ހަބަރު

އިބޫގެ ވެރިކަމެއްގައި ރުފިޔާގެ އަގުވެއްޓި، ޑޮލަރެއް 20 ރުފިޔާއަށް އަރާނެ: މިނިސްޓަރު

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކެމްޕޭނުގައި މިހާތަނަށް ވެވަޑައިގެންނެވި ވައުދުޅުތަކުން އުންމީދެއް ނުލިބޭ ކަމަށާއި އިގްތިސާދަށް ކުރިމަތިވާން އޮތީ ބޮޑު މާޔޫސްކަމެއް ކަމަށް، އިގްތިސޯދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ "24 ގަޑިއިރު ކަރަންޓު ޔަގީން" މަޝްރޫއުގެ ކާމިޔާބީ ފާހަގަކުރުމަށް ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، އިދިކޮޅު ކެންޑިޑޭޓް، އިބޫ މިހާތަނަށް ވެވަޑައިގެންފައިވާ ވައުދުތަކަށް ބަލާއިރު، އެމަނިކުފާނުގެ ސަރުކާރެއް އައިސްފިނަމަ، ވެރިކަމުގެ ކުރީކޮޅު ރާއްޖޭގެ ޑޮލަރުގެ ރޭޓު ގާތްގަނޑަކަށް 18 ރުފިޔާ އާއި 20 ރުފިޔާއާ ދެމެދުގެ އަދަދަކަށް މައްޗަށް ދާނެކަމަށް ލަފާކުރެވޭ ކަމަށެވެ. މިހާރު ޑޮލަރު މާރު ކުރާ ރޭޓަކީ 15.42 ރުފިޔާ އެވެ. ޑޮލަރުގެ މާރު ކުރެވޭ އަގު، އެ އަދަދަށް ބޮޑުކުރީ ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.

ރާއްޖޭގެ އިންފްލޭޝަން ރޭޓު ފަސް ޕަސެންޓުން ދިހަ ޕަސެންޓަށް ބޮޑުވެގެންދާނެ ކަމަށާއި އުމްރާނީ މަސައްކަތުގެ ދާއިރާވެސް އިބޫ މިހާރު އިއުލާންކުރައްވާފައިވާ ސިޔާސަތުތަކަށް ބަލާނަމަ ވަރަށް ބޮޑަށް ދަށަށް ދާނެކަމަށް މިނިސްޓަރު ލަފާކުރެއްވި އެވެ.

ސައީދު ވިދާޅުވީ، މި ސަރުކާރުގެ ފާއިތުވެދިޔަ ހަތަރު އަހަރާއި ހަމަސް ދުވަހުގެ ތެރޭގައި އުމްރާނީ ތަރައްގީގެ ދާއިރާ ހުރީ 50 ޕަސެންޓްގައި ހިފެހެއްޓިފައިކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އެންމެ މަންފާލިބޭ ދެވަނަ އިންޑަސްޓްރީއަކީ މިހާރު ކޮންސްޓްރަކްޝަން ދާއިރާ ކަމަށެވެ.

އިގްތިސޯދު ބަދަލުކޮށްލެއްވުމަށް ރައީސް ޔާމީން ގެންގުޅުއްވި ވިސްނުންފުޅަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވަމުން ސައީދު ރޭ ވިދާޅުވީ، ދިވެހި އިގްތިސޯދު ކުރިއަރައިގެން އައިއިރު، އިގްތިސޯދީ ދުވެލި މޮނިޓާކުރަން ބައިނަލް އަގުވާމީ މުޖުތަމައުތަކަށް ރައީސް ދެއްވި "އޮޕަން އިންވިޓޭޝަން" އަކީ ހަމަ އެކަނި ރައީސް ޔާމީން ފަދަ ވިޝަނަރީ ބޭފުޅަކު ކުރައްވާން ވިސްނަވާނެ ކަމެއް ކަމަށެވެ.

"ރާއްޖޭގެ އިގްތިސޯދު ވަރަށް ބާރު ސްޕީޑެއްގައި ކުރިއަރައިގެން ދިޔަ އިރު ރައީސް ޔާމީން ވަރަށް ބުއްދިވެރި ކަމެއް ކުރެއްވި. އެމަނިކުފާނު ކުރެއްވި ކަމަކީ ދައުވަތެއް ދެއްވީ މުޅި ދުނިޔެއަށް.. ދެއްވި ދައުވަތަކީ، ދިވެހިރާއްޖޭގެ ނެޝަނަލް ރިޒާވް، އާންމު އުސޫލުން ބުނާނަމަ ތިން މަސްދުވަހުގެ ކާޑު ގަނެވޭ ވަރަށް ފައިސާ ހުންނަންވާނެއޭ. މި ފައިސާކޮޅު 2011 އާއި 2012 އާ ދެމެދުގައި ގާތްގަނޑަކަށް ފަންސާސް ފަސް މިލިއަނަށް ކުޑަވެއްޖެ އޭ. މިއީ ވަރަށް ބޮޑަށް ކުޑަވުމެކޭ. އެހެން ނަމަވެސް ތިމަން މަނިކުފާނު މި ރިޒާވް 700 މިލިއަނަށްވުރެ ބޮޑު ކުރަމޭ. ބާރު ސްޕީޑުގައި ރާއްޖޭގެ އިގްތިސޯދު ކުރިއަރުވަމޭ. އެހްނވީމަ ދުނިޔޭގެ ގަދަރު ލިބިގެންވާ އެޖެންސީތަކުން އަންނާށޭ ރާއްޖެ ކުރިއަރަމުން މިދާ ގޮތަކީ ރަނގަޅު ގޮތްތޯ ބަލަން،" ސައީދު ވިދާޅުވި އެވެ.

"މި ދައުވަތު ދިނުމުން ދިވެހި ރާއްޖެއާ އެކު މިކަން ކުރުމަށްޓަކައި ދުނިޔޭގެ އެންމެ މަގްބޫލު ރޭޓިން އެޖެންސީތައް ރާއްޖެ އައި. އޭގެ ތެރޭގައި އެމެރިކާގެ މޫޑީސް އެންޑް ފިޗް ހިމެނޭ. މި މީހުން އައިސް ދިރާސާކޮށް ފުރަތަމަ ފަހަރަށް މި ގައުމުގެ ފަންސާސް އެތައް އަހަރެއްގެ ތެރޭގައި ފުރަތަމަ ފަހަރަށް ރާއްޖެ ރޭޓްކުރުމަށްފަހު ފާހަގަކުރި އެއް ކަމަކީ ރާއްޖެ ކުރިއަރާދަނީ ވަރަށް ބާރު ސްޕީޑުގަ އޭ،"

މިނިސްޓަރު ވިދާޅުވި ގޮތުގައި، މުޅި ސައުތުއޭޝިއާ ބައްރުގައި ވެސް އެންމެ ބާރު ދުވެއްޔެއްގައި މިހާރު ކުރިއަރަމުން އަންނަ ގައުމަކީ ރާއްޖެ އެވެ. އެއީ މިއަދު ދިވެހި ހުރިހާ ރައްޔިތުން ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށާއި ކުރިއަށް އޮތް އިންތިހާބާ މެދު ފުންކޮށް ވިސްނައި ފިކުރު ހިންގަންޖެހެނީ މިފަދަ ސަބަބުތަކަށްޓަކައި ކަމަށް ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން އަކީ ކަންކަން ކުރައްވަން އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން "އެމަނިކުފާނު ފަދަ ވިޝަނަރީ ބޭފުޅެއް ދޫކޮށްލުމަކީ ކޮށްގެން ވާނެވަރުގެ ކަމެއް ނޫންކަން ރައީސް ސާބިތުކޮށްދެއްވައިފި،" ކަމަށެވެ.

"އެހެންވީމަ ސުވާލަކީ، ދިވެހި ރާއްޖެ ތަރައްގީކޮށް ކުރިއަރުވައި، ޒުވާނުންނަށް ފުރުސަތުދީ، ބުރިޖު އަޅައި، ދިވެހި ރާއްޖޭގެ ބައިނަލް އަގުވާމީ އެއާޕޯޓު ތަރައްގީކޮށް، ރާއްޖެއަށް ނުކަތާނެ ކަމެއް ބޭރު ދުނިޔެއިން ބުނެފިނަމަ އެއަށް ފާޅުގައި 'ނޯ' އޭ ބުނަން ކެރުނު ރައީސަކަށް އަޅުގަނޑުމެން ވޯޓުދީ އަދި ފަސް އަހަރުން މި ރާއްޖެ މުއްސަނދިކުރާނީތޯ؟ މިއީ ވަރަށް ސާފު ޖަވާބެއް،"