ގައުމުގެ ސަލާމަތާއި އަމާންކަން ދެމެހެއްޓުމަށްޓަކައި ހައްދުފަހަނައަޅާފައިވާ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް ސަލާމަތީ ބާރުތަކާއި މުޖުތަމައުގެ ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ދީނީ ހައްދުފަހަނައެޅުންތައް ހުއްޓުވުމަށް ގައުމީ ފެންވަރުގައި ކުރާނެ މަސައްކަތްތަކެއް ކަނޑައެޅުމަށް ގައުމީ އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އެމްއެންޑީއެފް އިން މިއަދު ވަނީ ފަށާފަ އެވެ. އަދި މި އެކްޝަން ޕްލޭން އެކުލަވާލުމަށް މިއަދު ވަނީ ކަމާބެހޭ ގިނަ ފަރާތްތަކަކާއެކު ހާއްސަ ކޮންފަރެންސެއް ބާއްވާފަ އެވެ.
މި ކޮންފަރެންސް ފައްޓަވައިދެއްވުމަށް ވަޑައިގެން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖެއަކީ އެއްބައިވަންތަ ގައުމެއް ކަމަށެވެ. އެހެންކަމުން ދިވެހިންގެ ހަމަޖެހުމާއި ދިވެހި ވަންތަކަން ރައްކާތެރިކުރުމަށްޓަކައި ދީނީ ހައްދުފަހަނަ އަޅާފައިވާ ކަންތައްތައް މުޖުތަމައުގެ ތެރެއިން ނައްތާލަން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގައި ހިމެނޭ ކައުންޓަ ރެޑިކަލައިޒޭޝަން ކޮމިޓީއާއި ކައުންޓަ ޓެރަރިޒަމް ސްޓިއަރިން ކޮމިޓީގައި ހިމެނޭ މިނިސްޓްރީތަކާއި ދައުލަތުގެ މުއައްސަސާތަކާއި ޒުވާނުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ކުންފުނިތައް ބައިވެރިކޮށްގެން މިއަދު ބޭއްވި މިކޮންފަރެންސް ގައި ރާއްޖެއިން ބޭރުގެ ކައުންޓާ ޓެރަރިޒަމްއާ ބެހޭ އެކްސްޕާޓުންނާއި ޔޫއެންޑީޕީ އަދި އިސްލާމިކް ޔުނިވަސިޓީ އާއި އިސްލާމިކް މިނިސްޓްރީގެ ބޭފުޅުން ވަނީ ވާހަކަދައްކަވާފަ އެވެ.
މިކޮންފަރެންސް ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ.