ރައީސް އަބްދުﷲ ޔާމީންގެ އަބުރަށް ހުތުރުވާ ފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓުކޮށްގެން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ރާއްޖެ ޓީވީ ދެމިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރުމުން އެ ޓީވީއިން ފަންޑު ފޮއްޓެއް ހުޅުވައިފި އެވެ.
"އަބުރުފުޅު ފަންޑު"ގެ ނަމުގައި ރާއްޖެ ޓީވީން ފަންޑު ފޮއްޓެއް ހުޅުވާފައިވަނީ އެ ޓީވީ ހުންނަ އިމާރާތުގެ ކުރިމަތީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ފަންޑް ހުޅުއްވައި ދެއްވީ، އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އެގޮތުން އޭނާ ވަނީ ފަންޑް ފޮއްޓަށް ފައިސާ ހަދިޔާ ކުރައްވައިފަ އެވެ. އިދިކޮޅަށް ތާއީދު ކުރާ ގިނަ އަދަދެއްގެ ފަރާތްތަކަކުން ރާއްޖެޓީވީ ސަރަހައްދުގައި އޮތް މި ރަސްމިއްޔާތަށް ގޮސް، ފަންޑް ފޮއްޓަށް ފައިސާ ހަދިޔާކުރި އެވެ.
އަބުރުފުޅު ފަންޑު ފޮށި ބަހައްޓަން ނިންމާފައިވަނީ ވެސް ރާއްޖެ ޓީވީ އިމާރާތުގެ ކުރިމަތީގަ އެވެ.
ދެ މިލިއަން ރުފިޔާއިން ރާއްޖެ ޓީވީ ޖޫރިމަނާ ކޮށްފައިވަނީ، ރާއްޖެޓީވީ އިން ފޮނުވި ކޮންޓެންޓަކާ ގުޅިގެންނެވެ. އެކަމާ ގުޅިގެން ބްރޮޑްކާސްޓިން ކޮމިޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ، ދެ މިލިއަން ރުފިޔާއިން އެ ސްޓޭޝަން ޖޫރިމަނާކުރަން ނިންމީ، ރައީސް އަބްދުﷲ ޔާމީންގެ އަބުރަށް ހުތުރުވާ ފަދަ ދޮގު މައުލޫމާތު ގެނެސްދީފައިވާތީ އާއި ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ކޮންޓެންޓް ބްރޮޑްކާސްޓްކޮށްފައިވާތީ ކަމަށެވެ.
މީގެ ކުރިން ވެސް އެ ސްޓޭޝަން އެކި ފަހަރުމަތިން ވަނީ ޖޫރިމަނާކޮށްފަ އެވެ.