މި ރާއްޖޭގައި ދޭ މެސެޖު ވަރަށް ވެސް ސާފެވެ. ރަން ރީނދޫ ނުވަތަ ރީނދޫހެން ހީވާ ކޮންމެ ކުލައަކުން ޓައީއެއް ހޮއްވެވިޔަސް އެ ޓައީއެއް އަޅައިގެން ހުންނަ މީހާ މި ވަނީ ސިޔާސީ އިދިކޮޅު ޕާޓީ އެމްޑީޕީގެ މެމްބަރަކަށެވެ. ނުވަތަ ސަޕޯޓަރަކަށެވެ. ނުވަތަ ވަފާތެރިޔަކަށެވެ.
މެޖެންޓާ ކުލައިގެ ޓައީއެއް ހޮވައިފި މީހަކީ ވެރިކަންކުރާ ޕީޕީއެމްގެ މެމްބަރެކެވެ. ނުވަތަ ސަޕޯޓަރެކެވެ.
ރާއްޖޭގައި މިކަން އޮތީ މިހެންނެވެ. ލީޑަރުންނާ ހިސާބުން ފެށިގެން އެންމެ އާދައިގެ މީހާގެ ފަރާތުން ވެސް ފެންނަނީ މި ދެންނެވި ގޮތަށް ލޭބަލްކުރަން ފަސޭހަވާނެހެން ޓައީ އަޅުއްވަމުން ގެންދަވާ މަންޒަރެވެ. ސިޔާސީ އެއްވެސް ޕާޓީއަކަށް ލޭބަލްވާން ބޭނުން ނޫން ނަމަ އެންމެ އާންމު ކުލަ އަކީ ކަޅުކުލަ އެވެ.
ކޮންމެއަކަސް ތަޖުރިބާކާރުން ބުނަނީ އަޅުއްވާ ޓައީގެ ކުލަ ވަރަށް ވެސް މުހިންމު ކަމަށާއި އެ ހޮވުން ރަނގަޅުވެއްޖެ ނަމަ ވަށައިގެން އޮންނަ އޯޑިއެންސަށް ފޯރުކޮށްދޭން ބޭނުންވާ މެސެޖު ފޯރުކޮށްދިނުމުގެ އެންމެ މުހިންމު މެދުވެރިޔަކީ ވެސް ޓައީ ކަމަށެވެ.
"ކުލަ އަކީ ވަރަށް ހާއްސަ އިޝާރާތެއް،" ފެޝަންގެ ދުނިޔެ އަށް މަޝްހޫރު ލިޔުންތެރިޔާ އަދި ސްޓައިލިސްޓް ޑޭވިޑް ޒައިލާ ބުނަނީ މިހެންނެވެ.
"ޓައީއެއްގައި ހުންނަ ކުލައަކުން، އެއް ވައްތަރެއްގެ ކޯޓު ފަޓުލޫނު ހެދުން ވެސް ލޮލަށް ފެންނަ ގޮތް ތަފާތުކޮށްލާ. ޓައީގެ ގޮތުގައި ބޭނުންކުރާ ކޮންމެ ކުލަ އަކީ ވެސް މުޅިން ތަފާތު މެސެޖެއް އަދި އަސަރެއް ކުރުވާ ސިފައެއް."
ތަޖުރިބާކާރުންގެ ވާހަކައިން ނަމަ ޓައީއެއް އިހްތިޔާރުކުރާއިރު އޭގެ ކުލަ އަށް ސަމާލުވުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ. އެހެންވީމަ ކުރިއަށް އޮތް ބައްދަލުވުމަށް ހޮވާނީ ކޮން ކުލައެއްގެ ޓައީއެއްތޯ ބަލާލަމާ ހިނގާށެވެ.
ރަތް ކުލައިން ޓައީ އަޅުއްވައިގެން ތިއްބަވާ ސިޔާސީ ވެރިން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެހާ އާންމުކޮށް ފެނުމަކީ އެއްގޮތަކަށް ވެސް އިއްތިފާގެއް ނޫނެވެ.
"ރަތް ކުލަ އަކީ ބާރާއި ހައިބަތު ރަމްޒުކޮށްދޭ ކުލައެއް،" ކުލަތަކާ ބެހޭ ގޮތުން ކިޔަވަމުން އަންނަ ޓްރެންޑް އެނަލިސްޓެއް ކަމަށްވާ މާކް ވުޑްމަން ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މިހެންނެވެ.
"ޖޯޝާއި ފޯރީގެ ބާރުގަދަކަން މި އޮންނަނީ އަބަދުވެސް ރަތްކުލައާ ގުޅިފައި."
ތަޖުރިބާކާރުން ބުނަނީ ރަތްކުލައޭ ބުންޏަސް ރަތްކުލައިގެ އެކި ޓޯންތަކުން ދޭ މެސެޖު ވެސް ތަފާތުވާ ކަމަށެވެ. މިސާލަކަށް ތަންކޮޅެއް ގަދަ ރަތްކުލައެއް ނަމަ އެ ކުލައެއް ގުޅިފައި ވަނީ އިތުބާރާ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އެ ކުލައާ އެކު ބައެއްގެ މެދުގައި އިތުބާރު އުފެދެން ފަސޭހަ ކަމަށްވެ އެވެ.
މަޑު ރަތްކުލަ އާއި ފިޔާތޮށި ކުލަ އަކީ ބޮޑަށް މީހާގެ ޝަހުސިއްޔަތާ ގުޅިފައިވާ ކުލަ އެވެ. އެމީހެއްގެ ކިބައިގައި ހުންނަ ހައިބަތަކާއި ހުނަރުވެރިކަމެއް މި ދެ ކުލައިން ރަމްޒުކޮށްދޭ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ފިޔާތޮށި ކުލަ އެންމެ މަޝްހޫރީ އަންހެނުންގެ ކުލައެއްގެ ގޮތުގަ އެވެ. ނަމަވެސް މިއީ ފިރިހެނުންގެ މެދުގައި މަޝްހޫރު ކުލައެއްކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ. ފާއިތުވި 10 ވަރަކަށް އަހަރު މި ކުލަ ބޭނުންކުރުން އެންމެ އާންމުވެފައި އޮތީ އަންހެނުން ބާރުވެރިކުރުމަށް ނުވަތަ ހޭލުންތެރިކުރުމަށް ހިންގާ ކެމްޕޭންތަކުގަ އެވެ.
އެހެންކަމުން ކުލަތަކުގެ ތަޖުރިބާކާރުން ބުނަނީ ލީޑަރެއްގެ ގޮތުގައި އޯޑިއެންސަކާ ކުރިމަތިލާއިރު ޓައީއެއްގެ ގޮތުގައި ހިޔާރުކުރަން އެންމެ ބުއްދިވެރި ކުލައަކީ ވީހާ ވެސް ހިތްގައިމު ރަތެއް ކަމަށެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުން މި ކުލައިގެ ޓައީ އަޅުއްވައިގެން ހުންނަވާ މަންޒަރު އެންމެ އާންމުކޮށް ފެނިވަޑައިގަންނަވަނީ ވިޔަފާރިވެރިޔާ އަދި މަޖިލިސް މެމްބަރު ގާސިމް އިބްރާހީމެވެ. އެހެންވީމަ ރަތް ކުލައާ ގުޅުވައިގެން ތަޖުރިބާކާރުން ދައްކާ ވާހަކައިގައި ހަގީގަތެއް އެބަ އެކުލެވެއެއް ނޫން ހެއްޔެވެ؟
ގާސިމުގެ އެއްބާރުލުމާ ނުލައި މި ރާއްޖޭގައި ބަޔަކަށް ވެރިކަން ލިބިފައެއް ނެތެވެ. ފަހުން އެ މަނިކުފާނު ބާކީކޮށްލެއްވުން އެއީ އަދި މުޅިން އެހެން ވާހަކަ އެވެ.
މި ކުލަ މިހާރު އެންމެ މަޝްހޫރީ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ހާމަކޮށްދޭ ކުލައެއްގެ ގޮތުގަ އެވެ. މިއީ މަހުޖަނުންނާއި ޝާހީ ބޭފުޅުންގެ މެދުގައި ޒަމާނުއްސުރެ މަގްބޫލު ކުލަ އެކެވެ.
ތަޖުރިބާކާރުން ބުނަނީ މި ކުލަ އަކީ އާންމުކޮށް ފެންނަ އޮންނަ އާންމުންގެ ބައިގަނޑުން އެކަހެރިވެ އެކަމަކު މާ ގިނަ ބައެއްގެ ސަމާލުކަން ނުލިބި ހުންނަން ބޭނުން ނަމަ އިހްތިޔާރުކުރުން ރަނގަޅު ކުލައެއް ކަމަށެވެ.
މިއީ ރަސްމީ ބައްދަލުވުންތަކާ އެއްގޮތަކަށް ވެސް ގުޅޭ ކުލައެއް ނޫނެވެ. ނަމަވެސް ޕާޓީއަކަށް ދާ ނަމަ އަދި ރޭގަނޑުގެ ރަސްމީ ފަރިއްކޮޅެއްގައި ބައިވެރިވާ ނަމަ ވެސް މި ކުލައިން ޓައީއެއް އިހްތިޔާރުކުރެވިދާނެ އެވެ. ސްޓައިލިސްޓް ޒައިލާ ބުނަނީ މިއީ ހަފުލާތަކާ ވެސް އެހާ ގުޅޭ ކުލައެއް ނޫން ކަމަށެވެ.
ހާއްސަކޮށް އޮފީހެއްގައި ކާމިޔާބީ އަށް ހިތްކިޔާ ޒުވާނުން މި ކުލަ ބޭނުން ނުކުރުމަށް އޭނާ ނަސޭހަތްތެރިވެ އެވެ. ނަމަވެސް ރަސްމީ ކަޅު ކުލައިގެ އެހެން ޝޭޑުތައް ހިޔާރުކުރެވިދާނެ އެވެ. މިސާލަކަށް ލައިޓް ގްރޭ އެވެ.
މިއީ ގުދުރަތުގެ ކުލަ އެވެ. އާ ފެށުމެކެވެ. ބައެއް ގައުމުތަކުގެ މީހުން ގަބޫލުކުރާ ގޮތުން ފައިސާއާ ގުޅިފައިވާ ކުލަ އަކީ ވެސް މިއީ އެވެ.
މިފަދަ ގިނަ ގޮތަކަށް އެކި މީހުން މި ކުލަ ސިފަކުރިޔަސް ތަޖުރިބާކާރުން ބުނަނީ މިއީ ވެސް އޮފީސް މާހައުލަކާ ގުޅޭ ކުލައެއް ނޫން ކަމަށެވެ. އަދި ފެހި ކުލައިގެ ރީތި ޓައީއެއް ހޯދުން ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ވެސް އެމީހުން ބުނެ އެވެ.
އެކަމަކު މި ކުލަ ދޫކޮށްނުލެވޭ ވަރަށް ހިތްކިޔައިގެން އުޅޭ ނަމަ ތަންކޮޅެއް ލައިޓް ގްރީން ޓައީއެއް ހޮވުން އެންމެ ރަނގަޅެވެ. ކޮންމެއަކަސް މި ކުލަ އަކީ މާ ގިނަ ބަޔަކު ޓައީ އަޅަން ބޭނުންވާ ކުލައެއް ނޫނެވެ. ފެހި ކުލަ އަކީ "ފެވަރިޓް" ކުލަ ކަމުގައި ވިޔަސް ގިނަ މީހުން މި ކުލަ ދޫކޮށްލަނީ އެވެ.
މި ކުލައިގެ ބަދަލުގައި ރީނދޫ ކުލަ އިހްތިޔާރުކުރުން ކިހިނެތްވާނެ ހެއްޔެވެ؟ ރީނދޫ ކުލަ އަކީ ޔަގީންކަމުގެ ކުލަ އެވެ. އެހެންވީމަ ރާއްޖޭގެ ސިޔާސީ މައިދާނުގައި "ޓީމް ޔަގީން" ގެ ކުލަ މި އޮތީ އޮޅިފައެއް ނޫން ހެއްޔެވެ؟
ރީނދޫ ކުލައިން ޓައީ އެޅުމަކީ ވަރަށް ގިނަ ގައުމުތަކެއްގައި މަޝްހޫރު ސަގާފަތެކެވެ. ހާއްސަކޮށް އިނގިރޭސި ވިލާތުގައި މިއީ މަޝްހޫރު ކުލަ އެކެވެ.
ތަޖުރިބާކާރުން ބުނަނީ ރީނދޫ ކުލަ އަކީ ގުޅުން ބަދަހިކޮށްދިނުމަށް ވެސް މަޝްހޫރު ކުލައެއް ކަމަށެވެ. ނަމަވެސް ބައެއް ގައުމުތަކުގެ ސަގާފަތްތައް ބެހިގެންދާ ގޮތުން މި ކުލަތަކުގެ މާނަތައް އެކި ގައުމުތަކުގައި ތަފާތުވެގެންދާކަން ވެސް ފާހަގަކޮށްލެވެ އެވެ.
މިސާލަކަށް އިންޑިއާގައި ރީނދޫ ކުލައިގެ ޓައީ ހާއްސަވެފައި ވަނީ ވިޔަފާރިވެރިންނަށެވެ. ޗައިނާގައި ހުދު ކުލައިގެ ޓައީ އަކީ ހިތާމައެއްގައި ބައިވެރިވާ މީހުންނަށް ހާއްސަ ޓައީއެކެވެ.
އެހެންވީމަ މި ހުރިހާ ކުލަތަކަށް ބަލާއިރު އެންމެ "ސޭފް" ކުލަ އަކީ ނޫ ކުލަ އެވެ. ތަޖުރިބާކާރުން ބުނާ ގޮތުން އަޅައިގެން ހުންނަ ޓައީގެ ކުލައިން ދެވެނީ ކޮން މެސެޖެއްކަން ނޭނގޭ ނަމަ އެންމެ ބުއްދިވެރީ ނޫ ކުލައިގެ ޓައީއެއް އެޅުމެވެ.