ކުޅިވަރު

ކީޕަރު އިމްރާން މާޒިޔާ އަށް ސޮއިކޮށްފި

ރާއްޖޭގެ ގައުމީ ޓީމުގެ ގޯލްކީޕަރު އިމްރާން މުހައްމަދު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް މިއަދު ސޮއިކޮށްފި އެވެ.

އަންނަ އަހަރުގެ ސީޒަންގައި މާޒިޔާ އަށް ކުޅުމަށް ފާއިތުވި ތިން ސީޒަންގައި ނިއު ރޭޑިއަންޓްގެ ގޯލު ބެލެހެއްޓި އިމްރާން މާޒިޔާ އަށް ސޮއިކުރީ މިއަދު މެންދުރު ފަހު މަޒާޑާ ކެފޭގައި އޮތް ރަސްމިއްޔާތެއްގަ އެވެ. މާޒިޔާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ ޗެއާމަން އަހުމަދު ސާޖިދެވެ.

"މާޒިޔާ އަކީ ވަރަށް ރަނގަޅަށް ހިނގަމުން އަންނަ ކްލަބެއް. މިހާތަނަށް މާޒިޔާ އަށް އެ ކްލަބުން އުންމީކުރާ ވަރުގެ ކާމިޔާބެއް ނުލިބުނަސް، އަންނަ އަހަރު އެ ކްލަބުން ބޭނުންވާ ވަރުގެ ކާމިޔާބެއް ހޯދުމަށް އަޅުގަނޑަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން،" އިމްރާން ބުންޏެވެ. "އަޅުގަނޑު އަބަދު ވެސް ބަލަނީ އަޅުގަނޑު ކުޅޭ ޓީމެއް މޮޅުކޮށްދޭން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަން."

ފާއިތުވި ދެ ސީޒަންގައި ނިއުގެ ކެޕްޓަންކަންކުރި އިމްރާނަކީ ފާއިތުވި ތިން ސީޒަންގައި އެ ކްލަބުން ހޯދި ކާމިޔާބީތަކުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެއް ކުޅުންތެރިއާ އެވެ. ސީޒަންގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ނިއު އިން 2013 ވަނަ އަހަރު ތިން ތަށި ކާމިޔާބުކުރިއިރު އެ ކާމިޔާބީގައި އިމްރާންގެ ހިއްސާ ބޮޑެވެ.

މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނީ އިމްރާން މާޒިޔާއާ ގުޅުމަކީ އެ ކްލަބަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

"އަލީ އަޝްފާގް ނަގާފައި ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިއަކީ އިމްރާން. އެފަދަ ކުޅުންތެރިއެއް މާޒިޔާއާ ގުޅުމަކީ ޓީމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް އަދި ހިތްހަމަޖެހުމެއް،" ސުޒޭން ބުންޏެވެ.

މާޒިޔާ އިން އިމްރާން އެ ކްލަބަށް ސޮއިކުރި އަގެއް ހާމައެއްނުކުރެ އެވެ.

"އަޅުގަނޑުމެންނަކަށް ނޭނގޭ ނިއު ރޭޑިއަންޓް އިން ކުޅުންތެރިން ސޮއިކުރާ އަގެއް. އީގަލްސް އަށް ކުޅުންތެރިން ސޮއިކުރާ އަގެއް. އެހެންވީމަ ރެކޯޑް އަދަދެއްކަން ބުނަން އަޅުގަނޑުމެންނަކަށް ނޭނގޭ،" މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލް ވައްހާބް ވިދާޅުވި އެވެ. "އިމްރާން ވެސް މާޒިޔާގެ ހުށަހެޅުން ރަނގަޅުވީމަ މި ކްލަބާ ގުޅޭނީ. މާޒިޔާގެ ރެކޯޑް އަދަދެކޭ ވެސް ބުނެވޭކަށް ނެތް."