ލައިފްސްޓައިލް

ހޭ ނާރަނީސް އަތުގެ އިޝާރާތުން ފޯނާ ކުޅެފި

އިންސާނުންނަށް މިހާރު އެންމެ ވަގުތު ކޮޅަކުވެސް ސްމާޓް ފޯނަކާ ނުލައި ނޫޅެވެ އެވެ. އެހާ ވަރަށް އެންމެން މިތިބީ ފޯނަށް ދެވި ހިފާފަ އެވެ. ދުވާލެއްގެ ކުޑަ ހިނދުކޮޅެއް ވެސް ފޯނާ ވަކިން ދިރިއުޅެން އަހަރެމެންގެ ތެރެއިން އެއްވެސް މީހަކަށް ކެތެއް ނުވެ އެވެ. އަދި އެކަމުން ވާނެ ސްޓްރެސް އާއި ލިބޭނެ ހިތާމަ ބަޔާން ކޮށްދޭން ވެސް ނޭނގޭނެ އެވެ.

ހޭވެރިކަން ނެތް ހާލުގައި ވެސް މީހަކު ފޯނާ ކުޅޭ ހަރަކާތްތައް ކުރަމުން ދިއުމަކީ އިންސާނުން ފޯނަށް ދެވި ހިފާފައިވާ މިންވަރު ހާމަވާ ރަނގަޅު މިސާލެކެވެ.

އޮޕަރޭޝަނެއް ކުރަން ހޭނައްތާފައި އޮތް އަންހެނަކު ހޭވެރިކަން ނެތް ހާލުގައި ވެސް އަތާއި އިނގިލީގެ ހަރަކާތުން ފޯނާ ކުޅޭ ގޮތް މަންޒަރުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވެފައި ވެއެވެ. އެމީހާ އޮތީ އޮޕަރޭޝަން ތިއޭޓަރެއްގައި ހުރި އޮޕަރޭޓިން ޓޭބަލްއެއްގެ މަތީގަ އެވެ. ހޭނެތިފައި އޮތް އިރުވެސް އޭނާގެ އަތުގެ ހަރަކާތުން ފޯނު ސްވައިޕް ކުރާއިރު ހަދާ ގޮތް ގޮތް ވައިގެ ތެރޭގައި ހަދަމުން ދިޔަ އެވެ.

ޑޮކްޓަރުން ބުނެފައިވާ ގޮތުގައި އެމީހާ ފޯނާ ކުޅޭ ހަރަކާތްތައް ގެނައީ ހޭ ނައްތާފައި ރަނގަޅަށް ހޭނާރާ އޮތް ވަގުތުގަ އެވެ. މި މީހާ ވަރަށް ގަދަ ގަދަޔަށް ފޯނާ ކުޅޭ ގޮތަށް ހަރަކާތްތައް ކުރަން ފެށުމުން ޑޮކްޓަރުން އޭނާ ކައިރީގައި ފޯނުގެ ސިގްނަލް ލިބޭތޯ ވެސް ސުވާލު ކުރާ އަޑު އިވެ އެވެ. އަދި "އާނއެކޭ" ބުނެ އެމީހާ ޖަވާބު ދިނުމުން ޑޮކްޓަރުން ތިބީ ބުނާނެ އެއްޗެއް ވެސް ނޭނގިފަ އެވެ.

މި ވީޑިއޯ ވައިރަލް ވެފައި ވަނީ ޗައިނާގެ މައިކްރޯބްލޮގިން ޕްލެޓްފޯމް ސިނޯ ވީބޯ ގައެވެ. މިއީ ޗައިނާގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމެވެ. މި ވީޑިއޯ ކްލިޕް ބެލި ގިނަ ބަޔަކަށް މިއީ އަޖައިބު އަދި މަޖާ ކަމަކަށް ވެގެން ކޮމެންޓް ކޮށްފައި ވެއެވެ.

ކޮމެންޓުކުރި އެކަކު ބުނި ގޮތުގައި ޚުދް އޭނާއަށް ވެސް އޮޕަރޭޝަން ތިއޭޓަރުގައި އެފަދަ ތަޖުރިބާއެއް ކުރެވުނެވެ.