ހަބަރު

ތިން ބާރުން ގާނޫނު އަސާސީ ވަނީ ހީނަރުކޮށްލާފައި: ވަކީލުން

މިދިޔަ ފަސް އަހަރުގެ ތެރޭގައި ގާނޫނު އަސާސީގެ މައިގަނޑު އަސާސްތައް ހިނާރުކޮށްލައި ބަލިކަށިކޮށްލުމަށް ދައުލަތުގެ ތިން ބާރުން ވެސް ކަންތައްތަކެއް ކޮށްފައިވާ ކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ގާނޫނު އަސާސީ ހިމާޔަތްކުރުމުގެ ނަމުގައި ވަކީލުންތަކެއް ފެއްޓި "ދުސްތޫރީ ފަސާނާ" ހަރަކާތުގެ ދަށުން މިރޭ ބޭއްވި ބަހުސްގައި ވާހަކަ ދައްކަވަމުން ކުރީގެ ސޮލިސިޓާ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީގެ ސިފަތަކާއި އަސާސީ ހައްގުތައް ހީނަކުރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެފަދަ ގާނޫނުތަކެއް ފާސްކޮށްފައިވާ ކަމަށެވެ.

ރިފްއަތު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރު އެބަ އޮތް ކަމަށެވެ. ނަމަވެސް އެއީ ވަކި އިންތިޒާމްތަކެއްގެ ތެރެއިން ކުރެވޭ ކަމެއް ކަމަށެވެ. ވެރިކަން ކުރާ ބާރާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ގުޅިގެން ގާނޫނު އަސާސީގެ މައިގަނޑު އަސާސްތައް ބަދަލު ނުކުރެވޭނެ ކަމަށެވެ.

ރިފްއަތު ވަނީ އެފަދަ ބައެއް ގާނޫނުތައް ފާހަގަކުރައްވާފަ އެވެ. އެގޮތުން ހުއްދަ ހޯދައިގެން ނޫނީ އެއްވެ ނޫޅެވޭނެ ކަމަށާއި ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ނޫނީ އެއްވެ ނޫޅޭވޭނެ ކަމަށް ބުނާ އިސްލާހާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މަގާމުން ވަކިކުރަން ފަނޑިޔާރުގެ ގާނޫނަށް ގެނައި އިސްލާހު އޭނާ ފާހަގަކުރެއްވި އެވެ. އެފަދަ ގިނަ އިސްލާހުތަކެއް ގާނޫނަށް މަޖިލީހުން ގެނެސް ގާނޫނު އަސާސީގެ ބާރު ކެނޑޭ ގޮތަށް އަމަލުކޮށްފައިވުމަކީ އިންތިޒާމްވެގެން ގާނޫނު އަސާސީގެ ހަމަތައް ގެއްލުވާލުން ކަމަށް ވެސް ވިދާޅުވި އެވެ.

ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ބައެއް ހުކުމްތައް ވެސް ގާނޫނު އަސާސީގެ ބާރު ގެއްލޭ ގޮތަށް ކޮށްފައިވާ ކަމަށެވެ. އެފަދަ އެއް ހުކުމުގެ ގޮތުގައި ސުއޫދު ފާހަގަކުރެއްވީ ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ކުރެއްވި ހުކުމެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކިވާނެ ގޮތް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު އިތުރު ޝަރުތެއް ހުކުމަކުން ސުޕްރީމް ކޯޓަށް ވުޖޫދު ނުކުރެވޭނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.

މީގެއިތުރުން ސުޕްރީމް ކޯޓަށް ނޫނީ ފަނޑިޔާރުން އައްޔަން ކުރާނީ ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ ކަމަށް ގާނޫނު އަސާސީގައި ކަނޑައަޅައި އެއީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ހަދާފައިވަނިކޮށް ސުޕްރީމް ކޯޓުން ވަނީ ގާނޫނު އަސާސީއާ ހިލާފަށް ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ލަފާ ހޯދަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާކަން ސުއޫދު ފާހަގަކުރެއްވި އެވެ. އަދި، އިއްޔެ އެކުލަވާލި ޝަރީއަތް ކުރުމާ ބެހޭ ގަވައިދު ވެސް އޮތީ ދަށު ކޯޓުތަކަށް ސުޕްރީމް ކޯޓުން އަތް ބޭނޭ ގޮތަށް ކަމަށް ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ، ގާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ އަސާސްތަކެއް ކަމަށާއި އެ އަސާސްތައް އެއްވެސް ބަޔަކަށް ބަދަލު ނުކުރެވޭނެ ކަމަށެވެ. އެ އަސާސްތަކާ އެއްވެސް މުއައްސަސާއަކުން ހިލާފުވެއްޖެނަމަ ދައުލަތް ރޫޅިގެން ދާނެ ކަމަށެވެ.

ސުޕްރީމް ކޯޓުން އުފައްދައި ސުޕްރީމް ކޯޓަށް ބާރުތައް ވެސް ދިނީ ގާނޫނު އަސާސީން ކަމަށާއި އެހެންވެ އެ ގާނޫނު އަސާސީގެ ބާރުތައް އުނިވާ ގޮތަށް ނޫނީ ގާނޫނު އަސާސީއާ ހިލާފުވުމުގެ ބާރެއް އެ ކޯޓަށް ނެތް ކަމަށް ސުއޫދު ވިދާޅުވި އެވެ. ގާނޫނު އަސާސީއިން އުފައްދާފައިވާ ތަނަކަށް އެއަށް ބަދަލު ގެނައުމުގެ ބާރު ލިބިގެން ނުވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވަކީލް މުހައްމަދު ފައިސަލް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީއިން ރައްޔިތުންނަށް ދީފައިވާ އަސާސީ ހައްގުތައް ގާނޫނުތަކުން ހަނިކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ އިތުރުން އެންމެ ބޮޑަށް ބައިވެރިވެފައިވަނީ ވެރިކަން ކުރާ ބާރުން ކަމަށެވެ. އެގޮތުން އެފަދަ ހައްގުތައް ހަނިކުރުމުގައި ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ދައުރު ބޮޑުކަން ފާހަގަކުރެއްވި އެވެ.

ފައިސަލް ވިދާޅުވީ، ބަންޑާރަ ނައިބު އަނިލްއަކީ ވަރަށް އިލްމީ ބޭފުޅެއް ކަމަށާއި ކުރީގައި މިނިވަންކަމާއި ހަމަހަމަ ކަމަށް ވަކާލަތު ކުރެއްވި ވެސް ބޭފުޅެއް ކަމަށެވެ. ނަމަވެސް މަގާމު ލިބިވަޑައިގެންނެވުމުން އަމަލުތައް ބެހެއްޓެވީ ކަންބޮޑުވާފަދަ ގޮތަކަށް ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، ތިން ބާރު ވަކިން އޮންނަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވީ ނަމަވެސް ޝަރުއީ ނިޒާމަށް ވެރިކަންކުރާ ބާރުގެ ނުފޫޒު ވަރަށް ބޮޑަށް ވަދެފައިވާ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި ފައިސަލް ފާހަގަކުރެއްވީ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހެއް ގެނެސްގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމެވެ. އެ އިސްލާހު މަޖިލީހަށް ވެއްދީ ބަންޑާރަ ނައިބު ފޮނުވައިގެން ސަރުކާރުގެ ފަރާތުންނެވެ.

ވަކީލް ސަފާ ޝަރީފް ވަނީ ގާނޫނު އަސާސީއިން އެކުލަވާލި މިނިވަން މުއައްސަސާތަކުން ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އަމަލު ކުރަމުން ނުދާކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ޕްރޮސިކިއުޓާ ޖެނަރަލަކީ މިނިވަން ބޭފުޅެއްގެ ގޮތުގައި ހުންނަން ޖެހުނު ނަމަވެސް ފެންނަނީ އެ މަންޒަރު ނޫން ކަމަށާއި އިދިކޮޅު އެތައް ސިޔާސީ ބޭފުޅުންނަށް ދައުވާކޮށް، އިދިކޮޅަށް ތާއިދުކުރާ މީހުން ވެސް ކުށްވެރިކުރަމުންދާ ކަމަށެވެ.

ހަމަ އެހެން، ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ވެސް ޒިންމާ އަދާކުރަމުން ނުދާކަން ސަފާ ފާހަގަކުރެއްވި އެވެ. ސަފާ ވިދާޅުވީ ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތައް ރައީސްއަށް އަމާޒުވާއިރު އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އޮތީ ހިމޭނުން ކަމަށެވެ.

ފާޅުގައި ދައުލަތުގެ ވަސީލަތްތައް ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ބޭނުން ކުރާނެ ކަމަށް ބުނާއިރު ވެސް އެ ކޮމިޝަނުން އަޅާ ނުލާ ކަމަށާއި އެފަދ މީހުންނަށް އެ ވާހަކަތައް ދައްކައި ފާޅުގައި ކޮރަޕްޝަން ހިންގަމުން ދަނީ ވެސް އެންޓި ކޮރަޕްޝަން ހިމޭނުން އޮންނާތީ ކަމަށް ސަފާ ވިދާޅުވި އެވެ.

ސަފާ ވިދާޅުވީ، ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ފަދައިން މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލު ކަމެއް މިހާރު ނެތް ކަމަށާއި މިހާރު އެ މުއައްސަސާތައް ސިފަ ވަނީ ސަރުކާރުގެ ގޮފިތަކެއްގެ ގޮތުގަ ކަމަށެވެ. ރައްޔިތުންގެ އެއްވެސް އިތުބާރެއް މުއައްސަސާތަކަށް މިހާރު ނެތް ކަމަށެވެ.