ހަބަރު

މާދަމާ ރޭ އިދިކޮޅު ޖަލްސާ ބާއްވަން ދަރުބާރުގެ ދީފި

އިދިކޮޅު އިއްތިހާދުގެ ޖަލްސާ މާދަމާ ރޭ ބާއްވަން ދަރުބާރުގެ ދޫކުރަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

އިދިކޮޅު ފަރާތްތަކުން ޖަލްސާ ބޭއްވުމަށް ހައުސިން މިނިސްޓްރީއަށް ސިޓީ ފޮނުވާފައިވާފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އިދިކޮޅުން ޖަލްސާ ބޭއްވުމަށް ހައުސިން މިނިސްޓްރީގައި އެދިފައިވަނީ ކާނިވާ ސަރަހައްދު ދޫކުރުމަށެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު އަހްމަދު ފަޒާލް ހުސައިން "އަވަސް" އަށް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އެދިފައިވަނީ ކާނިވާ ސަރަހައްދު ދިނުމަށް ކަމަށާއި ނަމަވެސް އެ ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީވެ، އެއްވެސް ބަޔަކަށް ކާނިވާ ސަރަހައްދު ދޫނުކުރަން ނިންމާފައިވާ ކަމަށެވެ.

ފަޒާލް ވިދާޅުވީ، ހުރިހާ ޕާޓީތަކަށް ހަމަހަމަ ފުރުސަތު ދިނުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުން މާދަމާ ރޭ ޖަލްސާ ބޭއްވުމަށް ދަރުބާރުގެ ދޫކުރުމަށް ނިންމައި އެކަން ސިޓީއަކުން އަންގާފައިވާނެ ކަމަށެވެ. އަދި މާދަމާގެ ކުރިން އެތަނަށް ފައިސާ ދައްކައި ނިންމުމަށްވެސް ސިޓީގައި އެދިފައިވާނެ ކަމަށް ފަޒާލް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކަށް މާދަމާ ރޭ ޖަލްސާ ބޭއްވުމަށް ދަރުބާރުގެ ދޫކޮށްފައިވާއިރު، އިންތިހާބުގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާން ކުރައްވާފައިވާ ފަރާތްތަކާއި ރަނިންމޭޓުންނަށް ހަމަހަމަ ފުރުސަތުތަކެއް ދިނުމަށް، އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ހައުސިން މިނިސްޓްރީއަށާއި ފުލުހުންނަށާއި ޕީއެސްއެމް އަދި ހޯމް މިނިސްޓްރީއަށް ވަނީ މީގެ ކުރިން އަންގާފަ އެވެ.