ދުނިޔެ

ޓްރަމްޕްގެ ޕްލޭން އަރަބި އިއްތިހާދުން ބަލައިނުގަތް

Feb 2, 2020

ގާހިރާ (ފެބްރުއަރީ) - އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ކަނޑައަޅައި ރައީސް ޑޮނަލްޑް ޓްރަމްޕް އާއްމު ކުރެއްވި މެދުއިރުމަތީގެ ސުލްހައިގެ ޕްލޭން އިންސާފުވެރި ނޫން ކަމަށް ބުނެ އެ ބަލައި ނުގަންނާނެ ކަމަށް އަރަބި ގައުމުތަކުގެ އިއްތިހާދުން ބުނެފި އެވެ.

މިސްރުގައި އަރަބި ލީގުގެ ކުއްލި ބައްދަލުވުމަކަށް ފަހު އެ އިއްތިހާދުން ބުނީ، އެމެރިކާ އާއި އިޒްރޭލު ގުޅިގެން އެކުލަވައިލި ޕްލޭންގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި އުއްމީދުތަކަށް ރިއާއަތް ކޮށްފައި ނުވާ ކަމަށެވެ.

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަރިހުގައި ބަހައްޓަވައިގެން ވައިޓް ހައުސްގައި އާއްމުކުރި ޕްލޭނަކީ ދެ ފަރާތަށް ވެސް ފައިދާކުރާ އަދި އިޒްރޭލާއި ފަލަސްތީނުގެ މިނިވަންކަން ކަށަވަރުވާފަދަ "ގަރުނުގެ ބޮޑު އެއްބަސްވުން" ގެ ގޮތުގައި ޓްރަމްޕް ވަނީ ސިފަ ކުރައްވާފަ އެވެ.

އަދި އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް، ހުޅަނގުގެ އައްސޭރީގައި ހުރި ބިންތަކުން އެއްވެސް ބަޔަކު ނެރެލައިގެން ނުވާނެ ކަމަށް އެ ޕްލޭނުގައި ކަނޑައަޅައިފައި ވެއެވެ.

އެ ޕްލޭން އާއްމު ކުރައްވަމުން ޓްރަމްޕް ވަނީ އެ ހުށަހެޅުންތަކަކީ ފަލަސްތީނަށް ލިބޭނެ ފަހު ފުރުސަތުގެ ގޮތުގައި ވެސް ސިފަ ކުރައްވާފަ އެވެ.

ނަމަވެސް، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްގެ އެދިވަޑައިގަތުމަށް ބޭއްވި ބައްދަލުވުމުގައި ޓްރަމްޕްގެ ޕްލޭނަށް އަމަލުކޮށް ތަންފީޒު ކުރުމަށް އެ އިއްތިހާދުގައި ހިމެނޭ އެއްވެސް ގައުމަކުން އެއްބާރުލުން ނުދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ޓްރަމްޕްގެ ޕްލޭނުގެ މައިގަނޑު ޕޮއިންޓްތައް

  • ޕްލޭނުގައި ކަނޑައަޅާފައިވާ ޗާޓުގައިވާ އިޒްރޭލުގެ ބިން އެމެރިކާ އިން ބަލައިގަތުން
  • ފަލަސްތީނުގެ ސަރަހައްދު "ދެގުނަ" ބޮޑުކޮށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި އެތަނުގައި އެމެރިކާގެ އެމްބަސީއެއް ހުޅުވުން
  • ގުދުސް އަކީ ބައިނުކުރެވޭ، އިޒްރޭލުގެ ވެރިރަށް ކަމަށް ކަނޑައެޅުން
  • ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ފުރުސަތު
  • ފަލަސްތީނަށް ކަނޑައެޅި ބިމުގައި ހަތަރު އަހަރު ވަންދެން އެއްވެސް ކަމެއް ނުކުރެވޭ
  • އިޒްރޭލް އަދި ފަލަސްތީނުގެ އެކަކު ވެސް އެ މީހުންގެ ގެދޮރުން ނުނެރުން

ގުދުސަކީ ޔަހޫދީން ފަލަސްތީނަށް އައުމުގެ އެތައް ހާސް އަހަރެއް ކުރިން ކަންއާނީ ދަރިކޮޅުގެ އަރަބީން ބިނާކޮށްފައިވާ ރަށެކެވެ. އެރަށަކީ ދުނިޔޭގައިވާ އެންމެ ގަދީމީ ރަށްތަކުގެ ތެރެއިން ރަށެކެވެ. އަދި އޭގެ އިތުރުން އެއީ މުސްލިމުންގެ ތިންވަނަ ހަރަމްފުޅު ކަމަށްވާ އަލް މަސްޖިދުލް އަގުސާ އެބިމެއްގައިވާ ބިމެވެ.

ފަލަސްތީނުގެ ބިންތައް އިނގިރޭސިން ފޭރިގަތުމަށް ފަހު އެތަނުގައި އިޒްރޭލުގެ ދައުލަތް އުފައްދައި ދިން އިރު އެމީހުންގެ އަތުްދަށުގައި އޮތީ ގުދުސްގެ ހުޅަނގުބައި އެކަންޏެވެ.

ނަމަވެސް އޭގެ ފަހުން 1967 ވަނަ އަހަރު ކުރި ހަދުވަހުގެ ހަނގުރާމައިގައި އިޒްރޭލުން އިރުމަތީ ގުދުސް ހިފި އެވެ. އޭގެ ފަހުން އެމީހުން ދަނީ ގުދުސުން އަރަބީން ހުސްކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޓްރަމްޕްގެ ޕްލޭނާ ގުޅޭގޮތުން އދ. އިން ބުނެފައިވަނީ އެ ޖަމާއަތަށް މިނިވަން ދެ ދައުލަތެއްގެ ގޮތުގައި ބަލައިގަނެވޭނީ 1967 ވަނަ އަހަރު ވެސްޓް ބޭންކް އަދި ގައްޒާ އިޒްރޭލުން ފޭރިގަތުމުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާވާ ސުލްހައިގެ ޕްލޭނެއް ކަމަށެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ޓްރަމްޕްގެ ޕްލޭން ބައްޓަންކޮށްފައިއޮތީ އިޒްރޭލަށް ފައިދާވާ ގޮތަށެވެ.

އެގޮތުން، ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ފުރުސަތު އޮތްކަމަށް ޕްލޭންގައި ބަޔާންކޮށްފައިއޮތަސް، އޭގެ އެއްވެސް ތަފްސީލެއް ހިމަނާފައެއް ނުވެ އެވެ. އަދި ހުޅަނގު އައްސޭރީގެ ބިންތަކަށް ވެރިވެގެން ތިބި ޔަހޫދީން އެ ގޮތުގައި ބޭތިއްބޭގޮތަށް އޮތުމަކީ އަނެއް ކަންބޮޑުވުމެވެ.

އޭގެ އިތުރުން، އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަަމަށް އެމެރިކާއިން މާކުރިން ނިންމާފައިއޮތުމުގެ މާނައަކީ، އިރުމަތީ ގުދުސް އިން ފަލަސްތީނަށް ލިބޭނީ އެންމެ 15 ޕަސެންޓް ކަމަށް ޕީއެލްއޯއިން ވެސް ވަނީ ބުނެފަ އެވެ.