ދުނިޔެ

މިޔަންމާގެ އަސްކަރިއްޔާއަށް ދަތިކުރުމުގެ ފިޔަވަޅު އެމެރިކާއިން އަޅައިފި

މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެމެރިކާއިން އަޅައިފި އެވެ.

މިދޔަ އަންގާރަ ދުވަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ބުނީ، މިޔަންމާގެ އަސަކަރިއްޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ނިންމީ، މީގެ ދެ އަހަރު ކުރިން މިޔާންމާގެ މުސްލިމުންނާއި ދެކޮޅަށް ގަތުލު އާންމު ހިންގާ، އެމީހުން ގައުމު ދޫކޮށްދާން މަޖުބޫރު ކުރިކަން ސާބިތުވާ ވަރަށް ހެކި ލިބުމާ ގުޅިގެން ކަމަށެވެ.

މިޔަންމާގެ ސިފައިން އެ ގައުމުގައި އުޅޭ ބައިމަދު މުސްލިމުންދާ ދެކޮޅަށް ހިންގި ލާއިންސާނީ އަމަލުތަކުގެ ސަބަބުން 740،000 އަށްވުރެ ގިނަ މީހުން ވަނީ ބަންގްލަދޭޝްގެ ކޮކްސް ބާޒާރް ސަރަހައްދަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަ ކޮށްފައެވެ.

ދެ އަހަރު ކުރިން ހިންގި ލާއިންސާނީ އަމަލުތަކުގައި މިޔަންމާގެ ސިފައިންވަނީ ގިނަ އަދަދެއްގެ މުސްލިމުން ގަތުލުކޮށްފަ އެވެ. ބަންގްލަދޭޝްގެ ކޮކްސް ބާޒާރް ދިއުމަށްޓަކައި ހުރަަސް ކުރަން ޖެހޭ ކޯރު ހުރަސް ކުރުމުގެ ތެރޭގައި ވެސް އޭގެ ތެރެއިން އެތައް ބަޔަކު މަރުވެފައި ވެއެވެ.

"މިޔަންމާގެ ސަރުކާރުން އިންސާނިއްޔަތާއި ހިލާފު އެ އަމަލުތައް ހުއްޓުވުމަށް އެއްވެސް ކަމެއް ނުކުރޭ، ކެނޑިނޭޅި އިންސާނިއްޔަތާއި ހިލާފު އެތައް އަމަލެއް ސިފައިން ހިންގަމުންދާ ކަމުގެ ރިޕޯޓް ދިޔައީ ލިބެމުން،" ސްޓޭޓް ޑިޕާޓްމެންޓުން ބުންޏެވެ.

ބުދު ދީނުގެ މެޖޯރިޓީ އޮންނަ މިޔަންމާއިން ވަނީ އެ ގައުމުގެ މުސްލިމުންނަށް ރަށް ވެހިކަން ދޭން ވެސް ދެކޮޅު ހަދާފަ އެވެ. އދ. ކޯޓުން ވެސް ވަނީ މިޔަންމާގެ ސިފައިންގެ އިސްވެރިންގެ މައްޗަށް ގަތުލުއާންމު ހިންގުމުގެ ދައުވާ ކުރަން ތައްޔާރުވެފަ އެވެ. އެމެރިކާއިން ވަނީ މިޔަންމާ ސިފައިންގެ އިސްވެރިންގެ މައްޗަށް ވަކިން ވަކީން ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމާފަ އެވެ.