ހަބަރު

އޮޅުވާލައިގެން ނޫނީ ރައީސް ޔާމީނަށް ކާމިޔާބު ނުހޯދޭނެ: އިބޫ

ހދ. ނެއްލައިދޫއިން: ނާޒިމް ހަސަން
Aug 12, 2018
15

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ހަމަ އެކަނި ގޮތަކީ އިންތިހާބު އޮޅުވާލުން ކަމަށާއި ނަމަވެސް އެކަމަށް ފުރުސަތު ނުދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްބރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ވިދާޅުވެއްޖެ އެވެ.

ހދ. އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންނެނުމަށް ފައްޓަވާފައިވާ ދަތުރުގައި މިއަދު މެންދުރުފަހު ނެއްލައިދޫއަށް ވަޑައިގެން އިބޫ ވިދާޅުވީ، ރައީސް ޔާމީނަށް ވޯޓު ދޭނެ ރައްޔިތެއް ނެތް ކަމަށެވެ. މަދު ރަށަކުން ނޫނީ ރައީސް ޔާމީނަށް އަގުލަބިއްޔަތު ހޯދޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އެހެންވެ އިންތިހާބު އޮޅުވާލުމަށް ރައީިސް ޔާމީން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.

"އެކަމަކު އެ ފުރުސަތެއް އަޅުގަނޑުމެން ނުދޭނަން، މި ރަށުގެ ފޮއްޓަކާ ނުކުޅެވޭނެތޯ، އަޅުގަނޑަށް ޔަގީން ތިޔަބޭފުޅުން ތިޔަ ގޮތަށް ތިއްބަވަނިކޮށް ނުކުޅެވޭނެކަން، ރާއްޖޭގެ އެހެން ރަށްތައް ވެސް އޮތީ ތިޔަގޮތަށް، ވޯޓު ފޮށި ތެރެއަށް އަތް ބާނައިގެން އޮޅުވާލަން ކުރާ މަސައްކަތަކީ ބޭކާރު މަސައްކަތެއް،" އިބޫ ވިދާޅުވި އެވެ.

އިބު ވަނީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށްރަށުގައި ވޯޓުލުމަށް އެއް ލައްކަ މީހުން ރީ ރަޖިސްޓްރީވާން ފޯމް ހުށަހަޅާފައިވާ ކަމަށް ތަފާސް ހިސާބުތައް ދައްކާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އިބޫ ވިދާޅުވީ، އެއީ ޝައްކު އުފެދޭ ކަމެއް ކަމަށެވެ. ރީ ރަޖިސްޓްރީ މެދުވެރިކޮށް އިންތިހާބު އޮޅުވާލަން ކުރާ މަސައްކަތަށް ފާރަވެރިވާންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"ރީ ރަޖިސްޓްރީކުރި މީހުން ވެސް ރަޖިސްޓްރީ ނުކުރާ މީހުން ވެސް ބަލަންވީ، ވޯޓުލާން ރަޖިސްޓްރީވެފަ އޮތީ ކޮންތާނުތޯ ބައްލަވާ، ރަޖިސްޓްރީވީ ތަނުގަ ނޫނީ އަމިއްލަ ރަށުގައި ނެތް ކަމަށްވާނަމަ ޝަކުވާ އަޅުގަނޑުމެންނާ ހަމައަށް ގެނޭ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، މި ސަރުކާރުން ރާއްޖެއަށް ގެނެސްފައިވާ ކޮރަޕްޝަނާއި އަނިޔާވެރިކަމާއި ފަސާދައިން ގައުމު ސަލާމަތްކޮށް ދެއްވާނެ ކަމަށެވެ. އެކަން ހާސިލްވާނީ އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބަލިކުރަން ރައްޔިތުން ވޯޓުދީގެން ކަމަށެވެ.

ނެއްލައިދޫގައި އިދިކޮޅު އިއްތިހާދުގެ ޖަގަހަ ހުޅުވައިދެއްވުމަށްފަހު އިބޫ ވަނީ އެ ރަށަށް ކޮށް ދެއްވާނެ ކަންކަން ވެސް ހާމަކުރައްވާފަ އެވެ. އެގޮތުން އިބޫ ވިދާޅުވީ، ތަރައްގީގެ މާބޮޑު ކަމެއް މި ސަރުކާރުން ނެއްލައިދޫއަށް ކޮށްދީފައިނުވާ ކަމަށެވެ. ނެޓްބޯޅަ ކޯޓެއް އަޅައިދީފައިވާ ކަަމަށް ސަރުކާރުން ހާމަކޮށްފައިވީ ނަމަވެސް އެ ކޯޓެއް އެޅިކަން އެނގޭ ރައްޔިތެއް ރަށުގައި ނެތް ކަމަށެވެ.


"ފުޓްސަލް ދަނޑުގެ ވަށާ ފާރު ރޭނުން ނޫން ކަމެއް މި ރަށަށް ކޮށްދީފައެއް ނެތް، ބަނދަރު ހެދި އެމްޑީޕީގެ ސަރުކާރުން، އެކަމަކު ބަނދަރު އޮތް ގޮތުން ދަތިވާތީ ޝަކުވާތައް ލިބޭ، ރައްޔިތުން ބޭނުންވާ ގޮތަށް ބަނދަރު ބަދަލުކޮށްދޭނަން، ނަރުދަމާ ގާއިމުކުރުމަކީ މެނިފެސްޓޯގައި ލިޔެފައިވާ ކަމެއް، ހުރިހާ ރަށަކަށް ދޭނެ ވާހަކަ އޮންނާނެ، މި ރަށުގެ ނަރުދަމާ ވަރަށް އަވަހަށް އެޅޭނެ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އެއް ދަންފަޅިއަށް ސްކޫލްތަކުގައި ކިޔައިދޭން އަލުން ފެށުމަކީ ގެންގުޅުއްވާ ސިޔާސަތެއް ކަމަށާއި ނެއްލައިދޫ ސްކޫލް އެއް ދަންފަޅިއަށް ބަދަލުކުރުމަށް ބޭނުން ވަނީ ދެ ކްލާސް ރޫމް ކަމަށެވެ. އެކަން ކޮށް ދެއްވައި ނެއްލައިދޫ ސްކޫލް އަލުން އެއް ދަންފަޅިއަށް ބަދަލު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ސިއްހީ މަރުކަޒުގެ ހިދުމަތްތައް ވެސް ރަނގަޅު ކޮށް ދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.