ދުނިޔެ

ޓްރަމްޕްގެ ޕްލޭނަށް އެއްބާރުލުން ނުދޭން އޯއައިސީން އަންގައިފި

Feb 3, 2020

ޖިއްދާ (ފެބްރުއަރީ 3) - އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ކަނޑައަޅައި ރައީސް ޑޮނަލްޑް ޓްރަމްޕް އާއްމު ކުރެއްވި މެދުއިރުމަތީގެ ސުލްހައިގެ ޕްލޭން ބަލައި ނުގަނެ އެ ޕްލޭން ތަންފީޒު ކުރުމަށް އެއްބާރުލުން ނުދޭން، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން މެންބަރު ގައުމުތަކަށް އަންގައިފި އެވެ.

މިއަދު ސައުދީ އަރަބިއްޔާގައި ބޭއްވި ބައްދަލުވުމުގައި، 57 މެންބަރުންގެ މައްޗަށް އެކުލެވޭ އޯއައިސީން ވަނީ އެއްވެސް ގޮތަކަށް އެމެރިކާގެ ޕްލޭނަށް އެއްބާރުލުން ނުދޭން މެންބަރު ގައުމުތަކަށް އަންގާފަ އެވެ.

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްގެ އެދިވަޑައިގަތުމަށް ބޭއްވި ބަދަލުވުމުގައި އދ. އަށް ފަހު ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ޖަމިއްޔާއިން އެގޮތަށް އަންގާފައި ވަނީ، އެ ޕްލޭން ބަލައި ނުގަތުމަށް އަރަބި ގައުމުތަކުގެ އިއްތިހާދު އަރަބި ލީގުން ވެސް ނިންމާފައި ވަނިކޮށެވެ.

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަރިހުގައި ބަހައްޓަވައިގެން ވައިޓް ހައުސްގައި އާއްމުކުރި ޕްލޭނަކީ ދެ ފަރާތަށް ވެސް ފައިދާކުރާ އަދި އިޒްރޭލާއި ފަލަސްތީނުގެ މިނިވަންކަން ކަށަވަރުވާފަދަ "ގަރުނުގެ ބޮޑު އެއްބަސްވުން" ގެ ގޮތުގައި ޓްރަމްޕް ވަނީ ސިފަ ކުރައްވާފަ އެވެ.

އަދި އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް، ހުޅަނގުގެ އައްސޭރީގައި ހުރި ބިންތަކުން އެއްވެސް ބަޔަކު ނެރެލައިގެން ނުވާނެ ކަމަށް އެ ޕްލޭނުގައި ކަނޑައަޅައިފައި ވެއެވެ.

އެ ޕްލޭން އާއްމު ކުރައްވަމުން ޓްރަމްޕް ވަނީ އެ ހުށަހެޅުންތަކަކީ ފަލަސްތީނަށް ލިބޭނެ ފަހު ފުރުސަތުގެ ގޮތުގައި ވެސް ސިފަ ކުރައްވާފަ އެވެ.

ޓްރަމްޕްގެ ޕްލޭނުގެ މައިގަނޑު ޕޮއިންޓްތައް

  • ޕްލޭނުގައި ކަނޑައަޅާފައިވާ ޗާޓުގައިވާ އިޒްރޭލުގެ ބިން އެމެރިކާ އިން ބަލައިގަތުން
  • ފަލަސްތީނުގެ ސަރަހައްދު "ދެގުނަ" ބޮޑުކޮށް އިރުމަތީ ގުދުސަކީ ފަލަސްތީނުގެ ވެރިރަށަށް ހަދައި އެމެރިކާގެ އެމްބަސީއެއް ހުޅުވުން
  • ގުދުސަކީ ބައި ނުކުރެވޭ، އިޒްރޭލުގެ ވެރިރަށް ކަމަށް ކަނޑައެޅުން
  • ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ފުރުސަތު
  • ފަލަސްތީނަށް ކަނޑައެޅި ބިމުގައި ހަތަރު އަހަރު ވަންދެން އެއްވެސް ކަމެއް ނުކުރެވޭ
  • އިޒްރޭލް އަދި ފަލަސްތީނުގެ އެކަކު ވެސް އެ މީހުންގެ ގެދޮރުން ނުނެރުން

ގުދުސަކީ ޔަހޫދީން ފަލަސްތީނަށް އައުމުގެ އެތައް ހާސް އަހަރެއް ކުރިން ކަންއާނީ ދަރިކޮޅުގެ އަރަބީން ބިނާ ކޮށްފައިވާ ރަށެކެވެ. އެރަށަކީ ދުނިޔޭގައިވާ އެންމެ ގަދީމީ ރަށްތަކުގެ ތެރެއިން ރަށެކެވެ. އަދި އޭގެ އިތުރުން އެއީ މުސްލިމުންގެ ތިންވަނަ ހަރަމްފުޅު ކަމަށްވާ އަލް މަސްޖިދުލް އަގުސާ އެ ބިމެއްގައިވާ ބިމެވެ.

ފަލަސްތީނުގެ ބިންތައް އިނގިރޭސިން ފޭރިގަތުމަށް ފަހު އެތަނުގައި އިޒްރޭލުގެ ދައުލަތް އުފައްދައި ދިން އިރު އެމީހުންގެ އަތުްދަށުގައި އޮތީ ގުދުސްގެ ހުޅަނގުބައި އެކަންޏެވެ. ނަމަވެސް އޭގެ ފަހުން 1967 ވަނަ އަހަރު ކުރި ހަ ދުވަހުގެ ހަނގުރާމައިގައި އިޒްރޭލުން އިރުމަތީ ގުދުސް ހިފި އެވެ. އޭގެ ފަހުން އެމީހުން ދަނީ ގުދުސުން އަރަބީން ހުސް ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޓްރަމްޕްގެ ޕްލޭނާ ގުޅޭގޮތުން އދ. އިން ބުނެފައި ވަނީ އެ ޖަމާއަތަށް މިނިވަން ދެ ދައުލަތެއްގެ ގޮތުގައި ބަލައިގަނެ ވޭނީ 1967 ވަނަ އަހަރު ވެސްޓް ބޭންކް އަދި ގައްޒާ އިޒްރޭލުން ފޭރިގަތުމުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާވާ ސުލްހައިގެ ޕްލޭނެއް ކަމަށެވެ.

މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ޓްރަމްޕްގެ ޕްލޭން ބައްޓަން ކޮށްފައި އޮތީ އިޒްރޭލަށް ފައިދާވާ ގޮތަށެވެ.

އެގޮތުން، ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ފުރުސަތު އޮތް ކަމަށް ޕްލޭންގައި ބަޔާން ކޮށްފައި އޮތަސް، އޭގެ އެއްވެސް ތަފްސީލެއް ހިމަނާފައެއް ނުވެ އެވެ. އަދި ހުޅަނގު އައްސޭރީގެ ބިންތަކަށް ވެރިވެގެން ތިބި ޔަހޫދީން އެ ގޮތުގައި ބޭތިއްބޭގޮތަށް އޮތުމަކީ އަނެއް ކަންބޮޑުވުމެވެ.

އޭގެ އިތުރުން، އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަަމަށް އެމެރިކާއިން މާކުރިން ނިންމާފައިއޮތުމުގެ މާނައަކީ، އިރުމަތީ ގުދުސް އިން ފަލަސްތީނަށް ލިބޭނީ އެންމެ 15 ޕަސެންޓް ކަމަށް ޕީއެލްއޯއިން ވެސް ވަނީ ބުނެފަ އެވެ.