ބޭރު ކުޅިވަރު

މެސީ އަކީ އޭލިއަންއެއް: ބުފޮން

Jun 3, 2015

އެހެންވީމަ އޭލިއަނުން ފެނޭތޯ ބެލުމަށް އަޅުގަނޑުމެންގެ ސައިންސްވެރިން ކުރަމުން ދާ މަސައްކަތް އެންމެފަހުން މިވީ ކޮނޑުގައި އޮތް ފުރޯ ވަލުން ހޯދުން ކަހަލަ ކަމަކަށް ނޫން ހެއްޔެވެ؟

އޭލިއަނުން ހޯދަން އަހަރެމެން އަތް ފުނާ އަޅަމުން މި ދަނީ ދުނިޔެއިން ބޭރުގަ އެވެ. އެކަމަކު ހަގީގަތަކީ އިންސާނުން އެ ކުޅިވަރަކަށް އެންމެ ގަދަ އަށް މޮޔަވާ ފުޓްބޯޅައިގެ ދަނޑުގައި އޭލިއަންއެއް އިންސާނެއްގެ ސިފައިގައި ޖާދޫ ދައްކަމުން ގެންދާ ކަމެވެ.

ކޮންމެއަކަސް ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗަށް ތައްޔާރުވަމުން އަންނައިރު މި މެޗުގައި ސްޕެއިންގެ ޗެމްޕިއަމް ބާސެލޯނާއާ ދެކޮޅަށް ނުކުންނަ އިޓަލީގެ ޗެމްޕިއަން، ޔުވެންޓަސްގެ ގޯލުކީޕަރު ޖިއަންލުއިޖީ ބުފޮން ބުނަނީ މިހެންނެވެ. ބާސާގެ ތަރި ލިއޮނަލް މެސީ އަކީ އޭލިއަނެއް ކަމަށެވެ.

"މެސީ އަކީ އިންސާނުންނާ އެކު އުޅޭ އޭލިއަންއެއް،" އަންނަ ހޮނިހިރު ދުވަހު މި އޭލިއަނަކާ ކުރިމަތިލާން ތައްޔާރުވަމުން އަންނަ ބުފޮން މެޗުގެ ކުރިން ބުނަނީ މިހެންނެވެ.

"އަހަރެމެން ހީކުރަން ހަ ވަނަ ދުވަހު އޭނާ ދުނިޔެ އަށް އައިސް އަހަރެމެން ކަހަލަ އާދައިގެ އިންސާނަކަށް ބަދަލުވާނެ ކަމަށް،" މިފަދަ ސަމާސާ ރާގެއްގައި ވާހަކަ ދެއްކިޔަސް މެސީއަކީ އަދި އޭނާގެ ޓީމަކީ ސަމާސާއެއް ނޫން ކަމަށް ބުފޮން ވެސް ގަބޫލުކުރެ އެވެ.

މެސީ އެކަނި ވެސް މި ސީޒަނުގައި 58 ގޯލު ޖަހާފައިވާއިރު އޭނާއާ އެކު ބާސާގެ ކުރިއަށް ކުޅޭ ނޭމާ އާއި ސުއަރޭޒު ވަނީ ލަލީގާގެ ރިކޯޑް ތާވަލް ވެސް މުގުރާލައިފަ އެވެ.

"އަހަންނަށް ހީވަނީ އެއީ މި ގޮތަށް ފެންނަން އޮތް އެންމެ ވަރުގަދަ އެޓޭކް ޓްރިއޯހެން. އެމީހުންގެ އަތުގައި އެ އޮތީ ބިރުގަންނަން ޖެހޭ ވަރުގެ އެޓޭކިން ފޯސްއެއް. އެކަމަކު އަހަރެމެންގެ ޓީމުގައި ވެސް އެބަހުރި ހަތިޔާރު. ފަހަރެއްގައި އެމީހުން ނުހުއްޓުވިދާނެ އެކަމަކު ކޮންމެވެސް ވަރެއް ކުރެވިދާނެ،" ބުފޮން ބުނީ މިހެންނެވެ.

ޖުވެންޓަސްގެ ޑިފެންޑަރު ލިއަނާޑޯ ބަނޫޗީ ވެސް ވަނީ ބާސާ އާއި އެމީހުންގެ އެޓޭކިން ފޯސް އަށް މިފަދައިން ތައުރީފުކޮށްފަ އެވެ.

ބާސާއާ އެކު މެސީ އަނެއްކާ ވެސް ޗެމްޕިއަންސް ލީގުގެ ފައިނަލަކަށް ނުކުންނައިރު މި މެޗުގައި ގޯލު ޖަހައިފި ނަމަ އޭނާ ވެގެންދާނީ ޗެމްޕިއަން ލީގުގެ ތިން ފައިނަލެއްގައި ލަނޑު ޖަހާ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

ބާސެލޯނާ އިން އެންމެ ފަހުން މި ޓްރޮފީ އުފުލާލާފައި ވަނީ 2011 ވަނަ އަހަރު ވެމްބްލީގަ އެވެ. ޔުވެންޓަސް އަށް 1996 ވަނަ އަހަރަށް ފަހު އަދި މި ޓްރޮފީގައި އަތެއް ނުލެވެ އެވެ.