ސިއްހަތު

ދަރިމައިވުން ކޮންޓްރޯލް ކުރަން އެހީވެދޭނެ އާ އީޖާދެއް

ދަރިމައިވުން ކޮންޓްރޯލް ކުރުމަށް ބޭނުންވާ މީހުންނަށް ހާއްސަ މޯބައިލް އެޕްލިކޭޝަންއެއް އެމެރިކާގެ ފުޑް އެންޑް ޑްރަގު އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ބަލައިގެންފި އެވެ. މި އެޕްގެ ނަމަކީ "ނެޗުރަލް ސައިކަލް" އެވެ. އެފްޑީއޭއިން މި އެޕްލިކޭޝަން ބަލައިގަތީ އެ އެޑްމިނިސްޓްރޭޝަނުން ހިންގާ ޑިޖިޓަލް ހެލްތު އިނޮވޭޝަން އެކްޝަން ޕްލޭނުގެ ދަށުންނެވެ.

މި އެކްޝަން ޕްލޭނުގެ މަގުސަދަކީ ސިއްހަތާއި ގުޅުންހުރި ކަންކަން ޓެކްނޮލޮޖީގެ އެހީގައި ބަލައި ދިރާސާކުރުމެވެ. އަދި ބޭނުންކުރާ ވަސީލަތެއްގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ލިބިދާނެ ގެއްލުމަކުން ޓެކްނޮލޮޖީގެ އެހީގައި ދުރުކޮށްދިނުމެވެ.

މި އެޕްގެ އެހީގައި ދަރިފަނީގެ ބާރުމިން ހުރިވަރާއި ހަށިގަނޑުގެ ފިނިހޫނުމިން ހުރި މިންވަރާއި އަދި އަންހެން މީހާގެ ޕީރިއަޑް ދުވަސްތައް އަންނާނެ ދުވަސްރު ލަފާކޮށްދޭނެ އެވެ. އެޕް ބޭނުންކުރުމަށް ޖެހޭނީ ތާމޯމީޓަރަކުން މީހާގެ ހަށިގަނޑުގެ ފިނިހޫނުމިން ބެލުމަށްފަހު ކޮންމެ ދުވަހަކު ހެދުނު މި އެޕަށް ތާމޯމީޓަރުން ދައްކާ އަދަދު އެންޓާކުރާށެވެ.

އެ އަދަދު އެޕްގައި ޖެހުމުން ރަތް ކުލައިން ދިއްލިއްޖެނަމަ މާނައަކީ ދަރިމައިވުމުގެ ފުރުސަތު ބޮޑުވަމުން އަންނަ ކަމަށާއި ދަރިއަކު ބޭނުން ނުވާކަމުގައި ވަނީނަމަ ރައްކާވެތިބުމަށެވެ. އަދި ފެހި ކުލައިން ދިއްލިއްޖެނަމަ އޭގެ މާނައަކީ ދަރިމައިވުމުގެ ފުރުސަތު ކުޑަ އެވެ.

ބާތް ކޮންޓްރޯލަށް ބޭސް ކާ މީހުންނާއި އަދި އެކި ކަހަލަ ހޯމޯނަލް ފަރުވާތައް ކުރާ މީހުން މި އެޕް ބޭނުންކުރުމުގެ ކުރިން އެކަން ހުއްޓާލަންޖެހޭނެ އެވެ. ލޭ މައްޗަށް ދާ މީހުންނާއި ހަކުރު ބައްޔާއި ކިޑްނީގެ މައްސަލަތައް އަދި ޖިންސީ ތަފާތު ބަލިތައް ހުންނަ މީހުން މި އެޕް ބޭނުންނުކުރުމަށް ވަނީ އިރުޝާދުދީފަ އެވެ.

ސްވިޑެންގައި 2014 ވަނަ އަހަރު ތައާރަފުކުރި މި އެޕަކީ ދަރިމައިވުމަށް ބޭނުންވާ މީހުންނަށްވެސް އެހީތެރިވާ އެޕެކެވެ. މިދިޔަ އަހަރު އިނގެރޭސިވިލާތުގެ މެޑިސިންސް އެންޑް ހެލްތުކެއާ ޕްރޮޑަކްޓްސް ރެގިއުލޭޓިން އެޖެންސީންވެސް ވަނީ މި އެޕް ބަލައިގެންފަ އެވެ.