ހަބަރު

ތިމަރަފުށީގެ ފެނުގެ ނިޒާމް ރައީސް އިފްތިތާހުކޮށްދެއްވައިފި

ތ ތިމަރަފުށީގެ ފެނުގެ ނިޒާމް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިފްތިތާހުކޮށްދެއްވައިފި އެވެ.

ތ އަތޮޅުގެ ރަށްތަކުގައި މި ސަރުކާރުން ކުރިއަށްގެންދިޔަ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މިހާރު ގެންދަވަނީ ތ އަތޮޅަށް ދަތުރުކުރައްވަމުންނެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންފައިވަނީ ތިމަރަފުއްޓަށެވެ. ތިމަރަފުއްޓަށް ވަޑައިގެން ރައީސް ޔާމީން ވަނީ އެރަށުގެ ފެނުގެ ނިޒާމްގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފަ އެވެ.

ތ ތިމަރަފުށީ ފެނުގެ ނިޒާމަކީ ސަރުކާރުގެ ބަޖެޓުން 28 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގާއިމްކޮށްފައިވާ ނިޒާމެކެވެ.

މި ދަތުރުފުޅުގައި ރައީސް ދެން ވަޑައިގަންނަވާނީ އެ އަތޮޅު ވޭމަންޑޫއަށެވެ.