ދުނިޔެ

ބަންގްލަދޭޝް މުޒާހަރާގައި އެމެރިކާ ސަފީރު އިންނެވި ކާރަށް ހަމަލާދީފި

Aug 6, 2018

ޑާކާ (އޯގަސްޓް 5) - ބާރު ސްޕީޑުގައި ދުއްވި ބަހަކުން ޖެހި ދެ ދަރިވަރަކު މަރުވުމާއި ގުޅިގެން، އެތަކެއް ހާސް ދަރިވަރުން މަގުތަކަށް ނުކުމެ ކުރަމުން ގެންދާ މުޒާހަރާގައި، އެމެރިކާ ސަފީރު އިންނެވި ކާރަށް ހަމަލާދީފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފި އެވެ.

ބަޑި ހިފައިގެން ތިބި ބަޔަކު ދިން ހަމާލާގައި، ބަންގްލަދޭޝަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ސަފީރު މާސިއާ ބާނިކެޓް އާއި އޭނާގެ ސެކިއުރިޓީ ޓީމު ސަލާމަތްވި ކަމަށާއި، ނަމަވެސް ދެ ކާރަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް އޮފިޝަލުން ވަނީ ބުނެފަ އެވެ.

މަގުތަކުގެ ރައްކާތެރިކަމަށް ގޮވާލާ މުޒާހަރާ ކުރަމުން ގެންދާތާ އަށް ދުވަސް ވެފައިވާއިރު، މުޒާހަރާ ހުއްޓުވުމަށް ފުލުހުން ނުކުމެ ކަރުނަ ގޭހާއި، ރަބަރު ވަޒަން ބޭނުންކުރުމުގެ ސަބަބުން މިހާތަނަށް 50 އަށް ވުރެ ދަރިވަރުންނެއް ވަނީ ޒަހަމްވެފަ އެވެ.

އޭގެ ތެރެއިން ބައެއް ކުދިންގެ ހާލު ވަރަށް ސީރިއަސްކަމަށް ވެސް ހޮސްޕިޓަލެއްގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރަށް ސަޕާޓުކުރާ ބަޔަކު ނުކުމެ ދަރިވަރުންތަކަކަށް ހަމަލާދީފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މިދިޔަ އާދީއްތަ ދުވަހު ބާރު ސްޕީޑުގައި ދުއްވާފައިވާ ދިޔަ ބަހަކުން ޖެހި، ދެ ދަރިވަރުން މަރުވުމާއި ގުޅިގެން، ދަރިވަރުން ނުކުމެ ވެހިކަލްތައް ހުއްޓުވާ، ޗެކު ކުރަމުންދާ ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ފުލުހުން ބުނީ، ދަރިވަރުން ނުކުމެ ހިންގަމުންދާ ހަމަނުޖެހުންތަކުގައި 300 އަށް ވުރެ ގިނަ ވެހިކަލަށް ގެއްލުން ދީފައިވާ ކަމަށެވެ.

ހަމަލާއަށްފަހު އެމެރިކާ ސަފީރު ވަނީ ހަމަނުޖެހުންތައް ކުށްވެރި ކުރައްވާފަ އެވެ.

މަގުތަކުގެ ރައްކާތެރިކަމަށް އިތުރު ފިޔަވަޅުތައް އަޅާ، ކެމްޕޭނުތައް ހިންގާނެކަމަށް ސަރުކާރުން ވަނީ ވައުދުވެފަ އެވެ. އަދި ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިހް ހަސީނާ ވެސް ވަނީ މުޒާހަރާތައް ހުއްޓާލާ އެނބުރި ގެއަށް ދިއުމަށް ދަރުވަރުންގެ ކިބައިން އެދިފަ އެވެ.

ރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ހިނގާފައި ދަނިކޮށް ވެހިކަލަކުން ޖެހިގެން މިދިޔަ އަހަރު އެކަނިވެސް 4،200 މީހުން ވަނީ މަރުވެފަ އެވެ.