ރާއްޖެ ކުޅިވަރު

ރާއްޖޭގެ ގައުމީ ޓީމަށް ހާއްސަ ޖޯޒީއެއް ޖޯމާ އިން ތައްޔާރުކުރަނީ

ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ހާއްސަ ޖޯޒީއެއް ތައްޔާރުކުރާނެ ކަމަށް ގައުމީ ކިޓް ޕާޓްނަރަކަށް ހަމަޖައްސާފައިވާ ޖޯމާ އިން ބުނެފި އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ގައުމީ ޓީމުގެ ކިޓް ޕާޓްނަރަަކަށް ހަމަޖައްސާފައިވާ ޖޯމާ އިން ރާޢްޖޭގެ ގައުމީ ޓީމަށް ދިން ފުރަތަމަ ޖޯޒީ އާއި ކިޓްތައް ރޭ ވަނީ ލޯންޗްކޮށްފަ އެވެ. އެކަމަކު މި ޖޯޒީތަކަކީ ރާއްޖެ އަށް ހާއްސަކޮށް ހަދާފައިވާ ޑިޒައިންތަކެއް ނޫނެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކާ ވާހަކަދައްކަވަމުން ޖޯމާގެ ސޭލްސް މެނޭޖަރު އިންޓަނޭޝަނަލް ސަންތިއާގޯ ފެނާންޑޭޒް ވިދާޅުވީ ރާއްޖެ އަށް ހާއްސަ ޖޯޒީއެއް އެ ކުންފުނިން ތައްޔާރުކުރާނެ ކަމަށާއި އަންނަ އަހަރު އެ ޖޯޒީ ތައާރަފްކުރާނެ ކަމަށެވެ.

"ޖޯމާ އިން ރާއްޖޭގެ ގައުމީ ޓީމަށް ހާއްސަ ޑިޒައިނަކަށް ޖޯޒީ ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދަން. އަންނަ އަހަރުގެ މާޗު މަހު (ވޯލްޑް ކަޕް ކޮލިފައިންގައި) ރާއްޖެ ކުޅޭ އެ މެޗުގައި ބޭނުންކުރާނީ އެ ޖޯޒީ،" ފެނާންޑޭޒް ވިދާޅުވި އެވެ.

މިއީ ބައިނަލްއަގުވާމީ ބްރޭންޑަކުން ރާއްޖޭގެ ގައުމީ ޓީމަށް ހާއްސަ ޖޯޒީއެއް ތައްޔާރުކުރާ ފުރަތަމަ ފަހަރެވެ. އަދި ބައިނަލްއަގުވާމީ ކުންފުންޏެއް ކިޓް ޕާޓްނަރަކަށް ހަމަޖެއްސި ފުރަތަމަ ފަހަރެވެ. ޖޯމާ އާއި އެފްއޭއެމްއާއެކު ހަތަރު އަހަރުގެ އެއްބަސްވުމެއް ވަނީ ހަދައިފަ އެވެ.

ޖޯމާ އަކީ ސްޕެއިންގައި މަގްބޫލު ބްރޭންޑެކެވެ. އަދި ޔޫރަޕްގެ އެހެން ގައުމުތަކުގައި ވެސް ޖޯމާގެ މަގްބޫލުކަން ދަނީ ބޮޑުވަމުންނެވެ.

ފެނާންޑޭޒް ވިދާޅުވީ އެ ކުންފުނިން އޭޝިޢާ މާކެޓަށް ވަންނަން ބޭނުންވާއިރު، ރާއްޖޭގެ ގައުމީ ޓީމުގެ ފަރާތުން އެ ކުންފުންނަށް ވެސް ފައިދާ ކުރާނެ ކަމަށެވެ.

"ރާއްޖެ އަކީ ޖޯމާ އިން ސްޕޮންސާކުރި އޭޝިއާގެ ފުރަތަމަ ނެޝަނަލް ޓީމު. ޖޯމާ އިން މިހާރު ބޭނުންވޭ އޭޝިއާގެ މާކެޓަށް ވަންނަން. ރާއްޖޭގެ ގައުމީ ޓީމަށް މި ދިން ސްޕޮންސާޝިޕާއެކު، ޖޯމާ އަށް ރަނގަޅު އެކްސްޕޯޝާއެއް ލިބި، އޭޝިއާގެ މާކެޓްގައި ޖޯމާގެ ނަން ހިނގާނެ ކަމަށް އުންމީދުކުރަން،" ސަންތިއާގޯ ވިދާޅުވި އެވެ.

ސަންތިއާގޯ ވިދާޅުވީ ރާއްޖޭގައި ޖޯމާ މާކެޓްކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށެވެ.

ޖޯމާގެ ޖޯޒީގައި ރާއްޖޭގެ ގައުމީ ޓީމު ކުލޭ ފުރަތަމަ މެޗަކަށް ވާނީ ވޯލްޑް ކޮލިފައިންގައި މި މަހުގެ 11 ވަނަ ދުވަހު ގަތަރާ ދެކޮޅަށް މާލޭގައި ގައުމީ ޓީމުގެ ކުޅޭ މެޗެވެ.