ޖޭއެސްސީ

ސުޕްރީމް ކޯޓުގައި ޖޭއެސްސީ ތަމްސީލްކުރާނެ ވަކީލެއް ހޯދަނީ

ޖުޑިޝަލް ސާވިސް ކޮމިޝަން [ޖޭއެސްސީ] އިން ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތަކާއި އެ ކޮމިޝަނަށް ރައްދުވާ ދައުވާތަކުގައި ވަކާލާތުކުރާނެ ވަކީލެއް ހޯދުމަށް އިއުލާންކޮށްފި އެވެ.

ޖޭއެސްސީން ކުރި އިއުލާންގައި ބުނެފައިވަނީ އެ ކޮމިޝަނުން ސުޕްރީމް ކޯޓަށް އެއްވެސް މައަސަލައެއް ހުށަހަޅަން ޖެހިއްޖެނަމަ އެ މައްސަލަ ހުށަހެޅުމާ ބެހޭ ހުރިހާ މަސައްކަތެއް ކުރުމަކީ ވަޒީފާއަށް ހޮވޭ ބޭފުޅެއްގެ ޒިންމާއެއް ކަމަށެވެ. އެގޮތުން ހުށަހަޅާ މައްސަލައާ ގުޅިގެން ކުރަންޖެހޭ ދިރާސާތައް ކުރުމާއި ކޯޓަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ތައްޔާރު ކުރުމާއި ޝަރީއަތުގެ މަޖިލީހަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ތައްޔާރު ކުރުމާއި ސްޕްރީމް ކޯޓުގައި ޖޭއެސްސީ ތަމްސީލު ކުރުންވެސް ހިމެނެ އެވެ.

ޖޭއެސްސީގެ ވަކީލަކަށް ކުރިމަތިލާ ފަރާތަކީ ދިވެހިރާއްޖޭގެ ޝަރުއީ ކޯޓެއްގައި ވަކާލާތު ކުރުމުގެ ހުއްދަ އަދި ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ އޮތް މީހަކަށް ވާންޖެހެ އެވެ. އަދި އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ރަނގަޅަށް މުއާމަލާތު ކުރަން އެނގެންޖެހެ އެވެ.

އިއުލާންގައި ބުނެފައިވަނީ މި މަގާމަށް ހުށަހަޅާ ފަރާތަކީ ޝަރުއީ ކޯޓެއްގެ ފަނޑިޔާރަކާއި ނުވަތަ މުވައްޒަފަކާ ނަސަބުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް އޮތް ފަރާތެއްނަމަ އެކަން އެނގޭނެ ލިޔުމެއްގައި ސޮއިކޮށް ހުށަހަޅަން ވާނެ ކަމަށެވެ.

މަސައްކަތް ކުރަންޖެހޭ މުއްދަތަކީ އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން އެއް އަހަރު ދުވަހެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ ޖޭއެސްސީން ބޭނުންވެއްޖެ ނަމަ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރެވިދާނެ ކަމަށްވެސް އިއުލާނުގައިވެ އެވެ.

މިމަސައްކަތަށް ހޮވޭ ފަރާތަކަށް މަހަކު 5،000 ރުފިޔާ ލިބޭނެ އެވެ. މީގެ އިތުރަށް މައްސަލައާ ގުޅިގެން ދުވާލަކު އެއް ގަޑިއިރަށް ވުރެ އިތުރަށް ކުރާ މަސައްކަތައް ގަޑި އިރަކަށް 500 ރުފިޔާ ދެވޭނެ ކަމަށާއި މިގޮތުން ފައިސާ ދެވޭނީ ދުވާލަކަށް ގިނަވެގެން ހަ ގަޑި އިރަށް ކަމަށްވެސް ޖޭއެސްސީން ބުނެ އެވެ.