ހަބަރު

ފްލެޓާއި ގޯތި ލިބޭ "ހިޔާ އެކޮމްޕްލިޝްޑް"ގެ 3000 ފޯމް ދޫކޮށްފި

ރާއްޖޭގެ ތިންލައްކަ މީހުންގެ އާބާދީ އެއްތަންކޮށް ތަރައްގީ އާއި ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީން ވައުދުވެ ވަޑައިގެންނެވި "ހިޔާ އެކޮމްޕްލިޝްޑް" މަޝްރޫގައި 3000 އަށް ވުރެ ގިނަ ފޯމް ދޫކޮށްފި އެވެ.

ވިލިމާލެ 2 އަކާއި ފުށިދިއްގަރު ހިއްކައިގެން ކުރިޔަށް ގެންދާ މި މަޝްރޫގައި އަޅާ ފްލެޓާއި ދޫކުރާ ގޯތި ހޯދަން ފޯމް ދޫކުރަން ފެށީ މިދިޔަ އަނގާރަ ދުވަހުގަ އެވެ. "އަވަސް"އާ ވާހަކަދައްކަވަމުން ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލް ވިދާޅުވީ މިއަދާ ހަމަޔަށް އައިއިރު 3000 އަށް ވުރެ ގިނަ މީހުން ފޯމް ދޫކޮށްފައިވާ ކަމަށެވެ. އަދި ފޯމްތައް ބަލައިގަންނަން ފަށާނީ އަންނަ ބުދަ ދުވަހު ކަމަށާއި އެކަމާ ބެހޭ އިންތިޒާމްތައް ހަައުސިން މިނިސްޓްރީގެ ތެރެއިން ލިބޭނެ ގޮތްތައް ހަމަޖައްސަމުން އަންނަ ކަމަށް ފަޒާލް ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ވައުދާ އެއްގޮތަށް ވީހާވެސް ގިނަ ބަޔަކަށް ޓާގެޓު ކުރެވިގެން މި މަޝްރޫއު މި ގެންދަނީ، އެކަން ފުރިހަމަކޮށް ދެވޭތޯ މިނިސްޓްރީއިން މަސައްކަތް މި ކުރަނީ،" ފަޒާލް ވިދާޅުވި އެވެ.

ވިލިމާލެ ދޭއްގެ މަޝްރޫއަކީ މާލެ އާއި ކައިރީގައިވާ ދެ ފަޅެއް ހިއްކައިގެން އެތަން އާބާދުކުރުމުގެ ބިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން މުޅި ގުޅީފަޅު ހިއްކާނެ އެވެ. އެއީ 230 ހެކްޓަރެވެ. އެ ބިމުން 130 ހެކްޓަރުގައި 1000 އަކަފޫޓްގެ 82000 ފްލެޓް އަޅާނެ އެވެ. އަދި ޒަމާނީ ސިޓީއެއްގެ ހުރިހާ ސިފަތަކަކާއެކު އެތަން ތަރައްގީ ކުރާނެ އެވެ. އަދި މާލެ ކައިރީގައި އޮންނަ ފުށި ދިއްގަރު ފަޅުވެސް މި މަޝްރޫއުގެ ދަށުން ހިއްކާނެ އެވެ. އެއީ ގާތްގަނޑަކަށް 800 ހެކްޓަރެވެ. އެހެންކަމުން ހިޔާ އެކޮމްޕްލިޝް މަޝްރޫއުގެ ދަށުން ޖުމްލަ 1000 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. ފުށި ދިއްގަރު ފަޅުގައި ހިއްކާ ބިމުން ދޫކުރާނީ ގޯއްޗެވެ. ގޯތިވެސް ދޫކުރަނީ 1000 އަކަފޫޓުގެ ގޯއްޗެވެ.