ހަބަރު

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ އުފައްދަން ހުއްދަ ދީފި

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން އިލެކްޝަން ކޮމިޝަން (އީސީ) އިން ހުއްދަ ދީފި އެވެ.

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ އުފެއްދުމަށް އީސީއަށް ހުށަހަޅާފައިވަނީ ގާނޫނީ ވަކީލް އަބްދުﷲ ހަސީނެވެ. އޭނާ ފުރަތަމަ ހުށަހެޅީ މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޖަސްޓިސްގެ ނަމުގައި އެ ޕާޓީ އުފައްދާށެވެ. ނަމަވެސް އެ ނަމުގައި ޕާޓީ އުފެއްދުމަށް އީސީ އިން ހުއްދައެއް ނުދިނެވެ.

ނަމަވެސް އީސީ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

މިދިޔަ އޭޕްރީލް މަހު ވެސް އާ ދެ ޕާޓީއެއް އުފައްދަން ބަޔަކު އީސީއަށް ހުށަހެޅި އެވެ. އެއީ ދަ ގްރޭޓް ގްރީން ކަނެކްޝަންގެ ނަމުގައި އާއި މޯލްޑިވިއަން ރިޕަބްލިކަން ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށެވެ. ނަމަވެސް އެ ދެ ފަރާތަކަށް އީސީ އިން ހުއްދައެއް ނުދިނެވެ.