ގައުމީ ޓީމުގެ ކުރީގެ ފޯވަޑް ޝާހު އިސްމާއިލް (ސާޔާ)ގެ ދެ ލަނޑާއެކު އިންޑަޕެންޑަސް ގޯލްޑަން ޖުބްލީ ގްލޯބަލް ވެޓްރަންސް މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ސިންގަޕޫރު އަތުން 2-1 އިން ރާއްޖެ މޮޅުވެއްޖެ އެވެ.
ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ކުޅުނު މުބާރާތުގެ ފުރަަތަމަ މެޗުގައި ޝާހު ރާއްޖެ އަށް ލީޑު ހޯދައިދިނީ 22 ވަނަ މިނިޓުގަ އެވެ. ޕެނަލްޓީ އޭރިޔާ ބޭރުން އަޝްރަފު ލުތުފީ (ސަމްޕަތު) ފޮނުވާލު ބޯޅަ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ނިކުތް ވަގުތު، ޝާހު ވަނީ ޕެނަލްޓީ އޭރިޔާ ތެރެއިން ބޮލުން ގޯލަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
ކުރިން ނިއު ރޭޑިއަންޓާއި ވެލެންސިއާ އަށް ކުޅުނު ކުޅަދާނަ ފޯވަޑް ޝާހު ރާއްޖޭގެ ދެވަނަ ލަނޑު ޖެހީ މެޗުގެ 58 ވަނަ މިނިޓުގަ އެވެ. ޕެނަލްޓީ އޭރިޔާ ބޭރުން ލިބުނު ހިލޭޖެހުމެއް ޝާހު ގޯލަށް ފޮނުވާލިއިރު، އެ ބޯޅަ ގޯލަށް ވަނީ ސިންގަޕޫރުގ ގޯލްކީޕަރު މުހައްމަދު ޝަހުލާންގެ އަތުގައި ޖެހިފަ އެވެ.
ރާއްޖޭން ދެވަނަ ލަނޑު ޖެހިތާ ކުޑައިރުކޮޅެއް ފަހުން، ސިންގަޕޫރުން ވަނީ ލަނޑެއް ޖަހައި ތަފާތު ކުޑަކޮށްލައިފަ އެވެ. ސިންގަޕޫރަށް ލިބުނު ކޯނަރަކުން އެ ޓީމުގެ ކުޅުންތެރިއެއް ހުރަސްކޮށްލި ބޯޅަ، ރާއްޖޭގެ ގޯލަށް ބޮޮލުން އަމާޒުކޮށްލީ ޖުމާރީ ބިން ސެމިން އެވެ.
މިނިވަން 50އާ ގުޅުވައިގެން ސޮކާ ވެޓްރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބާއްވާ މި މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު މި މެޗުގެ ކުރިން ކުރިއަށްދިޔަ އެވެ. މުބާރާތުގެ ފުރަތަމަ މެޗު ޝަރަފުވެރިކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.
މި މުބާރާތުގައި ގުރޫޕް އޭގައި ރާއްޖެ އާއި ސިންގަޕޫރުގެ އިތުރުން ދެން އޮތީ އިންޑޮނޭޝިއާ އެވެ. ގުރޫޕް ބީގައި އޮތީ އިންޑިއާ އާއި ބުރުނާއީ އަދި މެލޭޝިއާ އެވެ.
މި މުބާރާތުގައި މާދަމާ ތިން މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މުބާރާތުގައި މާދަމާ ހެނދުނު ކުޅޭ މެޗުގައި ބައްދަލުކުރާނީ އިންޑިއާ އާއި ބުރުނާއީ އެވެ. ހަވީރު އިންޑިއާ އާއި މެލޭޝިއާ ބައްދަލުކުރާއިރު، މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ދިވެހިރާއްޖެ އާއި އިންޑޮނޭޝިއާ އެވެ.