ދުނިޔެ

މެދުއިރުމައްޗަށް އެމެރިކާއިން ހުށަހެޅި ސުލްހައިގެ ޕްލޭން ފަލަސްތީނުން ބަލައެއް ނުގަތް

ވޮޝިންގްޓަން (ޖެނުއަރީ 29) - އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ކަނޑައަޅައި ރައީސް ޑޮނަލްޑް ޓްރަމްޕް އާއްމު ކުރެއްވި މެދުއިރުމަތީގެ ސުލްހައިގެ ޕްލޭން އެއްގޮތަކަށް ބަލައިނުގަނެވޭނެ ކަމަށް ފަލަސްތީނުން ބުނެފި އެވެ.

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަރިހުގައި ބަހައްޓަވައިގެން ވައިޓް ހައުސްގައި އާއްމުކުރި ޕްލޭނަކީ ދެ ފަރާތަށްވެސް ފައިދާކުރާ އަދި އިޒްރޭލާއި ފަލަސްތީނުގެ މިނިވަންކަން ކަށަވަރުވާފަދަ "ގަރުނުގެ ބޮޑު އެއްބަސްވުން" ގެ ގޮތުގައި ޓްރަމްޕް ވަނީ ސިފަ ކުރައްވައިފަ އެވެ.

އަދި އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް، ހުޅަނގުގެ އައްސޭރީގައި ހުރި ބިންތަކުން އެއްވެސް ބަޔަކު ނެރެލައިގެން ނުވާނެކަމަށް އެ ޕްލޭނުގައި ވަނީ ކަނޑައަޅައިފަ އެވެ.

އެ ޕްލޭން އާއްމުކުރައްވަމުން ޓްރަމްޕް ވަނީ އެ ހުށަހެޅުންތަކަކީ ފަލަސްތީނަށް ލިބޭނެ ފަހު ފުރުސަތުގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.

ނަމަވެސް، ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުން މިހާރުވެސް ދަނީ މަގުތަކަށް ނުކުމެ އެ ޕްލޭނާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވި ގޮތުގައި ގުދުސް "ވިއްކާލަން" ދުވަހަކުވެސް އެއްބަހެއް ނުވެވޭނެ ކަމަށެވެ.

ޕްލޭނުގެ މައިގަނޑު ޕޮއިންޓްތައް

  • ޕްލޭނުގައި ކަނޑައަޅާފައިވާ ޗާޓުގައިވާ އިޒްރޭލުގެ ބިން އެމެރިކާ އިން ބަލައިގަތުން
  • ފަލަސްތީނުގެ ސަރަހައްދު "ދެގުނަ" ބޮޑުކޮށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި އެތަނުގައި އެމެރިކާގެ އެމްބަސީއެއް ހުޅުވުން
  • ގުދުސް އަކީ ބައިނުކުރެވޭ، އިޒްރޭލުގެ ވެރިރަށް ކަމަށް ކަނޑައެޅުން
  • ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ފުރުސަތު
  • ފަލަސްތީނަށް ކަނޑައެޅި ބިމުގައި ހަތަރު އަހަރު ވަންދެން އެއްވެސް ކަމެއް ނުކުރެވޭ
  • އިޒްރޭލް އަދި ފަލަސްތީނުގެ އެކަކު ވެސް އެ މީހުންގެ ގެދޮރުން ނުނެރުން

ގުދުސަކީ ޔަހޫދީން ފަލަސްތީނަށް އައުމުގެ އެތައް ހާސް އަހަރެއް ކުރިން ކަންއާނީ ދަރިކޮޅުގެ އަރަބީން ބިނާކޮށްފައިވާ ރަށެކެވެ. އެރަށަކީ ދުނިޔޭގައިވާ އެންމެ ގަދީމީ ރަށްތަކުގެ ތެރެއިން ރަށެކެވެ. އަދި އޭގެ އިތުރުން އެއީ މުސްލިމުންގެ ތިންވަނަ ހަރަމްފުޅު ކަމަށްވާ އަލް މަސްޖިދުލް އަގުސާ އެބިމެއްގައިވާ ބިމެވެ.

ފަލަސްތީނުގެ ބިންތައް އިނގިރޭސިން ފޭރިގަތުމަށް ފަހު އެތަނުގައި އިޒްރޭލުގެ ދައުލަތް އުފައްދައި ދިން އިރު އެމީހުންގެ އަތުްދަށުގައި އޮތީ ގުދުސްގެ ހުޅަނގުބައި އެކަންޏެވެ.

ނަމަވެސް އޭގެ ފަހުން 1967 ވަނަ އަހަރު ކުރި ހަދުވަހުގެ ހަނގުރާމައިގައި އިޒްރޭލުން އިރުމަތީ ގުދުސް ހިފި އެވެ. އޭގެ ފަހުން އެމީހުން ދަނީ ގުދުސުން އަރަބީން ހުސްކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އައްބާސް އިތުރަށް ވިދާޅުވި ގޮތުގައި، ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ނޫން ގޮތެއް އެއްވެސް ރައްޔިތަކަށް ދުވަހަކުވެސް ބަލައިނުގަނެވޭނެ ކަމަށެވެ.

"އަހަރެމެން އެއްހާސް ފަހަރުވެސް މި ބުނަނީ، ނޫނެކޭ، ނޫނެކޭ، ނޫނެކޭ. އެންމެ ފުރަތަމަވެސް މި ޕްލޭންއާ ދެކޮޅު ހެދީ މިހެންވެ،" އައްބާސް ވިދާޅުވި އެވެ.

އދ. އިން ބުނީ އެ ޖަމާއަތަށް މިނިވަން ދެ ދައުލަތެއްގެ ގޮތުގައި ބަލައިގަނެވޭނީ 1967 ވަނަ އަހަރު ވެސްޓް ބޭންކް އަދި ގައްޒާ އިޒްރޭލުން ފޭރިގަތުމުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާވާ ސުލްހައިގެ ޕްލޭނެއް ކަމަށެވެ.

ހުރިހާ ގޮތަކުން ފައިދާ އިޒްރޭލަށް

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ޓްރަމްޕްގެ ޕްލޭން ބައްޓަންކޮށްފައިއޮތީ އިޒްރޭލަށް ފައިދާވާ ގޮތަށެވެ.

އެގޮތުން، ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ފުރުސަތު އޮތްކަމަށް ޕްލޭންގައި ބަޔާންކޮށްފައިއޮތަސް، އޭގެ އެއްވެސް ތަފްސީލެއް ހިމަނާފައެއް ނުވެ އެވެ. އަދި ހުޅަނގު އައްސޭރީގެ ބިންތަކަށް ވެރިވެގެން ތިބި ޔަހޫދީން އެ ގޮތުގައި ބޭތިއްބޭގޮތަށް އޮތުމަކީ އަނެއް ކަންބޮޑުވުމެވެ.

އޭގެ އިތުރުން، އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަަމަށް އެމެރިކާއިން މާކުރިން ނިންމާފައިއޮތުމުގެ މާނައަކީ، އިރުމަތީ ގުދުސް އިން ފަލަސްތީނަށް ލިބޭނީ އެންމެ 15 ޕަސެންޓް ކަމަށް ޕީއެލްއޯއިން ވެސް ވަނީ ބުނެފަ އެވެ.