ލައިފްސްޓައިލް

74 އަހަރުގައި އެއްމާބަނޑު ދެބެން ވިހައި ރެކޯޑް ހަދައިފި

އިންޑީއާގެ އަންދްރަ ޕްރަދޭޝް އަންހެނަކު އުމުރުން 74 އަހަރުގައި އެއްމާބަނޑު ދެ ކުދިން ވިހައި ދުނިޔޭގެ ރެކޯޑް ހަދައިފި އެވެ. އެ އަންހެންމީހާއަށް ދަރިން ލިބިފައި މިވަނީ ކައިވެނިކުރިތާ 54 އަހަރު ފަހުންނެވެ.

މަންގަޔައްމާ ކިޔާ މި އަންހެންމީހާގެ ކައިވެންޏަށް ބައި ގަރުނަށްވުރެ ގިނަ ދުވަސްވީއިރު ވެސް ދަރިއަކު ނުލިބި އޭނާ ހުރީ ވަރަށް މާޔޫސްވެފަ އެވެ.

މަންގަޔައްމާ އާއި ފިރިމީހާ ރާއޯއަށް އައިވީއެފްގެ ފަރުވާ ހޯދުމުގެ ޚިޔާލު ލިބުނީ އެމީހުންގެ އަވަށްޓެރިއަކަށް 55 އަހަރުގައި އައިވީއެފްގެ ޒަރިއްޔާއިން ކުއްޖަކު ލިބުމުންނެވެ.

އަވަށްޓެރިޔާ ފަރުވާ ހޯދި ކްލިނިކަށް މި ދެމަފިރިން ގޮސް ވަގުތުން ދަރިއަކު ލިބޭތޯ ފަރުވާ ހޯދަން ފެށި އެވެ. އަދި ދަރިން ހޯދުމުގައި ކާމިޔާބު ހޯދި އެވެ. އަންހެންމީހާ ވިހާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ރާއޯ ބުނި ގޮތުގައި އުމުރުން ދުވަސްވެފައިވީ ނަމަވެސް ދަރިން ލިބުމުން ވަރަށް ބޮޑަށް އެ ދެމަފިރިން ވަނީ ވަރަށް އުފާވެފަ އެވެ. ފާއިތުވީ ނުވަ މަސް ދުވަސް އެމީހުން ހޭދަކުރީ ހޮސްޕިޓަލުގައި ކަމަށް ވެސް ރާއޯ ބުންޏެވެ.

"މިއަދު ދަރިން ފެނުމުގެ ނަސީބު ލިބުމުން ފާއިތުވީ ދުވަސްތަކުގައި އުފުލި ބުރަތައް މުޅީން ހަނދާން ނެތިއްޖެ،" ރާއޯ ބުންޏެވެ.

ރާއޯ ބުނި ގޮތުގައި ދަރިން ބެލުމުގެ ޒިންމާ އުފުލާނީ އޭނާއާއި އަންހެނުންނެވެ.