ހަބަރު

އެއާޕޯޓެއް ވިއްޔާ އަޅައިދެވޭނީ އަޅުގަނޑަށް: ރައީސް

ދެހާސް ތޭރަ ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވިއިރު ގެނައި މެނިފެސްޓޯގައި، އެންމެ އެއާޕޯޓް ބޭނުންވާ ރަށްތަކުގެ ގޮތުގައި ވަކިން އޮންނަ ރަށްތަކުގައި އެއާޕޯޓް އަޅައިދޭނެކަމަށް ލިޔެ ކަނޑައަޅާފައި އޮންނާނެ ކަމަށާއި އެހެންކަމުން މަކުނުދޫގައިވެސް އެއާޕޯޓް އަޅައިދޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ތ ވިލުފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރުމަށް އެރަށަށް ވަޑައިގެން ރަށުގެ އާންމުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ހދ އަތޮޅުގައި ވަރަށް އެކަހެރިކޮށް އޮންނަ މަކުނުދޫގައި އެއާޕޯޓެއް ނުވަތަ ސީޕްލޭން ބޭސްއެއް ގާއިމްކުރާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެސް ވަނީ ވިދާޅުވެފަ އެވެ. އިބޫ ވަނީ މިދިޔަ އާދީއްތަ ދުވަހު އެރަށަށް ވަޑައިގެން އާންމުންނާއި ބައްދަލުކުރައްވައި އެރަށަށް ވައިގެ މަގުން ދަތުރުކުރެވޭނެ ނިޒާމެއް ގާއިމްކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގަންނަވާފަ އެވެ.

އިބޫގެ އެ ވައުދުފުޅަށް އިޝާރާތްކުރައްވައި ރައީސް ޔާމީން މިއަދު ވިދާޅުވީ، ސަރުކާރުން މިހާތަނަށް ކަނޑައަޅައި އިއުލާންކޮށްފައިވަނީ، މިހާރުން މިހާރަށް ހަދަން ނިންމާފައިހުރި އެއާޕޯޓްތަކުގެ ނަންތައް ކަމަށެވެ. ނަމަވެސް އެ އެއާޕޯޓްތަކުގެ އިތުރަށް އެކަހެރިވެކޮށް އޮންނަ ރަށްތަކުގައިވެސް އެއާޕޯޓް އެޅުމަކީ އެމަނިކުފާނު 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި މެނިފެސްޓޯގައި މާކުރިއްސުރެ ހިމަނާފައިވާ ކަމެއް ކަމަށެވެ. އެހެން ކަމުން އެ ވައުދު ފުރިހަމަ ކޮށް ނިމޭއިރު މަކުނުދޫގައި ވެސް އެއާޕޯޓެއް އޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އުންމީދު ކުރަންޖެހޭނީ އުންމީދުތައް ހަގީގަތަށް ހަދައިދީ އެ ކެޕޭސިޓީ ދައްކުވައިދީފައިވާ މީހެއްގެ ފަރާތުން ކަމަށެވެ. އެ ފަރާތަކީ އެމަނިކުފާނު ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހުންނާނެ ދުރުގައި ވަކިން އޮންނަ ރަށްތަކަށް އެއާޕޯޓް ގާއިމްކޮށްދޭނަމޭ ބުނެފަ. އެއީ އަޅުގަނޑު ކޮށްދޭނެ ކަމެއް. ވަކި ވަކި ރަށްތަކެއްގެ ނަންތައް ނެތީ. އެކަމަކު އެ ހުރިހާ ތަނެއްގައި އެއާޕޯޓް އެޅޭނެ ވާހަކަ އެހުރީ ދައްކާފައި. އެހެންވީމަ ކޮންމެހެން ނުޖެހޭ މަކުނުދޫގެ ވާހަކަ ބުނާކަށް، ވިލުފުށީގެ ވާހަކަ ބުނާކަށް. އެކަންކަން ނިމިގެންދާއިރު އެއާޕޯޓްތައް އެޅޭނެކަން އެއޮތީ ބުނެފައި،" ރައީސް ވިދާޅުވި އެވެ.

އެހެންކަމުން ތަރައްގީގެ ކަންތައްތައް ރަށްރަށުގައި ކަށަވަރުކުރުމަށް އެކަން ކުރެއްވޭނެ ވަރުގެ ބޭފުޅަކަށް ވޯޓުދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުގައި އެ ބޭފުޅަކީ އެމަނިކުފާނެވެ. އެކަން އެމަނިކުފާނު ވަނީ ދިވެހި ރައްޔިތުންނަށް މި ފަސް އަހަރުގެ ތެރޭގައި ސާބިތުކޮށްދެއްވާފަ އެވެ.

"އެއްގޮތަކަށް ވެސް މި ދައްކަނީ ފިކުރު ބަދަލުކުރަންޖެހޭ ވާހަކައެއް ނޫން. މި ދައްކަނީ ގައުމުގައި މިހާރު މި އޮތް މުއްސަނދިކަން އިތުރު މަރުހަލާއަކަށް ގެންދިއުމަށްޓަކައި ވިސްނުންތަކެއް ހިފައިގެން އައިސް އެ މަރުހަލާއަށް ރާއްޖެ އުފުލައިލިއޭ، އެ އުފުލައިލީ ހަމަ ގައިމުވެސް 2013 ވަނަ އަހަރު ހަވާލުވި ސަރުކާރަށް،" ރައީސް ވިދާޅުވި އެވެ.