ޓެކްސީގެ ހިދުމަތް

ޓެކްސީ ހިދުމަތުގެ ތެރެއަށް ސަރުކާރު ނުވަނުމަށް ގޮވާލައިފި

ސަރުކާރުން ޓެކްސީގެ ހިދުމަތުގެ އަގު ކަނޑައެޅުމުގެ ތެރެއަށް ނުވަނުމަށް ޓެކްސީ ޑްރައިވަރުން ގޮވާލައިފި އެވެ.

ޓެކްސީ ޑްރައިވަރުން މިކަމަށް ގޮވާލާފައި މިވަނީ ހަ ސީޓަށް ވުރެ މަދު އުޅަނދުތަކާއި 7-10 ސީޓާ ދެމެދުގެ އުޅަނދުތަކުގައި ދޭ ޓެކްސީގެ ހިދުމަތުގެ އަގު އަލުން ކަނޑައަޅާ ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ އިއުލާންކުރުމާ ގުޅިގެންނެވެ.

ޓެކްސީ ޑްރައިވަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑްރައިވަރުން ބުނީ ރާއްޖޭގައި ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވެ އަސާސީ ހިދުމަތެއްގެ އަގު ބޮޑުވެފައިވާއިރު ޓެކްސީގެ އަގުތައް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެކަމުގެ ތެރެއަށް ވަނުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ސަރުކާރުގައި މިއެދެނީ އަޅުގަނޑުމެންގެ ހާލަތަށްވެސް ރިއާޔަތް ކުރާށޭ. އަދި ރަނގަޅު ގޮތެއް ހަދައިދޭށޭ،" ޑްރައިވަރަކު ބުންޏެވެ.

ޑްރައިވަރުން ބުނީ ޓެކްސީގެ ހިދުމަތުގެ އަގު ބޮޑުކުރަން ވަކާލާތު ނުކުރާ ކަމަށެވެ. ނަމަވެސް ޓެކްސީ ތަކުގައި މީޓަރު ހަރުކުރުމާއި، ޕާކް ކުރެވޭނެ ފަސޭހަ އިންތިޒާމުތަކެއް ސަރުކާރަށް ހަމަޖައްސައި ދެވެންދެން ދަތުރުތައް މިހާރު ކުރަމުންދާ އާންމު ރޭޓުގައި ހިފެހެއްޓޭނެ ގޮތްތަކެއް ހަމަޖައްސައިދިނުމަކީ އެދޭ ކަމެއް ކަމަށެވެ.

ޓެކްސީ ޑްރައިވަރުން ބުނީ ޓެކްސީގެ ހިދުމަތް ދިނުމަށް ކުރަންޖެހޭ ކަންކަމުގައި ސަރުކާރުން މާބޮޑަށްވެސް އިހްމާލުވެފައިވާ ކަމަށެވެ. އެހެންވެ ސަރުކާރުގެ ތެރެއިން އިސްލާހުކުރަންޖެހޭ އަދި ރަނގަޅު ކުރަންޖެހޭ ކަންކަން ކުރުމަށް ފުރަތަމަ އިސްކަން ދިނުމަށްވެސް ޑްރައިވަރުން ގޮވާލާފައިވެ އެވެ.

ރާއްޖޭގައި ކޮންމެ ސަރުކާރެއް އޮތަސް ޓެކްސީ ޑްރައިވަރުންނާއި ސަރުކާރާ ދެމެދު އަބަދުވެސް ކޯޅުންތައް ހިނގަމުންދެ އެވެ. އަދި ޓެކްސީ ޑްރައިވަރުން އެދޭ ގޮތަށް ސަރުކާރުން ކޮންމެ ފަހަރަކު ދޫނުދޭތީ ޓެކްސީ ޑްރައިވަރުން އިހްތިޖާޖުކުރުން ވެސް މިފަހުން ވަނީ އާންމުވެފަ އެވެ.