ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ދެން ހުއްޓާ ނުލެވޭނެ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އިންނަވާ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ.
މެންބަރު ހިސާން މިހެން ވިދާޅުވީ އޭނާ ހިމެނޭ ގޮތަށް ޖޭއެސްސީގެ ފަސް މެންބަރެއްގެ މައްސަލަ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ފުލުހަށް ހުށަހަޅާފައިވަނިކޮށެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ ހުށަހަޅާފައިވަނީ އޭނާގެ ސަސްޕެންޝަން ފަސްކުރުމަށް ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރު ގަބޫލު ނުކުރަން ޖޭއެސްސީ ނިންމި ނިންމުމުގައި ބައިވެރިވި ފަސް މެންބަރުންގެ މައްސަލަ އެވެ. އޭގެ ތެރޭގައި ހިސާންގެ އިތުރުން ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ މެންބަރު ވެސް ހިމެނެ އެވެ.
އެކަމަށް އިޝާރަތް ކުރައްވާ ހިސާން ވިދާޅުވީ ހައްޔަރުކުރުމާއި ސަސްޕެންޑް ކުރުމާއި ފުރައްސާރަ އާއި ބިރު ދެއްކިއިރު ނުޖެހުނު ފަހެއް ދެން ވެސް ނުޖެހޭނެ ކަމަށެވެ. އޭރު ވެސް ވަކާލާތު ކުރީ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ކަމަށާއި އެކަން ހުއްޓާ ނުލައްވާނެ ކަމަށެވެ.
"މިދިޔަ ރިޔާސީ އިންތިހާބުގައި އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން ސަރުކާރަށާއި މަޖިލީހަށް ދިން މެންޑޭޓް ވަރަށް ސާފު، ޖުޑިޝަލް ރިފޯމް ނުހުއްޓޭނެ އަދި ނުވެސް ހުއްޓުވޭނެ، ޖުޑިޝަލް ރީފޯމްގެ މަސައްކަތް އެއް މިސްރާބެއްގައި ދާނީ ކުރިއަށް،" ހިސާން ވިދާޅުވި އެވެ.
ހިސާން މިހެން ވިދާޅުވިއިރު ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީއިން ނިންމި ނިންމުމަށް ތާއިދުކޮށް އެކަން ފާސްކުރުމަށް މަޖިލީހުގެ ތަޅުމަށް ހުށަހަޅަން މަޖިލީހުގެ ޖުޑިޝަލް ކޮމެޓީއިން ވަނީ ނިންމާފަ އެވެ. އެ ކޮމެޓީގައި ހިސާން ވެސް ހިމެނިވަޑައިގަންނަވަ އެވެ. ނަމަވެސް ޖޭއެސްސީއާ ގުޅޭ ކަންކަމުގައި އޭނާ ބައިވެރިވެވަޑައިނުގަންނަވަ އެވެ.
އެމްޑީޕީއިން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގައި މެނިފެސްޓޯއެއްގެ ގޮތުގައި ނެރުނު "އެޖެންޑާ19"ގައި ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ގިނަ ކަންތައްތަކެއް ހިމަނާފަ އެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓުގެ ބައެއް ބާރުތައް ނެގުމާއި ކޯޓުގެ އިސް ފަނޑިޔާރުގެ ބައެއް ޒިންމާތައް ރަޖިސްޓްރާއަށް ހަވާލުކުރުން ހިމެނެ އެވެ.
އެއާއެކު، ސުޕްރީމް ކޯޓުން ވަނީ އިސްލާހު ކުރުމަށް އަމިއްލައަށް އިސްނަގައިގެން މަގު ޗާޓެއް އެކުލަވާލާފަ އެވެ. ނަމަވެސް އެ މަގު ޗާޓަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.