މިޔަންމާގެ ރަކީން ސްޓޭޓްގައި ދިރިއުޅޭ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ހިންގަމުން ދާ ގަތުލު އާއްމުތަކުން ސަލާމަތްވުމަށް އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކުރި ރެފިއުޖީންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ ބަޔަކު ތިބިތޯ ބެލުމުގެ މަސައްކަތް ބަންގްލަދޭޝްއާ ގުޅިގެން އދގެ ރެފިއުޖީ އެޖެންސީން އިން ފަށައިފި އެވެ.
އދ އިން މިހާރު މަސައްކަތް ކުރަމުންދަނީ 2017 ވަނަ އަހަރު މިޔަންމާ އެކު ގައުމުތަކުން ކުރިއަށް ގެންދިޔަ ސިއްރު ބައްދަލުވުމެއްގައި އެއްބަސްވި ކަންތައްތަކުގެ ދަށުން ބަންގްލަދޭޝްގެ ކޮކޮސް ބާޒާރުގައި ތިބި 3000 ރެފިއުޖީން އަނބުރާ އެމީހުންގެ ވަޒަނަށް ގެންދިޔުމަށެވެ. ސިއްރު ބައްދަލުވުމުގެ ދަށުން އެއްބަސްވި ކަންތައްތަކުގެ ދަށުން ރެފިއުޖީން އަނބުރާ ގައުމަށް ގެންދަން އުޅުމުން، އެކަމާ ވަނީ ދެކޮޅު ހަދާފަ އެވެ.
މިޔަންމާއެކު ގައުމުތަކުން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި އެއްބަސްވި ކަންތަށް އދގެ ސެކިއުރެޓީ ކައުންސިލަށް ހިއްސާކޮށްފައި ވީނަމަވެސް އިތުރު ބަޔަކާ އެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ. މިޔަންމާއެކު ބައްދަލުވުން ބޭއްވި ގައުމުތަކަކީ، ފަރަންސޭސީވިލާޓް، އިނގިރޭސިވިލާތް، އެމެރިކާ، ޖަރުމަންވިލާތް އަދި ބެލްޖިއަމް އެވެ. ބަންގްލަދޭޝްއަށް ހިޖުރަކުރި ރެފިއުޖީންގެ އަދަދު މިލިއަނަކާ ގާތްކުރި އިރު، އެގައުމުން ހިމާޔަތްދީފައިވަނީ 22،000 މީހުނަށެވެ.
ރޮހިންޖާ ދަރިކޮޅުގެ މީހުން ބަންގްލަދޭޝްއަށް ދާން ފެށީ، އަނިޔާގައި އަހަރުތަކެއް ހޭދަކޮށްފައިވާ އެދަރިކޮޅުގެ މުސްލިމް ޒުވާނުންތަކެއް އުފެއްދި ހަނގުރާމަވެރި ގްރޫޕަކުން މިޔަންމާ ސިފައިންނާ ދެކޮޅަށް ހަމަލާތަކެެއް ދިނުމުންނެވެ. މިޔަންމާ ސިފައިންނާއި ފުލުހުންގެ މަރުކަޒު ތަކަކަށް ދިން އެހަމަލާތަކުގައި ސިފައިންގެ 12 މީހަކު މަރުވިއެވެ. ރަައްދުގައި މިޔަންމާ ސިފައިން ދިން ހަމަލާތަކުގައި ރޮހިންޖާ ހަނގުރާމަވެރިންގެ 80 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. ޖެހިގެން އަދި ދުވަސްތަކުގައި މިޔަންމާ ސަރުކާރުން ވަނީ ރަކީން ސްޓޭޓްގައި އުޅޭ މުސްލިމުން ނޫން އެހެން މީހުން އެހެން ސަރަހައްދުތަކަށް ގެންގޮސް، މުސްލިމުންނާ ދެކޮޅަށް ގަތުލު އާއްމުތަކެއް ހިންގަން ފަށާފައެވެ.
މުސްލިމުންނާ ދެކޮޅަށް މިފަހަރު ހިންގަން ފެށި ޖަރީމާތަކަކީ އަރަކާން ރޮހިންޖާ ސެލްވޭޝަން އާމީ (އޭއާރްްއެސްއޭ)ގެ ނަމުގައި ހަރަކާތްތެރިވާ އެ ގްރޫޕު ބަލި ކުރުމަށް ކުރާ ކަމެއް ކަމަށް މިޔަންމާ ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް މިޔަންމާ ސިފައިންގެ ހަރަކާތުގައި ކުރަމުންދާ ކަމަކީ މުސްލިމުންގެ އާއްމުން މެރުމާއި ގެދޮރު އެންދުމެވެ.
މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ ސިފައިން ހިންގާފައިވަނީ ގަތުލު އާންމެއް ކަމަށް އދ އަދި އެމެރިކާއިން ވަނީ ބުނެފަ އެވެ. އެމެރިކާއިން ވަނީ މިޔަންމާގެ ސިފައިންގެ އިސްވެރިޔާގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅައިފަ އެވެ.