ބޭރު ކުޅިވަރު

މަލްޑިނީ އެނބުރި މިލާންގެ ހިދުމަތަށް

ކުޅުންތެރިޔެއްގެ ގޮތުގައި އޭސީ މިލާނަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން އެޓީމުގެ ލެޖެންޑް ޕައޮލޯ މަލްޑިނީ މިލާންގެ ސްޓްރެޓެޖިކް ޑިވްލަޕްމެންޓް ޑިރެކްޓަރުގެ މަގާމާ ހަވާލު ވެއްޖެ އެވެ.

ކުޅުންތެރިޔެއްގެ ގޮތުގައި އޭނާގެ މުޅި ކެރިއަރު މަލްޑިނީ ހޭދަ ކުރީ މިލާންގަ އެވެ. މިލާންގައި އޭނާ ހޭދަ ކުރި 25 އަހަރުގެ ކެރިއާގައި އޭނާ ވަނީ އެ ކުލަބަށް ހަތް ފަހަރަށް އިޓާލިއަން ލީގް، ފަސް ފަހަރަށް ޗެމްޕިއަންސް ލީގް އަދި އަދި އިޓާލިއަން ކަޕު ހޯދައިދީފަ އެވެ. އޭނާ ވަނީ މިލާނަށް 900 އަށް ވުރެ ގިނަ މެޗު ކުޅެފަ އެވެ.

ސްޕޯޓްސް ސްޓްރެޓެޖިކް ޑިވްލަޕްމެންޓް ޑައިރެކްޓަރުގެ މަގާމަށް މަލްޑިނީ ހަމަޖަެއްސީ، ކުރީގެ މިޑްފީލްޑަރު އަދި ކުރީގެ ކޯޗް ލިއަނާޑޯ މިލާންގެ ޖެނަރަލް މެނޭޖަރު ކަމާ ހަވާލުވިތާ ހަފުތާއެއް ފަހުންނެވެ.

މަލްޑިނީ، މިލާންއަށް ކޮށްދިން ހިދުމަތް އަގުވަޒަން ކުރުމުގެ ގޮތުން އެ ކުލަބުގައި އޭނާ ބޭނުން ކުރި ތިން ނަންބަރު ޖޯޒީ ވަނީ އޭނާއަށް ޓަކައި ރިޒާވްކޮށްފަ އެވެ. އެ ކުލަބުގެ އެހެން ކުޅުންތެރިޔަކަށް ތިން ނަންބަރު ޖޯޒީ ބޭނުމެއް ނުކުރެވޭނެ އެވެ.

މިހާރު އުމުރުން 50 އަހަރުގެ މަލްޑިނީ ކުޅުން ހުއްޓާލީ 2009 ވަނަ އަހަރު އެވެ. އޭނާ ވަނީ އިޓަލީގެ ގައުމީ ޓީމަށްވެސް 127 މެޗު ކުޅެފަ އެވެ. އޭނާ ފާހަގަ ކުރެވިފައި ވަނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ޑިފެންޑަރުގެ ގޮތުގަ އެވެ.