ލައިފްސްޓައިލް

ބައިސްކަލަށް ބައްޕަ އަރުވައިގެން ދިއްލީން ބިހާރަށް!

ބައެއް ފަހަރު ދިމާވާ ހާލަތުތަކުގައި ކުރެވޭ ނުކުރެވޭ ކަމެއް ވެސް ނޭނގި ވަރަށް އާދަޔާޚިލާފު ހިތްވަރެއް ލިބިގެން ކަންތައްތައް ކުރެވޭތަން އާދެ އެވެ. އާއްމު ދިރިއުޅުމެއްގައި އުޅޭއިރު ކުރެވޭނެ ކަމަށް ހީނުވާ ވަރަށް ގިނަ ކަންތައްތައް ކަމަކާ ޖެހުމުން ބޭއިހުތިޔާރުގައި ނުވަތަ ކަށިން ހިތްވަރު ނެރެގެން ކުރެވެ އެވެ. އިންޑީޔާގެ 15 އަހަރުގެ އަންހެންކުއްޖެއްގެ މި ވާހަކައަކީ އެފަދަ ވާހަކަ އެކެވެ.

ފަޔަށް އަނިޔާ ލިބިފައިވާ ބައްޕަ ބައިސްކަލެއްގައި މަތީ ބައިންދައިގެން މި އަންހެން ކުއްޖާ ވަނީ ދިއްލީން ބިހާރްގެ ޑަރްބަންގާ އަށް 1200 މޭލުގެ ދިގު ދަތުރެއް ކޮށްފަ އެވެ.

ޓައިމްސް އޮފް އިންޑިއާގައިވާ މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި ދަތުރަކީ ހަށިގަނޑަށް ކުރާ ބާރުގެ ސަބަބުން އޮތް ގޮންޖެހުމުގެ އިތުރުން އަންހެންކުއްޖަކު އެކަނި ދަތުރު ކުރަން ރައްކާތެރި މަގުތަކެއް ވެސް ނޫނެވެ. ނަމަވެސް ބައްޕަގެ ފުރާނަ ސަލާމަތް ކުރުމަށް ކުޑަ ކުޑަ ޖޯތީ ހިތްވަރާއެކު މަސައްކަތް ކުރީ ވަރަށް ވަރުގަދަ އަޒުމަކާ އެކުގަ އެވެ.

ގްރޭޑް އަށެއްގައި ކިޔަވަމުންދާ ޖޯތީ ބައިސްކަލް ދުއްވަމުން ދިޔައިރު ވެހިކަލެއްގައި ޖެހިދާނެކަމަށް އިނީ ވަރަށް ބިރުންނެވެ. ސަބަބަކީ މަގުމަތީގެ އެކްސިޑެންޓްތައް ގިނަކަން އޭނާއަށް ވެސް އެނގިފައި ވާތީ އެވެ.

ޖޯތީ ބުނީ ރޭގަނޑުގެ ވަގުތު ތަކުގައި މަގުމަތީގައި ސައިކަލުގައި ދާކަށް އޭނާ ބިރެއް ނުގަނެ އެވެ. ސަބަބަކީ ދުރު ހިސާބުތަކުން އަމިއްލަ ރަށަށް ދާން ދަތުރުކުރަމުންދިޔަ އެތައް ސަތޭކަ މީހުންނާ މަގުމަތިން ބައްދަލުވަމުން ދިޔައިމަ އެވެ.
ޖޯތީ ބުނީ އޭނާގެ ބައްޕައަކީ ދިއްލީގައި އޮޓޯރިކްޝާ ދުއްވާ މީހެކެވެ. ނަމަވެސް ލޮކްޑައުންގެ ސަބަބުން އޮޓޯރިކްޝާ އޭގެ ވެރި ފަރާތަށް ރައްދުކުރަން ޖެހުމުން ބައްޕަގެ ވަޒީފާ ގެއްލުނީ އެވެ. އަދި އޭނާގެ ބައްޕަގެ ފަޔަށް އަނިޔާވެފައިވާތީ އާއި ކުއްޔަށް ދިރިއުޅުނު ތަނަށް ފައިސާ ނުދެއްކި އެ ތަނުން ނުކުންނަން ޖެހުމުން ބައްޕަ ގޮވައިގެން އަމިއްލަ ރަށަށް ދިއުމަށް ޖޯތީ ނިންމީ އެވެ.

މިކަމަށްޓަކައި ދެ ބަފައިން ވަނީ 500 ރުޕީސް ދީފައި ބާ ބައިސްކަލެއް ގަނެފަ އެވެ. އަދި ބައިސްކަލަށް ބައްޕަ ލައިގެން ޖޯތީ ދަތުރު ފެށީ މިމަހުގެ 10 ވަނަ ދުވަހު އެވެ. އޭނާ އަށް މަންޒިލަށް ވާސިލުވެވުނީ މޭ 16 ވަނަ ދުވަހު އެވެ.
ޖޯތީ ބުނީ އެމީހުން ރަށަށް ގެންގޮސް ދޭތޯ ޓްރަކް ޑްރައިވަރުންނާ ވެސް އެ ދެބަފައިން ވާހަކަ ދެއްކި އެވެ. ނަމަވެސް އެމީހުން ގެންގޮސްދޭން ޑްރައިވަރުން އެއްބަސް ވަނީ 6،000 ރުޕީސް އަށެވެ. އެހެންވެ 500 ރުފިޔާއަށް ބައިސްކަލެއް ގަނެގެން ދަތުރު ކުރަން ނިންމީ އެވެ.

މި ވަރުބަލި ދަތުރުގެ ތަޖުރިބާ ހިއްސާ ކުރަމުން ޖޯތީ މީހުން ދިއްލީން ފުރިއިރު އެމީހުންގެ އަތުގައި އޮތީ އެންމެ 600 ރުޕީސް އެވެ. އޭނާ ރެއާ ދުވާލު ސައިކަލު ދުއްވި ކަމަށާއި މާ ބޮޑަށް ވަރުބަލި ވުމުން ޕެޓްރޯލް ސްޓޭޝަނެއްގައި ދެ ތިން ގަޑއިރު މަޑޫކޮށްލައިގެން ތިބެ ވަރުބަލި ފިލުވާލައިގެން އަނެއްކާ ވެސް ދަތުރު ފަށަނީ ކަމަށެވެ. ދަތުރުމަތީގައި ދެބަފައިން ކައިބޮއި ހެދީ ހެޔޮ އެދޭ ފަރާތްތަކުން ހަދިޔާކުރި ކާނާ އާއި ރިލީފް ކޭމްޕްތަކުން ބެހި ކާ އެއްޗެހިން ކަމަށް ވެސް ޖޯތީ ބުންޏެވެ.

ޖޯތީ އާއި އޭނާގެ ބައްޕަ ބައިސްކަލެއްގައި އަމިއްލަ އަވަށް ޑަރްބަންގާ އަށް އައިތަން ފެނިފައި އެ އަވަށު މީހުން ވެސް ވަރަށް ހައިރާންވި އެވެ. ނަމަވެސް އަމިއްލަ ގެއަށް ނުގޮސް އަވަށު ލައިބްރަރީގައި ކަރަންޓީނު ވެގެން 14 ދުވަހު ތިބެން އަވަށު މީހުން އެ ދެބަފައިންނަށް ލަފާ ދިނެވެ. އެތަނުގައި ދެބަފައިން ތިބިއިރު އަވަށު މީހުން އެ މީހުންނަށް ހުރިހާ ވަގުތަކުވެސް ކާ އެއްޗެތި ގެނެސްދެ އެވެ. އަދި އެމީހުންގެ ކިބައިން އެއްވެސް ބައްޔެއްގެ ނިޝާނެއް ފެނޭތޯ ސްކްރީން ވެސް ކުރަމުން ގެންދެ އެވެ.