ހިޔާ މަޝްރޫއު

ހިޔާގެ ކުލި 5،300ރ. އަށް ކުޑަކޮށްފި

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި 5،300ރ. އަށް ކުޑަކޮށްފި އެވެ.

ހިޔާ ފްލެޓުތަކުގެ ކުލި ކުޑަ ކުރިކަން ސަރުކާރުން އިއުލާނުކުރީ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ހިޔާ ފްލެޓުތަކުގެ ފިނިޝިން ނުނިންމާ ހުރުމުގެ ސަބަބުން ފްލެޓު ލިބުނު މީހުން ބޮޑެތި ހޭދަތަކެއް ކުރަން ޖެހުނު ކަމަށެވެ.

"މި ހުރިހާ ކަންކަމަށް ރިއާޔަތްކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ހިޔާ ފްލެޓުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް، ވަކި ފަރާތެއް ތަފާތުކުރުމެއް ނުކޮށް ހުރިހާ އާއިލާތަކަށް ކުލި ދެއްކުމުގައި ލުއި ގޮތެއް ހޯއްދަވާ ދެއްވުމަށް ނިންމަވާފަ،" އަކްރަމް ވިދާޅުވި އެވެ.

ހިޔާގެ ކުލީގެ ގޮތުގައި ކުރިން 7،500ރ. ދައްކަން ޖެހުނު ނަމަވެސް ލުއި ދިނުމުން ހަތް އަހަރު ދުވަހަށް މަހަކު ދައްކަން ޖެހޭނީ 5،300ރ. ކަމަށް އަކްރަމް ވިދާޅުވި އެވެ.

"މި ގޮތުން މިހާރު ނިންމާފައިވަނީ ކުރިން ދައްކަމުން އައި 7،500ރ. ގެ ބަދަލުގައި ހަތް އަހަރު ދުވަހުގެ މުއްދަތަށް ކޮންމެ އަހަރަކު މަހަކު 5،300ރ. ދައްކާ ގޮތަށް،" އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވި ގޮތުގައި މިއީ ކުލި ދެއްކުމުގައި ދެވުނު ލުޔެކެވެ.

"ކުލި ކުޑަކުރީކީ ނޫން. ލުޔެއް ގެނެވުނީ،" އަކްރަމް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު ވިދާޅުވީ ލުޔާއެކު ކުލި 5،300 ރުފިޔާއަށް ކުޑަކުރި ނަމަވެސް މެއިންޓަނަސް ފީގެ ގޮތުގައި މަހަކު 1،000 ރުފިޔާ ނަގާނެ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު ވިދާޅުވި ގޮތުގައި ދެވޭ ލުއިގެ ސަބަބުން ލޯނުގެ މުއްދަތު 25 އަހަރުން 27 އަހަރަށް އިތުރުވާނެ އެވެ.

ލުއިގެ މުއްދަތަށްފަހު ކުލީގެ ގޮތުގައި ނަގަމުންދާނީ 7،500 ރުފިޔާ ކަމަށް އާތިފު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި "ހިޔާ"ގެ ނަމުގައި ކުރިއަށް ގެންދިޔަ މަޝްރޫއެއްގެ ތެރެއިން 7،000 ފްލެޓްގެ ބޮޑު ބައި ނިންމި އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ނިންމާފައި އޮތީ ހިޔާ ފްލެޓަކަށް މަހު ކުލީގެ ގޮތުގައި 5،500 ރުފިޔާ ދައްކާ ގޮތަށެވެ.

މިސަރުކާރު ވެރިކަމާ ހަވާލުވެ އެ އަދަދު ވަނީ 8،500 ރުފިޔާއަށް އިތުރުކޮށްފަ އެވެ. އެއީ މަހު ކުއްޔަށް 7،500 ރުފިޔާއާއި މެއިންޓަނަސް ފީގެ ގޮތުގައި 1،000 ރުފިޔާ އެވެ.

މިސަރުކާރުން ކުރިން ބުނި ގޮތުގައި ހިޔާ ފްލެޓް އަޅަން ނަގާފައިވާ ލޯނަށް ދައްކަންޖެހޭ އަދަދު ބޮޑުވުމާ ގުޅިގެން 7،500 ރުފިޔާ އަކީ ކުލި ކުޑަކޮށްދެވޭނެ އެންމެ ކުޑަ އަގެވެ.