ހިޔާ މަޝްރޫއު

ހިޔާ ފްލެޓަށް ސަރުކާރުން 3.7 ބިލިއަން ރުފިޔާ ސަބްސިޑައިޒްކޮށްފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުގެ މުޅި ޕްރޮޖެކްޓަށް ސަރުކާރުން 3.7 ބިލިއަން ރުފިޔާ ސަބްސިޑައިޒްކޮށްފައިވާ ކަމަށް އާބަންކޯ އިން ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު ވިދާޅުވީ ހިޔާ ފުލެޓުގެ ހުރިހާ ހަރަދުތައް ހިމެނުމުން އެޕާޓްމަންޓަކުން މަހަކަށް ޖެހޭ ކުއްޔަކީ 10،000 ރުފިޔާ ކަމަށެވެ.

"ކޮންސްޓްރަކްޝަންގެ ހަރަދާއި ބިމުގެ އަގާއި ޕްރޮޖެކްޓް މެނޭޖުމަންޓުގެ ހަރަދާއި ސަޕްލިމެންޓަރީ އަދި އިދާރީ ހަރަދަށް ލޯނުގެ އިންސްޓޯލްމަންޓަށް ބަލާއިރު ކުލީގެ ގޮތުގައި ޖެހިފައި އޮތީ 10،000 ރުފިޔާ،" އާތިފު ވިދާޅުވި އެވެ.

އާތިފު ވިދާޅުވި ގޮތުގައި ހިޔާގެ ކުލީގެ ގޮތުގައި ނަގާ 7،500 ރުފިޔާއަކީ ހަމައެކަނި ކޮންސްޓްރަކްޝަނަށް ހަރަދުވި އަދަދެވެ.

ހިޔާގެ ކޮންމެ އެޕާޓްމަންޓަކުން ސަރުކާރުން 555،000 ރުފިޔާ ސަބްސިޑައިޒްކުރާ ކަމަށާއި މުޅި ޕްރޮޖެކްޓަށް އެއީ 3.7 ބިލިއަން ރުފިޔާ ކަމަށް އާތިފު ވިދާޅުވި އެވެ.

ހިޔާ ޕްރޮޖެކްޓު ހަމަޖެހިގެން އައިއިރު ފިނިޝިން މަސައްކަތް ލޯނު ތެރޭގައި ނުހިމެނޭ ކަމަށް އާތިފު ވިދާޅުވި އެވެ.

އާތިފު ވަނީ އެޕާޓްމަންޓް ލިބުނު މީހުންނަށް ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ނިންމުމަށް ކުލި ނުނަގާ ހަތް މަސް ދުވަހުގެ މުއްދަތެއް ދިންކަން ފާހަގަކުރައްވާފަ އެވެ.

ފިނިޝިން ނިންމުމަށް ބޮޑު ހޭދައެއް ކުރެވިގެން ދިއުމަކީ އެޕާޓްމަންޓް ލިބުނު މީހުންގެ ޝަކުވާއެއްކަމަށް އާތިފު ވިދާޅުވި އެވެ.

އެޕާޓްމަންޓް ނިންމުމަށް ބައެއް މީހުން ލޯނު ނެގިއިރު އެވަރެޖުކޮށް އެޕާޓްމަންޓްގެ ފިނިޝިންއަށް 130،000 ރުފިޔާ ހަރަދުވި ކަމަށް އާތިފު ވިދާޅުވި އެވެ.

ހިޔާ ފްލެޓުން ނަގަމުންދިޔަ 7،500 ރުފިޔާގެ ކުއްޔަށް ސަރުކާރުން މިއަދު ވަނީ ލުއި ދީފަ އެވެ. ލުޔާއެކު ކުރިއަށް އޮތް ހަތް އަހަރު ދުވަހަށް ކުއްޔަށް މަހަކު ނަގާނީ 5،300 ރުފިޔާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މެއިންޓަނަންސް ފީގެ ގޮތުގައި ކުރިންވެސް ނަގަމުން އައި 1،000 ރުފިޔާ ނަގާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.