ދުނިޔެ

ފަލަސްތީނު މީހުންގެ ރެފިއުޖީ ދަރަޖަ އަތުލަން ޓްރަމްޕް މަސައްކަތް ކުރައްވަނީ

Aug 5, 2018
1

ވޮޝިންގްޓަން (އޯގަސްޓް 5) - އެތަކެއް މިލިއަން ފަލަސްތީނު ރައްޔިތުންނެއްގެ ރެފިއުޖީ ދަރަޖަ އަތުލަން އެމެރިކާ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ގައުމުގެ މަޝްހޫރު މަޖައްލާއަކުން ބުނެފި އެވެ.

އެމެރިކާގައި ހިންގާ "ފޮރިން ޕޮލިސީ" މަޖައްލާގައި ޝާއިއު ކޮށްފައިވާ ރިޕޯޓެއްގައި ބުނާ ގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އެމަނިކުފާނުގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާ އިސްވެ ހުންނަވައިގެން ފަލަސްތީނު ރެޖިއުޖީންގެ ހައްގުގައި މަސައްކަތްކުރާ އދ. ގެ ޖަމިއްޔާ ޔޫއެންއާރްޑަބްލިއުއޭ އަށް ހުރަސްއަޅަން ރާއްވަވާ ކަމަށެވެ.

މިފަދަ މައުލޫމާތެއް ހާމަވެފައިވަނީ، މިދިޔަ ޖެނުއަރީ މަހު ޔޫއެންއާރްޑަބްލިއުއޭ އެމެރިކާ އިން ދޭން ހަމަޖައްސާފައިވާ 125 މިލިއަން ޑޮލަރުގެ އެހީ އިން، 65 މިލިއަން ޑޮލަރު ހިފަހައްޓަން ނިންމާފައި ވަނިކޮށެވެ.

އެފްޕީ އިން ރިޕޯޓުކޮށްފައިވާ ގޮތުން، އެމެރިކާގެ އިސް އޮފިޝަލުންތަކަކަށް ކުޝްނާ ފޮނުއްވި އީމެއިލް އެއްގައި ޔޫއެންއާރުޑަބްލިއުއޭ އަށް ހުރަސްއެޅުމުގެ ފުރިހަމަ މަސައްކަތެއް ކުރަންޖެހިފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ. ޔޫއެންއާރުޑަބްލިއުއޭ އަކީ ކޮރަޕްޓު ޖަމިއްޔާ އެއް ކަމަށާއި، މެދު އިރުމަތީގެ ސުލްހައަށް އޮތް ބޮޑު ހުރަހެއްކަމަށް ވެސް ކުޝްނާ އެ އީމެއިލްގައި ވިދާޅުވެފައިވެ އެވެ.

އިޒްރޭލާއި ފަލަސްތީނު ސުލްހަ ކުރުމަށް އިސްކޮށް ހަރަކާތްތެރިވާ ކުޝްނާ ވަނީ، ޔޫއެންއާރުޑަބްލިއުއޭ ގެ ބާރު ދުއްވާލުމަށް، ޖޯޑަން އިން ހިމާޔަތްދީފައިވާ ފަލަސްތީނު ރައްޔިތުންގެ ރެފިއުޖީ ދަރަޖަ އަތުލުމަށް އެދިފަ އެވެ.

މި ރިޕޯޓާއި ގުޅިގެން އެމެރިކާ ސަރުކާރުން އެއްޗެއް ބުނުމަށް ވަނީ ދެކޮޅުހަދާފަ އެވެ.

ޔޫއެންއާރުޑަބްލިއުއޭ އަށް ހުރަސްއެޅުމަކީ، އިޒްރޭލާއި ފަލަސްތީނު ސުލްހަ ކުރުމަށް ކުޝްނާ އިސްވެ ހުންނަވައިގެން އެމެރިކާ އިން ހުށަހެޅި "ގަރުނުގެ އެންމެ މުހިންމު އެއްބަސްވުން" ގެ ގޮތުގައި ސިފަކޮށްފައިވާ ހުށަހެޅުމުގެ މުހިންމު ބައެއް ކަމުގައި ތަޖުރިބާކާރުން ލަފާކުރެ އެވެ.