ ދައުރު ކުރުކޮށްލަނީ

ރައްޔިތުން މަޖިލީހުގެ ދެވަނަ ދައުރުގެ މުއްދަތު ކުރުކޮށްލަން ގަވައިދު އިސްލާހު ކުރަން މަޖިލީހުގެ އާންމު ކޮމިޓީން އިއްޔެ ފާސްކޮށްފި އެވެ.

މަޖިލީހުގެ ގަވައިދުގައި މިހާރު އޮންނަ ގޮތުން ދެވަނަ ދައުރު ހިނގާނީ ޖޫން 1 އަކުން ފެށިގެން އޮގަސްޓު މަހުގެ ނިޔަލަށެވެ. އަދި ތިން ވަނަ ދައުރު އޮކްޓޯބަރު 1 އަކުން ނޮވެމްބަރު މަހުގެ ނިޔަލަށް ހިނގާނެ އެވެ.

ނަމަވެސް އިއްޔެ އާންމު ކޮމިޓީގެ އަޣުލަބިއްޔަތުން ވަނީ ދެވަނަ ދައުރު އަންނަ އޮގަސްޓު މަހުގެ 16 ވަނަ ދުވަހާ ހަމަޔަށް ކުރުކޮށްލުމަށް ފާސްކޮށްފަ އެވެ. އަދި ތިން ވަނަ ދައުރު ފަށާނީ އޮގަސްޓު 27 އަކަށް ކަމަށް ވެސް އެ ކޮމިޓީ އިން ވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހު މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ އިރު އެ އިސްލާހަށް ވޯޓަށް އެހުން މިއަދު އޮންނާނެ އެވެ.

އާންމު ކޮމިޓީ އިން ވަނީ މަޖިލީހުގެ ގަވައިދުގެ 89 ވަނަ މާއްދާއަށް ވެސް އިސްލާހެއް ހުށަހަޅަން ފާސްކޮށްފަ އެވެ. އެގޮތުން ބިލެއް މަޖިލީހުން ފާސް ކުރުމުގެ ކުރިން އިތުރު އިސްލާހެއް ގެންނަ ބޭނުންވެއްޖެ ނަމަ ނުވަތަ މާއްދާއެއް އުނި ކުރަން ހުށަހަޅަން ބޭނުން ނަމަ އެ ބިލު ކޮމިޓީއަށް ފޮނުވަން ނޫނީ އިސްލާހެއް މަޖިލީހަށް ގެންނަން ފާސް ކުރެވިދާނެ ގޮތަށް އެ ގަވައިދު ވަނީ ބަދަލުކޮށްފަ އެވެ.