ހަބަރު

އަދީބު ހެދީ ދޮގެއް، ރިލްވާންއާ ބެހޭ މައުލޫމާތު ހުންނާނެ: އާއިލާ

ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ އާއިލާއިން ކުރި ސުވާލުތަކަށް ޖަވާބު ދީފައިވާނެ ކަމަށް ވިދާޅުވެ ޖަލުގައި އޮންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހެއްދެވީ އިތުރުފުޅެއް ކަމަށް ރިލްވާނުގެ އާއިލާއިން ބުނެފި އެވެ.

ވީނުވީއެއް ނޭނގި ރިލްވާނު ގެއްލިފައިވާތާ މާދަމާއަށް ހަތަރު އަހަރު ފުރޭއިރު ރިލްވާނަށް އަދިވެސް އިންސާފު ލިބިފައި ނުވާތީ އާއިލާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެއްބަނޑު އެއްބަފާ ދައްތަ މަރިޔަމް ފަޒްނާ ވިދާޅުވީ، ރިލްވާނުގެ މައްސަލައާ ގުޅޭ ގޮތުން އަހުމަދު އަދީބު މިއަދު ނެރުއްވި ނޫސްބަޔާނުގައި ކަނޑައެޅިގެން ދޮގެއް ހައްދަވާފައިވާ ކަމަށެވެ. އެ ބަޔާނުގައި، އަދީބް ޖަލުގައި ބަންދުކުރި ފަހުން، ރިލްވާނާ ބެހޭގޮތުން އާއިލާއިން އަދީބާއި ކުރި ސުވާލުތަކުގެ ޖަވާބު ވަކީލުން މެދުވެރިކޮށް އާއިލާއަށް ދިން ކަމަށް އަދީބު ވިދާޅުވިއިރު އެއީ ތެދެއް ނޫންކަން އޭނާގެ ވަކީލް މަހުފޫޒް ސައީދަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ފަޒްނާ ވިދާޅުވި ގޮތުން އާއިލާއިން އަދީބަށް ހުށަހެޅި ސުވާލުތައް އޭނާއާ ކުރެއްވުމަށްފަހު ވަޑައިގެން ވަކީލް މަހުފޫޒް ސައީދު ވިދާޅުވެފައިވަނީ ރިލްވާންއާ ބެހޭގޮތުން ކުރި އެއްވެސް ސުވާލަކަށް އަދީބު ޖަވާބު ނުދެއްވި ކަމަށެވެ. ނަމަވެސް ސީދާ ރިލްވާނާ ގުޅޭ ގޮތަށް ނެތް ސުވާލުތަކަށް ޖަވާބު ދެއްވި ކަމަށެވެ.

މިއަަދުގެ ޕްރެސް ގައި ބައިވެރިވެވަޑައިގެންނެވި ޑިމޮކްރަސީ ނެޓްވޯކްގެ ރައީސް އަދި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުގެ ކުރީގެ ރައީސާ ޝަހިންދާ އިސްމާއިލް ވިދާޅުވީ، މިއަދު ޖަލުގައި އޮންނަވައިގެން ރިލްވާނުގެ މައްސަލާގައި އެކި ވާހަކަ އަދީބު ދެއްކެވުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. އެ މައްސަލާގައި ބަސް ބުނެ، ޖަވާބުދާރީވެވޭ މަގާމުތަކެއްގައި އަދީބު ހުންނެވި އިރުވެސް އިންސާފަށް އެދި އާދޭސް ކުރަމުން އަދީބުގެ އަރިހަށް ވެސް އާއިލާއިން ދިޔަ ކަމަށާއި އޭރު އެއްކަމެއް ވެސް ނުކޮށްދެއްވި ކަމަށެވެ.

ޝަހިންދާ ވިދާޅުވީ، ރިލްވާނުގެ މައްސަލާގައި އާއިލާއިން ކުރާ ސުވާލުތަކަށް ދޭނެ ޖަވާބު އަދީބު އަތުގައި ހުންނާނެ ކަމަށް އާއިލާއިން ގަބޫލުކުރާ ކަމަށެވެ.

ރިލްވާނު ގެއްލުނުތާ މާދަމާއަށް ހަތަރު އަހަރު ފުރޭ އިރު، އެ ހާދިސާއާ ގުޅިގެން ތަފާތު ގޮތް ގޮތަށް ވާހަކަ ދެކެވި އެކި ފަރާތްތަކަށް ތުހުމަތު އިގިިލި އަމާޒުވެގެން އައި އިރު އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަހުމަދު އަދީބުގެ ނަން ވެސް ހިމެނުނެވެ. ނަމަވެސް އެއީ އެއްވެސް ވަރަކަށް ސާބިތުވެފައިވާ ތުހުމަތެއް ނޫނެވެ.

ރިލްވާނުގެ މައްސަލާގައި އަދީބު މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ، ރިލުވާނަށް ވީގޮތް އެނގޭނަމަ ފާޅުގައި އެކަން ހާމަކުރާނެ ކަމަށެވެ. އަދި އެކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވޭނެ ކުޑަ ނަމަވެސް ހެއްކެއް ނުވަތަ ސަބަބެއް އޮތްނަމަ، އެ ތުހުމަތުތައް ވެސް އޭނާގެ މައްޗަށް ސަރުކާރުން ކުރާނެ ކަމަށެވެ.

"އަޅުގަނޑުގެ މައްޗަށް ނުހައްގުން އެތައް ތުހުމަތުތަކެއް ކޮށް، ދައުވާ އުފުލާފައިވާ ސަރުކާރަކުން އެކަމުގައި އަޅުގަނޑުގެ މައްޗަށް މިހާރު އޮންނާނީ ދައުވާ އުފުލާފައެވެ. ރިލްވާނުގެ މައްސަލާގައި އަޅުގަނޑުގެ މައްޗަށް ބައެއް ފަރާތްތަކުން ކުރަމުންގެންދާ ތުހުމަތު ތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެކެވެ،" އަދީބު އޭނާގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

އާއިލާއިން މިއަދުވެސް ބުނީ، ރިލްވާނަށް އިންސާފު ނުލިބި، ތުހުމަތުކުރެވުނު މީހުން މިނިވަންވެގެން ޝަރީއަތް ނިމުނީ އެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ އިހުމާލު އޮތުމުންކަން ސާބިތުވެފައިވާތީ ފުލުހުން ގޮވައިގެން ކޯޓަށް އެ އާއިލާ ދާނެ ކަމަށެވެ. އަދި އާލިފާއި ނޫރައްދީންގެ ކުށެއް ނެތް ކަމަށް އެ އާއިލާއިން ގަބޫލު ނުކުރާތީ ކުރިމިނަލް ކޯޓުން އެމީހުންގެ ކުށެއް ނެތް ކަމަށް ކަނޑައެޅި ކަނޑައެޅުން އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގައި އެދޭނެ ކަމަށެވެ.

ރިލްވާން ގެއްލުވާލާފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އަށްވަނަ ދުވަހު އެވެ. އެކަމަށް މި މަހު ހަތަރު އަހަރު ފުރޭއިރު މިހާތަނަށް ރިލްވާންއަށް ވީގޮތް ފުލުހުން ހޯދިފައެއް ނުވެ އެވެ. އެ މައްސަލާގައި ތަހުގީގެއް ހިންގައި ދައުވާ ކުރި ހަމައެކަނި މީހުން ވެސް މިއަދު މިނިވަންވެފައިވާތީ ރިލްވާންގެ ގާތް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.