ހަބަރު

އިންޑިއަން ކަލްޗުރަލް ސެންޓަރަށް 7 އަހަރު ފުރުމުގެ އުފާ ކުލަގަދަކޮށް

ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗުރަލް ސެންޓަރު (އައިސީސީ) އަށް ހަތް އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.

އެ ސެންޓަރުގެ ހަތް ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ވަނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލުގައި ހާއްސަ ހަފްލާއެއް ބާއްވާފަ އެވެ. މި ހަފްލާގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓާ އަކީލޭޝް މިޝްރާގެ ދެކަނބަލުންނާއި އާއި އައިސީސީގެ ޑިރެކްޓަރު މުހައްމަދު ހާލިގު ބައިވެރިވެވަޑައިގެންނެވި އެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިސްޓާ އަކިލޭޝް ވިދާޅުވީ، އައިސީސީއާއެކު ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނާއި ދިވެހިންނާއި ދެމެދުގައި އޮންނަ އެކުވެރިކަމުގެ ގުޅުން އިތުރަށް ބޮޑުވެގެން ގޮސްފައިވާތީ އެކަމާއި އުފާކުރައްވާ ކަމަށެވެ.

"މިދިޔަ ހަތް އަހަރު އައިސީސީގެ މަސައްކަތްތައް ވަރަށް ކާމިޔާބު. އަދި ދިވެހިންގެ ފަރާތުން ލިބޭ ލޯތްބާއި އެއްބާރުލުމަށް ޝުކުރުވެރިވަން،" އަކީލޭޝް ވިދާޅުވި އެވެ.

މި ހަފްލާގައި އައިސީސީގައި ކުލާސްތައް ނަގާ ދިވެހި ދަރިވަރުންނާއި އިންޑިއާގެ ދަރިވަރުންގެ ފަރާތުން މުނިފޫހިފިލުވުމުގެ ހާއްސަ ހަރަކާތްތަކެއް ދައްކާލާފައިވެ އެވެ. އައިސީސީ އަންނަނީ މާލޭގައި ޔޯގާ، ޓަބްލާ، ޑާންސް އަދި މިއުޒިކް ކުލާސްތައް ހިންގަމުންނެވެ.