ހުޅުމާލެ

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކަން ފަށައިފި

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.

އާބަންކޯ އިން ބުނީ މި މަޝްރޫއަކި މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ތަފާތު އެތައް މައްސަލަތަކަކަށް ހައްލު ހޯދުމަށް ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އެއްބައި ކަމަށެވެ.

މިމަޝްރޫއުގެ ދަށުން 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ.

އާބަންކޯ އިން ބުނީ މި މަޝްރޫއަކީ މާލޭގެ ރައްޔިތުން އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ހޯދައިދީ، ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތް ހަގީގަތަކަށް ހަދައިދޭނެ މަޝްރޫއެއް ކަމަށެވެ.

އާބަންކޯ އިން ބުނީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައިވެސް ރައްޔިތުންނަށް ލުއިފަސޭހަވާނޭހެން ގިނަ ހިދުމަތްތަކާއި ވަސީލަތްތައް ގާއިމުކޮށް ތަރައްގީކުރަމުން ގެންދާނެ ކަމަށެވެ. މިގޮތުން މަގުތަކާއި ބްރިޖްގެ އިތުރުން ހިތްގައިމު ޕާކްތައް ހަދައި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށްވެސް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ.

"މިއީ ދިރިއުޅުމުގެ ވައްޓަފާޅި ބިނާކުރުމަށްޓަކައި ކުރިއަށް އެޅޭ ފިޔަވަޅެއް،" އާބަންކޯ އިން ބުނެ އެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ އިތުރުން ކުޑަގިރި، ތިލަފުށި، ގުޅިފަޅު އަދި ދިޔަނެރު ފަޅު ތަރައްގީކުރުމުގެ މަޝްރޫއު ވެސް އާބަންކޯ އިން ދަނީ ކުރަމުންނެވެ.

މި މަޝްރޫއުތަކަކީ ބޯހިޔާވަހިކަމަށް ދިމާވެފައިވާ ދަތިތަކުގެ އިތުރުން މާލެ ސަރަހައްދުގައި ސިނާއީ އަދި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ދިމާވާ ދަތިތަކަށްވެސް އެތައް ހައްލެއް ލިބިގެންދާނެ މަޝްރޫއުތަކެއް ކަމަށް އާބަންކޯ އިން ދެކެ އެވެ.