ޗައިނާ މީހަކު 40 މިނެޓް ތެރޭގައި 160 ބިސް ކާލައިފި އެވެ.
އަވަހަށް ކެއުމުގެ މުބާރާތްތަކުގަައި ވާދަކޮށް އުޅޭ ޕޭން ޔިޒޮންގް، 46، ވަނީ 150 ކުއިލް ބިހާއި 10 ކުކުޅުބިސް ކާލައިފަ އެވެ. ޗޮޕް ސްޓިކުން ނަގައިގެން އެ ހުރިހާ ބިހެއް ކާލުމަށް 40 މިނެޓް ވެސް ހޭދަ ނުވެ އެވެ.
ރެސްޓޯރަންޓެއްގެ ޕްރޮމޯޝަނަލް ހަރަކާތެއްގެ ގޮތުގައި މިކަން ކުރި މީހާ އިށީން ގޮތަށް ތެދުވެފައި ވަނީ ބިސްތައް ހުސްކޮށްލުމަށް ފަހުގަ އެވެ. ޕޭން ބުނީ އޭނާގެ ސިއްހަތު ރަނގަޅު ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ކެއުމުގެ މިފަދަ އާދަޔާ ހިލާފް ކަންކަން ދައްކާލާނެ ކަމަށެވެ.
ޕޭން ކެއި ބިސްތަކުގެ ތެރޭގައި ގިނައީ ކުއިލް ބިސް ކަމަށްވާ އިރު އެއީ ކުކުޅުބިހަށް ވުރެ ކުދިކޮށް ހުންނަ ބިހެކެވެ.
"160 ބިސް ކެއުމަށް ފަހު ހުއްޓާލީ މޭ ނުބައި ކުރަން ފެށުމުން. ހުއްޓާލީ ބަނޑު ފުރިގެންނެން ނޫން،" އޭއެފްޕީއާ ވާހަކަ ދައްކަމުން ޕޭން ބުނެފައިވެ އެވެ.
ކެއުމުގެ މުބާރާތްތަކުގައި ޕޭން ވަނީ މީގެ ކުރިން 15 މިނެޓް ތެރޭ 40 ތަށި ނޫޑްލްސް ވެސް ކާލައިފަ އެވެ. އެކަމަކު އޭނާ ބުނީ މީގެ ކުރިން މިހާ ގިނައިން އެއްފަހަރާ ބިސް ކާފައި ނުވާނެ ކަމަށެވެ.