ހަބަރު

ކަނޑުގައި ދުއްވާ ކުދި އުޅަނދުތަކުގެ އަހަރީ ފީ ކަނޑާލަން ރައީސް ނިންމަވައިިފި

ކަނޑުގައި ދުއްވާ ކުދި އުޅަނދު ފަހަރުތައް އަހަރީ ފީ ދެއްކުމުން އިސްތިސްނަ ކުރަން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނިންމަވައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކަނޑުއުޅަނދު ފަހަރު ރިޖިސްޓްރީ ކުރުމުގެ މަރުހަލާގައި އަހަރީ ފީގެ ގޮތުގައި ބޮޑު އަދަދެއް ދައްކަން ޖެހޭ ގޮތަށް ރަޖިސްޓްރީ ކުރުމުގެ ސަބަބުން ރައްޔިތުންނަށް ދަތިތައް ކުރިމަތިވަމުން އަންނަ ކަމަށެވެ. އެހެންކަމުން ރަޖިސްޓްރީ ކުރާ ލޯކަލް އުޅަނދުފަހަރުގެ ތެރެއިން ނުވަ މީޓަރަށް ވުރެ ކުދި ބޮއްކުރާ ޑިންގީ އަދި ކުދި ދޯނި ފަހަރުގެ އަހަރި ފީ ދެއްކުމަށް އިސްތިސްނާ ކުރަން ރައީސް ޔާމީން ނިންމަވާފައިވާ ކަމަށެވެ.

އޭގެ އިތުރުން އަަހަރީ ފީ ނުދައްކައިގެން މިހާތަނަށް ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހިފައިވާ ފައިސާ އާއި އެކި ސަބަބުތަކާ ހެދި ކުދި ދޯނިތަކުގެ ރަޖިސްޓްރީ ބާތިލު ނުކުރެވި ދިޔުމުން ދައްކަން ޖެހޭ ޖޫރިމަނާތައް ވެސް މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން މާފްކޮށްދޭން ރައީސް ނިންމަވާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ދާދި ފަހުން ވަނީ ސައިކަލުގައި ސްޓިކާ ޖަހައިގެން ދައްކަން ޖެހޭ ގިނަ ޖޫރިމަނާތަކެއް ވެސް މާފްކޮށްދޭން ނިންމައިފަ އެވެ.