އާބަންކޯ

ދަ ގާޑަންސްގެ މަސައްކަތް ނިންމަން މިނިވަން ކޮންސަލްޓަންޓެއް ހަމަޖައްސަނީ

ހުޅުމާލޭގައި ޖާހް ކޮންސްޓްރަކްޝަން އިން ތަރައްގީކުރަމުން އަންނަ ދަ ގާޑަންސް އެޕާޓްމަންޓްތަކުގެ މަސައްކަތް ނިންމުމަށް މިނިވަން ކޮންސަލްޓަންޓެއް ހޯދުމަށް ނިންމާފައިވާ ކަމަށް އާބަންކޯ އިން ބުނެފި އެވެ.

އެ އެޕާޓްމަންޓްތައް ނުނިމި ގިނަ ދުވަސްތަކެއްވެފައިވާއިރު އެކަމުގެ ސަބަބުން އެޕާޓްމަންޓްތައް ގަތް މީހުންނަށްވާ ގެއްލުންތައް ކުޑަކޮށް ވީހާވެސް އަވަހަށް މަސައްކަތް ނިންމުމަށް އެ ކުންފުންޏާއެކު މަޝްވަރާކުރަމުންދާ ކަމަށް އާބަންކޯ އިން ވަނީ ބުނެފަ އެވެ.

އެގޮތުން މިކަން އެންމެ ރަނގަޅަށް ކުރުމަށްޓަކައި އެޕާޓްމަންޓްތަކުގައި ނުނިމި ހުރި މަސައްކަތްތައް އިތުރަށް ދެނެގަނެ މަސައްކަތްތައް ނިންމުމަށް ލަފާ ހޯދުމަށް މިނިވަން ކޮންސަލްޓަންޓެއް ހޯދުމަށް ނިންމާ އެ މަސައްކަތް ކުރަމުންދާ ކަމަށް އާބަންކޯ އިން ބުނެ އެވެ.

އާބަންކޯ އިން ބުނި ގޮތުގައި މިކަން ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ދަ ގާޑަންސް އިން އެޕާޓްމަންޓްތައް ގަތް ކަސްޓަމަރުންނަށް ވެސް ގެއްލުން ކުޑަކޮށް ޕްރޮޖެކްޓް ނިންމުމެވެ.

މިނިވަން ކޮންސަލްޓަންޓްގެ މަސްއޫލިއަތުތަކުގެ ތެރޭގައި ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތް އަގުކޮށް، އެ މަސައްކަތް ކުރާނެ ގޮތެއް ކަނޑައެޅުން ހިމެނެ އެވެ. އަދި މި ހޯދުންތަކަށް ބިނާކޮށް ކޮންސަލްޓަންޓް ދޭ ލަފާގެ މަތިން އާ ކޮންޓްރެކްޓަރަކާއި މަސައްކަތް ހަވާލުކުރެވޭނެ ކަމަށްވެސް އާބަންކޯ އިން ބުނެ އެވެ.

މި މަސައްކަތް ކުރަމުންދާއިރު ދަ ގަޑަންސް ގެ ކަސްޓަމަރުންނަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ކުރެވޭނެ ކަމަށާއި ބަދަލު ދިނުމުގެ ޒިންމާ ނަގާނީ ޖާހް އިންވެސްޓްމަންޓުން ކަމަށްވެސް އާބަންކޯ އިން ވަނީ ބުނެފަ އެވެ.

އާބަންކޯ އިން ބުނި ގޮތުގައި އެ ކޯޕަރޭޝަންގެ އަމާޒަކީ މި މަސައްކަތުގައި މިހާރު ވެވިފައިވާ އެއްބަސްވުންތަކާއި ޑިވެލޮޕަރުގެ ފަރާތުން ފުލެޓްތައް ގަނެފައިވާ މީހުންނާ ދެމެދުވެފައިވާ މުޢާމަލާތްތައް ބަލާ ދެ ފަރާތައްވެސް ގެއްލުން ނުވާނެހެން، 2024 ވަނަ އަހަރު ޖަނަވަރީ މަހު ނިންމާލުމެވެ.

ދަ ގާޑަންސް އެޕާޓްމެންޓްތަކުގެ މަސައްކަތް 30 ދުވަސް ތެރޭގައި ނިންމަން އަންގާ އާބަންކޯ އިން މިއަހަރުގެ ޖޫން މަހު ޖާހު އިންވެސްޓްމަންޓަށް ނޯޓިސްވެސް ދިނެވެ.