ވީގޮތް ވަރަށް ސާފެވެ. މި ފެނުނީ އަނެއްކާވެސް ބޮޑާކަމާއި ކިބުރުވެރިކަމުގެ މިސާލެކެވެ. ނަން މަޝްހޫރު "އެޑިޑާސް" ބްރޭންޑް ދޫކޮށް މާ ގިނަ ބަޔަކު ނުދަންނަ، ޖޯމާއޭ ކިޔުނު ބްރޭންޑަކާ ބައްދައިގަތީމަ ދިވެހިން ރުޅިއަރައިގަތީ އެވެ.
ލާން ޖެހޭނީ އެންމެ މޮޅު ޖޯޒީ އެވެ. އެންމެ މަޝްހޫރު ބްރޭންޑްގެ ޖޯޒީ އެވެ. މިއީ ދިވެހިންގެ ވައްތަރެވެ.
ވާނީވެސް މިހެނެވެ. ފުޓްބޯޅަ އަކީ ދިވެހިންގެ "ރަންދަރި" އެވެ. ދަރިއަށް އަމާ ވެސް ގަނެދޭން ބޭނުންވާނީ އެންމެ މޮޅު ބްރޭންޑްގެ ހެދުމެއް ނޫން ހެއްޔެވެ؟
ކޮންމެއަކަސް ގައުމީ ޓީމުގެ އާ ޖޯޒީ ރޭ ދައްކާލުމާ އެކު ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން މި ވަނީ އާ ކިޓަށް އޮއްސާލައިފަ އެވެ. މިހުރިހައި ފާޑުކިޔުމެއް ފެށިގެން ނިމިގެން ދަނީ ހަމަ "ޗީޑި"އަކުންނެވެ.
"ގައުމީ ޓީމު ތި ދިޔައީ ތިން ފިޔަވަޅު ފަހަތަށް. އެޑިޑާސް އަކީ ދުނިޔޭގެ ނަމްބަ ވަން. އެމީހުން ދޫކޮށްލުމަކީ ފުޓްބޯޅަ އަށް ވެސް ލިބޭނެ ދެރައެއް،" މިއީ ގައުމީ ޓީމަށް މަރުދޭ އެކެއްގެ ހިޔާލު ހުރި ގޮތެވެ.
އެކަމަކު ހަގީގަތަކީ ސޮނީ ސްޕޯޓްސްއާ ހަވާލުކޮށްގެން ދިވެހިންނަށް އެޑިޑާސްގެ ޖޯޒީ ލިބުނު ގޮތް ނުވަތަ އަގު ބޮޑުކޮށް އެ ޖޯޒީތައް ވިއްކި ގޮތުގެ މާ ބޮޑު ހަގީގަތެއް ވެސް ގިނަ ބަޔަކަށް އެނގިފައި ނުވާތީ އެވެ. ހަގީގަތަކީ މިއޮތްހާ ދުވަހު ގައުމީ ޓީމުން ބޭނުންކުރި އެޑިޑާސްގެ ކިޓަކީ ސީދާ ދިވެހި ފުޓްބޯޅަ ޓީމަށް ހާއްސަކޮށްގެނ އެޑިޑާސްއާ ގުޅިގެން އުފައްދާފައިވާ ކިޓެއް ނޫން ކަމެވެ.
އެއީ ގައުމީ ޓީމަށް ޖޯޒީ އާއި އެހެނިހެން ސާމާނުތައް ވެސް ފޯރުކޮށްދޭން އެއްބަސްވުން ހަދާފައިވާ ސޮނީ ސްޕޯޓްސްގެ އަތުގައި ހުރި އެޑިޑާސްގެ ޖޯޒީ ބައެކެވެ. އެއްގޮތަކަށް ވެސް މަޝްހޫރު އެޑިޑާސް ބްރޭންޑާ ގުޅިގެން ރާއްޖޭގެ ގައުމީ ޓީމަށް ޖޯޒީ ތައްޔާރުކުރަނީކީއެއް ނޫނެވެ.
ކޮންމެ ގޮތެއްވިޔަސް ދިވެހިންނަށް އޮތީ އެކަން ވަރިހަމަވެފަ އެވެ. އަލީ އަޝްފާގުގެ ނަން ޖަހާލައިގެން ސޮނީ ސްޕޯޓްސް އިން 495ރ. އަށް އޭގެ ޖޯޒީއެއް ވިއްކީމަ ވެސް ޖޯޒީތައް ވިކި ހުސްވީ އެވެ.
އެއަށް ފަހު މިހާރު އެމީހުން ތައްޔާރުވަމުން އެ ދަނީ ގައުމީ ޓީމަށް ތައްޔާރުކޮށްފައިވާ އާ ޖާޒީތައް ބާޒާރަށް ނެރުމަށެވެ. ނަމަވެސް އުފެދޭ ސުވާލަކީ މިފަހަރުގެ ޖޯޒީތައް މި އަގުގައި ވިއްކި ދާނެތޯއާ މެދު ކުރެވޭ ސުވާލެވެ.
ދިވެހިން ބުނަނީ ގައުމީ ޓީމު މިއަހަރު ލާން ޖެހޭ ޖޯޒީ އަކީ އެންމެ އާދައިގެ ޓީމުތަކަށް ކިޓް ތައްޔާރުކޮށްދޭ ބްރޭންޑްގެ ޖޯޒީތައް ކަމަށެވެ.
"މިއީ އަހަރެން ދުވަހަކު ވެސް އަޑުއެހި ބްރޭންޑެއް ނޫން. އަނެއްކޮޅުން މި ޖޯޒީގައި ކުޅޭ ޓީމުތަކާއި ކްލަބުތައް ފުޓްބޯޅައިގެ ރޭކިންގައި ވެސް އެ ތިބީ ތިބި ހިސާބު،" އެހެން ފޭނެއްގެ ހިޔާލު ހުރީ މިހެންނެވެ.
"ޖޯމާއޭ؟ އެއްވެސް ގައުމީ ޓީމެއް އުޅޭބާ މި ބްރޭންޑް ޖޯޒީ ލާ؟ ފުޓްބޯޅަށް އަށް މަޝްހޫރު އެއްވެސް ޓީމަކުން ބޭނުންކުރާ ބްރޭންޑެއް ނޫން ތިޔައީ،" އެހެން މީހެއްގެ ހިޔާލެވެ.
އެހެންވީމަ ބައެއް ދިވެހިން ފުޓްބޯޅަ ޓީމެއްގެ ފެންވަރު ބަލަނީ ވެސް އެމީހުން ލާ ޖޯޒީއެއްގައި ހުންނަ ކުލަ އާއި ފެންވަރަށް ބަލައިގެންތާ އެވެ. ހަގީގަތުގައި ވެސް މިއީ ވަރަށް ގިނަ ދިވެހިންގެ ބޮލުތެރޭގައި ހަރުލާފައި ހުންނަ ހިޔާލެކެވެ.
އެންމެ މޮޅު ހެދުމާއި އެއްޗެއް ގެންގުޅޭ މީހާ އަކީ އެންމެ މޮޅު މީހާ އެވެ. ފަހަރެއްގައި އެންމެ މޮޅު ބްރޭންޑްގެ ޖޯޒީ، ގައުމީ ޓީމުގެ ކުޅުންތެރިން ލައްވަން ގިނަ ދިވެނިން ބޭނުންވަނީ ވެސް މި ސަބަބާ ހެދި އެވެ.
އޭރުން އެންމެ މޮޅު ޖޯޒީއާ އެކު އެންމެ މޮޅު ޓީމަށް ވެދާނެތާ އެވެ. ނަމަވެސް ހަގީގަތަކީ އެއީ އެއް ނޫނެވެ. އަޅާ ހެދުމަކުން މީހާގެ ފެންވަރެއް ނުފެންނާނެކަން އެންމެ ރަނގަޅަށް ސާބިތުކޮށްދޭ ހެއްކަކީ ވެސް ދިވެހިންގެ ފުޓްބޯޅަ ޓީމެވެ.
މިއީ ގައުމީ ޓީމަށް އެޑިޑާސްގެ އާ ޖޯޒީ ބައެއް މިފަހުން ތައާރަފްކުރުމުން ބައެއް މީހުން ފާޑު ވެސް ކީ އެއް ސަބަބެވެ.
"ދިވެހި ޓީމަށް މިހާރު އެ ލިބުނީ އަސްލު އެމީހުންގެ ފެންވަރުގެ ޖޯޒީ ބައެއް. މި ޓީމަކީ އެޑިޑާސް ކަހަލަ މަޝްހޫރު ބްރޭންޑެއްގެ ޖޯޒީ ލާން ޖެހޭ ވަރުގެ ޓީމެއް ނޫން އަދި،" ނަން ޖަހަން ބޭނުން ނުވާ، ދިވެހި ފުޓްބޯޅައިގެ ފާޑުކިޔުންތެރިޔަކު ބުނީ މިހެންނެވެ.
"ދެރަ ކަމަކީ ދިވެހިންނަށް ދިވެހިންގެ ފެންވަރު ނޭނގޭކަން."
ކޮންމެއަކަސް ސްޕެއިންގެ ޖޯމާ ބްރޭންޑާ އެކު އެއްބަސްވުން ހަދައި ދިވެހިންގެ ޓީމަށް ޖޯޒީ ފޯރުކޮށްދޭނެ ބްރޭންޑަކަށް އެމީހުން މިއޮތީ ވެފަ އެވެ. ދިވެހިން އުފާކުރަން ޖެހޭ ކަމަކީ މި ކުންފުނިން ދިވެހިންގެ ގައުމީ ޓީމަށް ކަސްޓަމައިޒްޑް ޖޯޒީއެއް އުފައްދައިދޭނެ ކަމެވެ.
ގައުމީ ޓީމުގެ ޖޯޒީ ދައްކާލުމަށް ރޭ އޮލިމްޕަހުގައި ބޭއްވި ހަފުލާގެ ތެރެއިން ޖޯމާ ކުންފުނީގެ އިންޓަނޭޝަނަލް ސޭލްސް މެނޭޖަރު ސަންތިއާގޯ ފެނާންޑޭޒް ވިދާޅުވެފައި ވަނީ ދިވެހި ޓީމަށް ހާއްސަ ޖޯޒީއެއް މިފަހަރު ތައްޔާރުނުކުރެވުނީ އެކަމަށް ބޭނުންވާ ފުރިހަމަ ވަގުތު ނެތުމުން ކަމަށެވެ. އަދި ދިވެހިންގެ ކުލަ ޖެހިފައިވާ ޖޯޒީއެއް ވަރަށް އަވަހަށް ތައްޔާރުކުރާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.
އެހެންވީމަ މިއީ ގެޓަފޭ އާއި ގްރަނާޑާ އަށް ޖޯޒީ ހަދައިދޭ މީހުންނޭ ކިޔާފައި ދިވެހިން ކޮން ވައްތަރެއް ޖައްސާކަށް ހެއްޔެވެ؟ މޮޅު ނަމެއް ޖަހާފައި އޮތް ޖޯޒީއެއް ލައިގެން ދިވެހިންނަށް ލިބުނު ވަކި އުފަލެއް ނުވަތަ ކާމިޔާބީއެއް ދައްކަބަލާށެވެ.
އަދި އެހެން ވާހަކައެއް އެބައޮތެވެ. މިފަހަރު ޖޯޒީ ވިއްކާ އަގު ދަށްކުރާނެ ކަމަށް ހުރިހައި ފުޓްބޯޅަ ފޭނުން ވެސް އުއްމީދުކުރާށެވެ. ފަހަރެއްގައި ޖޯޒީގެ ބްރޭންޑާ މެދު ހިތްހަމަނުޖެހިފައި ތިބި މީހުން މިފަހަރު ހިތްހަމަޖައްސަން ޖެހޭނެ ގޮތަކީ ވެސް މިއީ އެވެ.
ބައެއް ދިވެހިންގެ ހިތް ހަމަ މާ ބޮޑީ އެވެ.