ސިއްހަތު

އެބްސް އަރުވަން ބޭނުންކުރާނެ ޑިވައިސްއެއް!

ހަށިގަނޑުގެ ބައްޓަން ރީތިކޮށްލައި އެބްސް އަރުވާލުމަކީ މިހާރު ކޮންމެ މީހަކުވެސް އެންމެ ބޭނުންވާނެ ކަމެވެ. ބޮޑު ބަނޑެއް މިހާރު މީހުން ބޭނުމެއް ނުވެ އެވެ. އެކަމަކު އެބްސް އެރުވުމަކީ އެހާ ފަސޭހަވެސް ކަމެއް ނޫނެވެ. ކިރިޔާވެސް އެބްސް އަރާވަރު ވަނީ އާދަކޮށް ތިން ހަތަރު މަހު ޖިމަށް ގޮސްލައި ރަނގަޅަށް ކަސްރަތުކޮށްލާއި ހިސާބުންނެވެ.

ޖިމަށް ނުގޮސް އަދި ކަސްރަތުވެސް ނުކޮށް އެބްސް އެރުވިދާނެ ގޮތެއް އެކަމަކު އެބަ އޮތެވެ. އެބްސް އަރުވަން ބޭނުންވާ މީހުނަށް ހާއްސަ ޑިވައިސްއެއް މިހާރު ވަނީ ތައާރަފުކޮށްފަ އެވެ. "އެމްސްކަޕްޓް" ކިޔާ މި ޑިވައިސްއަކީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޓީވްއިން ބަލައިގެންފައިވާ ޑިވައިސްއެކެވެ.

"އެމްސްކަޕްޓް" ހަށިގަނޑުގެ މަސުލް މާސް 16 ޕަސެންޓް އިތުރުކޮށްދެ އެވެ. އަދި މީހާގެ އުނަގަނޑު ފުޅާމިން 19 ޕަސެންޓަށް ކުޑަކޮށްދެ އެވެ. މި ޑިވައިސް ބޭނުން ކުރަނީ މިކަމަކަށް ހާއްސަ ޓްރީޓްމަންޓެއްގަ އެވެ. މި ޓްރީޓްމަންޓް ނަގައިގެން ދެ ހަފްތާގެ ތެރޭގައި ނަތީޖާ ނެރެވިދާނެ އެވެ. އެއީ މަދުވެގެން ހަފްތާއެއްގެ ދެ ދުވަހު، 30 މިނެޓުގެ ސެޝަންއެއް ނަގާނަމަ އެވެ.

މި ޑިވައިސް ބޭނުން ކޮށްގެން އެއްވެސް ކަހަލަ ތަދެއް ނުވާނެ އެވެ. މީގައި އިންނާނީ ރަބަރު ޕެޑެއް ހަރުކޮށްފަ އެވެ. ހަށިގަނޑުގައި އެބްސް އަރުވަން ބޭނުންވާ ހިސާބުގައި މި ޑިވައިސް ޖެއްސުމުން އިލެކްޓްރޯމެގްނެޓިކް ވޭވްސްތަކެއް ފޮނުވާނެ އެވެ. އެއާއެކު އުފެދޭ ވައިބްރޭޝަންއާއެކު ހަށިގަނޑުގެ މަސްތަކަށް ކަސްރަތު ލިބޭނެ އެވެ. ސަރުބީތައް ވެސް ވިރޭނެ އެވެ.

އެބްސްގެ އިތުރުން ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ކަސްރަތު ހޯދައިދިނުމަށް ވެސް މި ޑިވައިސް ބޭނުންކުރެ އެވެ.

މި ޑިވައިސް ބޭނުންކޮށްގެން ހަދާ ޓްރީޓްމަންޓް އަގުވެސް ބޮޑެވެ. ޝެޝަނެއްގައި 30 މިނެޓް އިންނައިރު، ކޮންމެ ޝެޝަނަކަށް 750 ޑޮލަރު ހަރަދުވެ އެވެ. މުޅި ޓްރީޓްމަންޓް އެއްކޮށް ނަގާނަމަ 3،000 ޑޮލަރު ހޭދަވާނެ އެވެ. އަދި މި ޓްރީޓްމަންޓްއިން ނުކުންނަ ނަތީޖާ ދާއިމީކޮށް ބަހައްޓަން ބޭނުންނަމަ އާދަކޮށް މިކަން ކުރަންޖެހެ އެވެ.