ހަބަރު

ގައުމުތަކުގެ އަމާންކަމުގެ ސިއްރަކީ ޓެކްސްގެ ފޭރާން ހެޔޮ ނިޒާމު: ނައިބް ރައީސް

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ އިޖުތިމާއީ ހަމަޖެހުމާއި އަމާންކަމުގެ އެއް ސިއްރަކީ ޓެކްސްގެ ފޭރާން ހެޔޮ ނިޒާމެއް ގާއިމުވެފައި އޮތުން ކަމަށް ނައިބް ރައީސް އަބުދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މީރާގެ 8 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ނައިބް ރައީސް ވިދާޅުވީ، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ އިޖުތިމާޢީ ހަމަޖެހުމާއި އަމާންކަމުގެ އެއް ސިއްރަކީ ޓެކްސްގެ ފޭރާން ހެޔޮ ނިޒާމެއް ގާއިމުވެފައި އޮތުންކަމަށާއި، އަދި އެންމެ އާދައިގެ ރައްޔިތުންނާ ހަމައަށް ޓެކްސްގެ މަންފާ ފޯރުންކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ޑަބަލް ޓެކްސް އެވޮއިޑެންސް އެގްރީމަންޓްތައް އެކުލަވައިލުމުގެ މަސައްކަތް މިއަހަރުވެސް ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށާއި، އެ އެގްރީމަންޓްތަކުގެ މަސައްކަތް ކުރަމުންދަނީ، ރާއްޖޭގެ ވިޔަފާރިތަކުން ބޭރުގެ ޤައުމުތަކާއެކު ކުރަމުންދާ މުޢާމަލާތްތަކުގައި ދިމާވާ ދަތިތަކަށް ޙައްލު ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

ޓެކްސްގެ ނިޒާމު ހަރުދަނާކަމާއެކު ކުރިއެރުވުމުގައި މިހާތަނަށް ފާހަގަކުރެވެފައިވާ ގޮންޖެހުންތައް ހައްލުކޮށް، ޤާނޫނުތަކާއި ގަވާއިދުތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މީރާގެ ލަފަޔާއެކު ސަރުކާރުން ކުރަމުން ގެންދާނެ ކަމަށެވެ. އަދި މީރާއިން ކުދި ވިޔަފާރިތަކަށް ދެމުންދާ ލުއިތަކަކީ، ރާއްޖޭގެ އިޤްތިޞާދުގައި އައު ވިޔަފާރިތައް ކުރިއަރުވައި ތަރައްގީކުރުމަށް ވަރަށް މުހިއްމު ކަމެއްކަމުގައި ނައިބް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ނައިބް ރައީސް ޖިހާދު ވިދާޅުވީ، ޓެކްސް ނެގުމުގެ މުހިއްމު ޒިންމާ އަދާކުރާ މީރާގެ މުވައްޒަފުންނަކީ، ޓެކްސް ދައްކާ ފަރާތްތަކުގެ ނަޒަރުގައި މިނިވަންކަމާއި މުސްތަގިއްލުކަމާއެކު މަސައްކަތްކުރާ ބަޔަކަށްވުމަށް އިލްތިމާސް ކުރައްވާ ކަމަށާއި، ޓެކްސް ދައްކާ ހުރިހާ ފަރާތްތަކުންވެސް، އެފަރާތްތަކުގެ ޤާނޫނީ ޒިންމާތައް، ޒިންމާދާރުކަމާއެކު ވަގުތުން ވަގުތަށް ފުރިހަމަކުރަމުން ގެންދިޔުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.