ފަލަސްތީން

ފަލަސްތީނު ރައްޔިތުންނަށް ކުރާ އަނިޔާވެރި ފޮރުވިޔަ ނުދޭނަން: އޮމަރް

ފަލަސްތީނުގެ ބިމަށް ނުހައްގުން ވެރިވެގަނެގެން އުޅެ އިޒްރޭލުން ހިންގާ ލާއިންސާނީ އަނިޔާވެރިކަން ފޮރުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، އިޒްރޭލު ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ކުރަމުންދާ މަސައްކަތް ކާމިޔާބުވިޔަ ނުދޭނެ ކަމަށް އެމެރިކާގެ މުސްލިމް ކޮންގްރެސް މެމްބަރެއް ކަމަށްވާ އިލްހާން އޮމަރް ވިދާޅުވެއްޖެ އެވެ.

އޮމަރް ވިދާޅުވީ، އެމެރިކާގެ ސިޔާސީ މީހުނާއި އެހެން ގައުމުތަކުގެ ސިޔާސީ މީހުން ފަލަސްތީނަށް ޒިޔާރަތްކޮށް، އިޒްރޭލު ސިފައިން ހިންގަމުންދާ ލާއިންސާނީ އަމަލުތަށް ބަލަން ޖެހޭ ކަމަށެވެ. އަދި މުސްލިމް ގައުމުތަކުގެ ސިޔާސީ މީހުން ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ވާހަކަ ދައްކަން ނުކެރިގެން އުޅޭ ސަބަބެއް ނޯންނާނެ ކަމަށްވެސް އޮމަރް ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުންވަނީ އަޅުގަނޑާއެކު މަސައްކަތް ކުރައްވާ މީހުނާއި އެހެން މީހުން ޕަލަސްތީނަށް ގޮސް އެގައުމުގެ މީހުނާ ބައްދަލުކުރަން، ގޮސް ބަލަން، އެމީހުންގެ ވާހަކަ އަޑު އަހަން، އެމީހުން ކިޔައިދޭން ބޭނުންވާ އެއްޗެއް އަޑު އަހަން، އަޅުގަނޑު މަސައްކަތް މިކުރަނީ، ޓްރަމްޕު އަދި ނަތަންޔާހޫ ފޮރުވަން އުޅޭ ހަގީގަތް ފަޅާ އެޅުވުމަށް، އެ ހަގީގަތަކީ ފަލަސްތީނު ރައްޔިތުންނަށް އިޒްރޭލު ސިފައިން ކުރަމުންދާ ލާ އިންސާނީ އަނިޔާތަށް،" އޮމަރް ވިދާޅުވި އެވެ.

އިޒްރޭލުން ވަނީ އޮމަރް އެ ގައުމަށް ދަތުރު ކުރަން އުޅެނިކޮށް އެކަން ހުއްޓުވައި، އިޒްރޭލަށް އެތެރެ ނުވެވޭ ގޮތަށް ބްލެކްލިސްޓް ކޮށްފަ އެވެ. އޮމަރް ކުރަން ނިންމި ދަތުރުގައި އިޒްރޭލަށާއި އިޒްރޭލުން ވެރި ވެގެނެގެން އުޅޭ ގުދުސް އަށް ދިޔުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އޮމަރް އިޒްރޭލަށް ކުރަން ރޭވި ދަތުރު ނާކާމިޔާބު ކުރުމުގެ ބޭނުމުގައި، އިޒްރޭލުގެ ބްލެކްލިސްޓަށް އޮމަރުގެ ނަން އެރުވީ ޓްރަމްޕުގެ ނުފޫޒުންނެވެ.