ހަބަރު

ކޯޓުތަަކަށް އައްޔަން ކުރި 15 މެޖިސްޓްރޭޓަކު ހުވާކޮށްފި

މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަން ކުރި 15 މެޖިސްޓްރޭޓަކު މަގާމުގެ ހުވާ ކުރައްވައިފި އެވެ. މިރޭ މަގާމުގެ ހުވާކޮށްފައިވަނީ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރި އަށް ބޭފުޅަކާއި، މެޖިސްޓްރޭޓް ކަމަށް އައްޔަންކުރި ހަތް ބޭފުޅެކެވެ.

މިރޭ ހުވާ ކުރެއްވި ބޭފުޅުންނަށް މަގާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. އެ ބޭފުޅުންނަށް ފަނޑިޔާރުކަމުގެ ފަތްކޮޅު އެރުއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަންކުރި މެޖިސްޓްރޭޓުންނަކީ، ސ. މަރަދޫ، ޒެފެއާ، ފާތިމަތު ފަރުހީޒާއާއި، ސ. މަރަދޫ އެށެވެލި، އިބްރާހީމް އިހުސާންއާއި، ތ. ތިމަރަފުށި، ނަރުގިސްވިލާ، އަހުމަދު ޔަސަޢުއާއި، އދ. ދިގުރަށް، އަސަރީގެ، އާދަމް އަޙްމަދުއާއި، ގދ. ފިޔޯރީ، މާވެހި، ޢައިނާން އަލީ މުހައްމަދުއާއި، ގދ. ފިޔޯރީ، ނާރެސް، ޙައްމާދު ނަސީމް ޢަލީ އާއި، ފ. ނިލަންދޫ، މޯނިންގްސަން، އިސްމާޢީލް ޙަބީބުއާއި، ދ. ހުޅުދެލި، ތުޑީގެ، މުޙައްމަދު ޝާހްއާއި، ޏ. ފުވައްމުލައް، ހޯދަޑު. ގޮފި، މުލްޙަ ޢަލީއާއި، ފ. މަގޫދޫ، އަތިރީގެ، މުޙައްމަދު ޙަމްޒާއާއި، ބ. ދަރަވަންދޫ، ރޯޒްމީޑް، ޢަބްދުﷲ ޙަމީދުއާއި، ލ. ދަނބިދޫ، ފިނިހިޔާގެ، ޙުސައިން ފާއިޒުއާއި، ރ. އަލިފުށި، މާތިލަ، ޢަބްދުﷲ ޒާހިރުއާއި ށ. ފޯކައިދޫ، ފަޒާ، ޙަމްދޫން ރަޝީދު، އަދި ދަފްތަރު ނަންބަރު ރސ 5831 އާދަމް ސަޢީދު މޫސާއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސް އިބްރާހީމް ރިޒާ ވިދާޅުވީ ފަނޑިޔާރުންނަކީ ވަރަށް ބުރަ މަސައްކަތެއް ކުރަން ޖެހޭ ބައެއް ކަމަށާއި، ހައިކޯޓާއި، ސުޕުރީމްކޯޓުން ނިންމާފައިވާ ނިންމެވުންތައް ދިރާސާ ކުރުމަށްފަހު އަދުލު އިންސާފު ގާއިމް ކުރުމުގެ މަސައްކަތާއިގެން ކުރިޔަށް ދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން މައްސަލަތައް ތަރުތީބު ކޮށް، ގިނަ ދުވަސްތަކެއް ނުކޮށް، ވީހާވެސް އަވަހަށް މައްސަލަތައް ނިންމުމަކީ އާންމު ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުންކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މިރޭގެ ހަފްލާގައި ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނާއި ޖޭއެސްސީގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.