ދުނިޔެ

ޑްރޯން ހަމަލާގެ ތަހުގީގަށް އެމެރިކާގެ އެހީ ގަބޫލުކުރާނަން: މަޑޫރޯ

Aug 12, 2018

ކަރަކަސް (އޯގަސްޓް 12) - ޑްރޯންތަކެއް ގޮއްވާލައިގެން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އަވަހާރަކޮށްލަން ދިން ހަމަލާ ތަހުގީގު ކުރަން އެމެރިކާގެ އެފްބީއައިގެ އެހީ ގަބޫލުފުޅު ކުރައްވާނެ ކަމަށް މަޑޫރޯ ވިދާޅުވެއްޖެ އެވެ.

ހަމަލާގައި ފަހަތުގައި ތިބި މީހުން، އެމެރިކާގެ ފްލޮރިޑާ ސްޓޭޓަށާއި، ޕެރޫ އަދި ކޮލޮމްބިއާ އަށް ފިލައިގެން ގޮސްފައިވާ ކަމަށް މަޑޫރޯ ވަނީ ތުހުމަތު ކުރައްވާފަ އެވެ.

އެ ހަމަލާގެ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް އެފްބީއައި އިން ބުނެފައި ވީނަމަވެސް، ވެނެޒުއޭލާއަށް ތަހުގީގު ޓީމެއް ފޮނުވުމާއި ގުޅޭގޮތުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ.

މިދިޔަ މެއި މަހު ދެވަނަ ފަހަރަށް ރައީސްކަމަށް އިންތިހާބުވުމަށްފަހު، އެމެރިކާ އިސްވެ އޮވެގެން ވެރިކަން ވައްޓާލަން މަސައްކަތް ކުރާކަމަށް މަޑޫރޯ ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި މެއި މަހު ބޭއްވި އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބެއްކަމަށް ބުނެ، އެމެރިކާ އިން ވަނީ ވެނެޒުއޭލާ އާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ.

ދެ ޑްރޯން ގޮއްވައިލައިގެން ދިން ހަމަލާގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ 10 މީހުން ހައްޔަރުކުރެވިފައިވާއިރު، އޭގެ ތެރޭގައި އިދިކޮޅު މަޖިލީސް މެމްބަރުން ވެސް ހިމެނެ އެވެ.

ހަމަލާގައި ބައިވެރިވި މީހުންނަށް އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށް މަޑޫރޯ ވަނީ ވިދާޅުވެފަ އެވެ.

އެ ހަމާލާދީފައިވަނީ އެމެރިކާއަށް ވާގިދޭ ކޮލަމްބިއާގެ ޖަމާއަތަކުން ކަމަށް މަޑޫރޯ ވަނީ ފަހުން ވިދާޅުވެފަ އެވެ. އަދި އެ ހަމަލާގެ ފަހަތުގައި ކޮލަމްބިއާގެ ރައީސް ހުއާން މެނުއެލް ސަންޓޯސްގެ އަތެއް ވާނެ ކަމަށް ވެސް މަޑޫރޯ ވަނީ ތުހުމަތުކުރައްވާފަ އެވެ.

ނަމަވެސް، ކޮލަމްބިއާ ސަރުކާރުން ވަނީ މަޑޫރޯގެ އެއްވެސް "އަސާސެއް" ނެތް ތުހުމަތުތައް ދޮގުކޮށްފަ އެވެ.